Roadha Mihaaru
ދެކުނު އޭޝިއާ ޓެނިސް މުބާރާތަށް އިމާނީ، ނަބާ، ސާރާ

އައިޓީއެފްގެ ދެކުނު އޭޝިއާ މުބާރާތަށް އިމާނީ، ނަބާ އަދި ސާރާ

09 ސެޕްޓެމްބަރ 2021

އިންޓަނޭޝަނަލް ޓެނިސް ފެޑްރޭޝަންގެ ދެކުނު އޭޝިއާގެ 12 އަހަރުން ދަށުގެ ކޮލިފައިން މުބާރާތަށް ފޮނުވާ ޓީމު ފައިނަލް ކޮށްފި އެވެ.

އިންޓަނޭޝަނަލް ޓެނިސް ފެޑްރޭޝަންގެ ދެކުނު އޭޝިއާގެ 12 އަހަރުން ދަށުގެ ކޮލިފައިން މުބާރާތަށް ފޮނުވާ ޓީމު ފައިނަލް ކޮށްފި އެވެ.

ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ބާއްވާ އައިޓީއެފް ދެކުނު އޭޝިއާ ރީޖަނަލް 12 އަހަރާއި 12 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ އަންހެން ޓީމު އެކަންޏެވެ. ކޮންމެ ކެޓެގެރީއަކުން ވެސް ފުރުސަތު ދެނީ ތިން ކުޅުންތެރިންނަށެވެ. ރާއްޖޭގެ ޓީމުގައި ހިމެނެނީ އިމާނީ މޫސާ ކަލީމް، ނަބާ ނިޝާން އަދި ސާރާ ސާމީ މުހައްމަދު އެވެ.

ބަންގްލަދޭޝްގައި 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ވެސް ރާއްޖެއިން ވާދަކުރި އެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށެވެ. ދެކުނު އޭޝިއާގެ ހަތް ގައުމުން ވެސް ވާދަކުރާ މުބާރާތުގެ އެންމެ ގަދަ ދެ ޓީމު ކޮލިފައި ވާނީ އައިޓީއެފް އޭޝިއާ 12 އަހަރުން ދަށުގެ މުބާރާތަށެވެ. އެ މުބާރާތް ކުރިއަށްދާނީ މި އަހަރު ނޮވެމްބަރު މަހު ކަޒަކިސްތާންގަ އެވެ.

ދެކުނު އޭޝިއާ ރީޖަނަލް މުބާރާތުގައި ރާއްޖޭގެ ޓީމަށް ކޯޗް ކޮށްދޭނީ ނޭޕާލްގެ ކުމާރު އަދިކާރީ އެވެ. ކޮންމެ ގައުމަކުން އަންހެން އަދި ފިރިހެން ޓީމެއް ވާދަކުރުމުގެ ފުރުސަތު ދެ އެވެ. ނަމަވެސް ރާއްޖެ އިން ފިރިހެން ޓީމެއް ބައިވެރި ނުކުރަން ނިންމީ، 12 އަހަރާއި އަދި 12 އަހަރުން ދަށުގެ ކެޓެގެރީގައި އެހާވަރަށް ފިރިހެން ކުޅުންތެރިން ނެތުމުން ކަމަށް ޓެނިސް އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ޓީމު މިރޭ ޕާކިސްތާނަށް ފުރާނެ އެވެ.