Roadha Mihaaru
ފާއިހް މަގާމު ދިފާއުކޮށްފި، އަންހެން ޗެމްޕިއަނަކީ އާރާ

ފާއިހް މަގާމު ދިފާއުކޮށްފި، އަންހެން ޗެމްޕިއަނަކީ އާރާ

08 ޖޫން 2022

މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) ދިފާއު ކޮށްފި އެވެ.

މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) ދިފާއު ކޮށްފި އެވެ.

އަންހެން ސިންގަލްސް ފައިނަލުގައި ވާދަކުރީ، މިހާރު ރާއްޖޭގެ އަރަމުން އަންނަ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ، އާރާ އާސާލް އާޒިމާއި ނަބާ ނިޝާން އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އާރާ އެވެ.

އިތުރު ދެ ކެޓަގަރީ އަކުން ވެސް އާރާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޖޫނިއާ އޯޕަން ސިންގަލްސްގެ ޗެމްޕިއަންކަން ވެސް ހޯދީ އޭނާ އެވެ. އެ ކެޓަގަރީގެ ފައިނަލުގައި އޭނާ އާ ވާދަކުރީ މިއްޝަލް މުހައްމަދެވެ.

އާރާ ވަނީ މިކްސް ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަން ކަން ވެސް ހޯދައިފަ އެވެ. އާރާ އާއި މިކްސް ޑަބަލްސްގައި އޭނާގެ ޕެއާ ދާއިން މުހައްމަދު އަމީނުއާ ދެކޮޅަށް ނުކުތީ އަހްމަދު ޝިއާއު އާއި އައިޝަތު ޔުމުން ނިޔާޒުގެ ޕެއާ އެވެ.

އާރާ ތަމްރީން ހަދަމުން އަންނަނީ ތައިލެންޑްގަ އެވެ. މީގެ ކުރިން އޭނާ ވަނީ ގައުމީ ޓީމުގެ ސެލެކްޝަން މެޗުތަކުން އެއްވަނަ ހޯދައިފަ އެވެ. ސެލެކްޝަން މެޗުތަކުން އޭނާ އެއްވަނަ ހޯދީ ސީނިއާ ކުޅުންތެރިންނާ ވާދަކޮށެވެ. މިއީ ގައުމީ ލެވަލްގެ މުބާރާތެއް އޭނާ ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ޗެމްޕިއަން ޓައިޓަލްއާ (އާރާ) ހަވާލު ވަނީ މިއީ ގައުމީ ލެވަލް މުބާރާތެއްގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން އޭނާ ހޯދި ފުރަތަމަ ފަހަރު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުބާރާތުގެ ޗެމްޕިއަން ޓައިޓަލްއާ (އާރާ) ހަވާލު ވަނީ މިއީ ގައުމީ ލެވަލް މުބާރާތެއްގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން އޭނާ ހޯދި ފުރަތަމަ ފަހަރު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސިންގަލްސް އޯޕަން ފައިނަލުގައި ބަލިވިޔަސް، ރާއްޖޭގެ އެއްވަނަ، ނަބާ ވަނީ ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޑަބަލްސްގައި ނަބާ އާއި ނައިރާ އުސާމާ އަލީ އާ ދެކޮޅަށް ފައިނަލުގައި ވާދަކުރީ އަލްޔާ ރަޝީދު އާއި ޔުމުން އެވެ.

އޯޕަން ފިރިހެން ސިންގަލްސް ކެޓަގަރީގައި، ފާއީ އާ ވާދަކުރީ އިގްނާޒް މަންސޫރެވެ. ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ފާއީ އާއި އޭނާގެ ބޭބެ އަހްމަދު ފާރިޒް ފަޒީލެވެ. ދެބެންނާ ދެކޮޅަށް ފައިނަލުގައި ނުކުތީ އަލީ ފާރިސް މުހައްމަދާއި ހުސައިން ނާޒިފެވެ.

ޖޫނިއާ އޯޕަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ، މުހައްމަދު ނޫހް ނާޒިހް އެވެ. ފައިނަލުގައި އޭނާ އާ ވާދަކުރީ އަނީފް އާދަމް އެވެ. އެކަމަކު އަނީފް ވަނީ ޖޫނިއާ ބައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެބައިގައި އޭނާގެ ޕެއާ އިޒްޔާން އިގްނާޒް މަންސޫރުގެ ޕެއާ އާ ދެކޮޅަށް ނުކުތީ ރައްޔާން ޔޫސުފް ރިޒާ އާއި މުހައްމަދު މީކާއީލްގެ ޕެއާ އެވެ. އަހްމަދު އަކުރަމްގެ ޕެއާ އެވެ.

ފިރިހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ފާއިހް ތައްޓާ ހަވާލު ވަނީ: މީގެ ކުރީގެ ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކުރީ އޭނާ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފިރިހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ފާއިހް ތައްޓާ ހަވާލު ވަނީ: މީގެ ކުރީގެ ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކުރީ އޭނާ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޖޫނިއާ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިމާނީ މޫސާ ކަލީމާއި އައިޝާ ޒޯޔާ އަލީގެ ޕެއާ އެވެ. ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ވާދަކުރީ ލުއުލުއާ ބިންތި ހުސައިން އަރީފް ސަރާހް އަހުމަދު އަކުރަމްގެ ޕެއާ އެވެ.

މޭރީ ބްރައުން ޗެމްޕިއަންޝިޕް މިފަހަރު މިބޭއްވީ އެއް އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މުބާރާތް ބާއްވާފަ އެއް ނުވެ އެވެ. އެ މުބާރާތުގައި ވެސް ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފާއީ އެވެ.

މިއީ ގާތްގަނޑަކަށް ހަތް މަސް ތެރޭ ފާއީ ހޯދި ދެވަނަ ތައްޓެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާގެ އެވޯޑް ހޯދި ފާއީ ވަނީ ޓެނިހުގެ ގިނަ މުބާރާތްތަކެއްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ އިތުރުން އޭނާ ދަނީ ޒުވާން ކުޅުންތެރިންނަށް ކޯޗު ކޮށް ދެމުންނެވެ.