Roadha Mihaaru
ޖޫނިއާ ގައުމީ ޓެނިސް ޓީމުގައި ނަބާ އާއި ޒަފަޔަން

ނަބާ އާއި ޒަފަޔާން ހިމަނައިގެން އައިޓީޓީއެފް ކޮލިފައިން އަށް ގައުމީ ޓީމު ނަގައިފި

09 ޖޫން 2022

ނިމިދިޔަ މޭރީ ބްރައުން ޗެމްޕިއަންޝިޕްގެ ކެޓަގަރީތަކުން ކާމިޔާބު ހޯދި، ނަބާ ނިޝާން އާއި އިބްރާހިމް ޒަފަޔާން ހިމަނައިގެން، އައިޓީޓީއެފް ކޮލިފައިން މުބާރާތަށް ޖޫނިއާ ގައުމީ ޓެނިސް ޓީމު އެކުލައވައިލައިފި އެވެ.

ނިމިދިޔަ މޭރީ ބްރައުން ޗެމްޕިއަންޝިޕްގެ ކެޓަގަރީތަކުން ކާމިޔާބު ހޯދި، ނަބާ ނިޝާން އާއި އިބްރާހިމް ޒަފަޔާން ހިމަނައިގެން، އައިޓީޓީއެފް ކޮލިފައިން މުބާރާތަށް ޖޫނިއާ ގައުމީ ޓެނިސް ޓީމު އެކުލައވައިލައިފި އެވެ.

އައިޓީޓީއެފް އޭޝިއާ މުބާރާތަށް، ދެކުނު އޭޝިއާ ޒޯނުން ކޮލިފައި ވަނީ ފައިނަލަށް ދާ ދެ ގައުމެވެ. އަންހެން އަދި ފިރިހެން ވަކި ކުޅޭ މުބާރާތަށް ކޮންމެ ކެޓަގަރީ އަކުން ތިން ޓީމެވެ. ނާޕޭލްގައި ކުޅޭ ކޮލިފައިން މުބާރާތް ކުރިއަށް ދާނީ މިއަންނަ ހޯމަ ދުވަހުން ފެށިގެން މިމަހު 18 އަށެވެ.

އަންހެން ޓީމުގައި ނަބަގެ އިތުރުން ދެން ހިމެނެނީ، މޭރީ ބްރައުން ޗެމްޕިއަންޝިޕްގެ 12 އަހަރުން ދަށުގެ ކެޓަގަރީގެ ސިންގަލްސް ޗެމްޕިއަން ކަން ހޯދި މަންހާ މުހައްމަދު އަލީގެ އިތުރުން އިމާނީ މޫސާ ކަލީމެވެ. މޭރީ ބްރައުން ޗެމްޕިއަންޝިޕްގައި އިމާނީ ވަނީ ޖޫނިއާ އޯޕަން ބައިގެ ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެބައިގައި އޭނާގެ ޑަބަލްސް ޕެއާ އައިޝާ ޒޯޔާ އަލީ ސުޒޭންގެ ޕެއާ އާ ވާދަކުރީ ލުލުއާ ބިންތި ހުސައިން އަރީފް އާއި ސަރާހް އަހުމަދު އަކުރަމްގެ ޕެއާ އެވެ. މޭރީ ބްރައުން ޗެމްޕިއަންޝިޕްގެ 12 އަހަރުން ދަށުގެ އަންހެން ފައިނަލުގައި މަންހާ އާއި ވާދަކުރީ ނީމް އަހުމަދު ސަލީމެވެ.

ނަބާ ވަނީ ސިންގަލްސް އޯޕަން ފައިނަލުގައި ކުޅެފަ އެވެ. އޭގެ އިތުރު އޯޕަން ޑަބަލްސް ކެޓަގަރީގައި ނަޔާރާ އުޝާމާ އަލީ އާއެކު ޕެއާވެ، ޗެމްޕިއަންކަން ހޯދައިފަ އެވެ. މިދިޔަ އަހަރު ޕާކިސްތާންގައި ބޭއްވި އައިޓިޓީއެފް ދެކުނު އޭޝިއާ ކޮލިފައިންގެ ތިން ވަނަ ހޯދި ރާއްޖޭގެ ޓީމުގައި ވެސް ނަބާ އާއި އިމާނީ ހިމެނުނެވެ.

އަންހެން ޓީމުގެ ކޯޗަކީ ނޭޕާލްގެ ކުމާރް އަދިކާރީ އެވެ. މުބާރަތަށް ފިރިހެން ޓީމުގެ ކޯޗެއްގެ ގޮތުގައި ދާނީ ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އެވެ. މިދިޔަ އަންގާރަ ދުވަހު މޭރީ ބްރައުން ޗެމްޕިއަންޝިޕް ދިފާއު ކުރި ފާއީ އަކީ މިހާރު ވެސް އަރަމުން އަންނަ ކުޅުންތެރިންނަށް ކޯޗު ކޮށް ދޭ ކުޅުންތެރިޔެކެވެ.

ޖޫނިއާ ފިރިހެން ޓީމުގައި ހިމެނޭ އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ މޭރީ ބްރައުން ޗެމްޕިއަންޝިޕްގެ 12 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ޒަފަޔަނާ އެވެ. ދެން ހިމެނެނީ މިކާ މުހައްމަދު ކަލީމް އާއި އާދަމް އާލް ނިޔާޒެވެ. ޕާކިސްތާންގައި ބޭއްވި މުބާރާތުގައި ރާއްޖެއިން ފިރިހެން ޓީމެއް ވާދައެއް ނުކުރެ އެވެ.

ބަންގްލަދޭޝްގައި 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ވެސް ރާއްޖެއިން ވާދަކުރި އެވެ.