Roadha Mihaaru
މާލެއިން ދަތުރުކުރުމުގައި ފިޔަވަޅުތައް ހަރުކަށިކޮށްފި

މާލެ އިން އެހެން ރަށްރަށަށް ދާއިރު ޕީސީއާރު ޓެސްޓް ލާޒިމުކޮށްފި

09 ޖެނުއަރީ 2022

މާލެ ސަރަަހައްދުގައި އަނެއްކާވެސް ހަލުވިކަމާއެކު، ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އިން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ދީފައިވާ ލުއިތައް ހަރުކަށިކޮށް، ފިޔަވަޅުތައް މިއަދު ވަރުގަދަކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަަހައްދުގައި އަނެއްކާވެސް ހަލުވިކަމާއެކު، ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އިން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ދީފައިވާ ލުއިތައް ހަރުކަށިކޮށް، ފިޔަވަޅުތައް މިއަދު ވަރުގަދަކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކޮންމެ ހަފުތާއަކު ނަގާ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތިވެފައިވާ ކަމަށެވެ. އެހެންވެ، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރު ކުރެވޭނީ އެޗްޕީއޭ އިން މިއަދު ކަނޑައެޅި ގޮތުން، ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު އެވެ.

އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ނަމަ، ޕީސީއާރު ޓެސްޓަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ އެ އިދާރާ އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދީފައިވެ އެވެ.

އޭރު ދިން ލުއިތަކުގެ ތެރޭގައި، ނެގެޓިވް ޕީސީއާރު ބޭނުންވާނީ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކަށް ދަތުރުކުރާނަމަ އެކަންޏެވެ.

ނަމަވެސް އެ އުސޫލަށް މިހާރު ގެނައި ބަދަލުގެ ސަބަބުން، ވަކި ގޮތެއް އަންގަންދެން، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކުގަ އެވެ.

ވެކްސިންގެ ޑޯޒުތައް ފުރިހަމަނުކުރާނަމަ 14 ދުވަހަށް ކަރަންޓީން ފުރިހަމަކުރަން ޖެހެ އެވެ. ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުންނެވެ. ނަމަވެސް އެފަދަ މީހުންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ނުހިމެނެ އެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލެއިން އެހެން ރަށްރަށަށް ދަތުރުކުރާއިރު "ކޮވިޑްސޭފް" ޕޯޓަލް އިން ނެގެޓިވް ނަތީޖާ ދައްކަންޖެހެ އެވެ. އަދި ކަރަންޓީންވާން ޖެހޭ މީހުން "ހާލު ބެލުން ޕޯޓަލް" އިން ހުއްދަ ހޯދަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް މާލެ ސަރަހައްދުގައި ވަރުގަދަކުރިއިރު، މިއީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރަށް ވުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކި ބޭނުންތަކަށް މާލެ އައިސްފަ އެވެ. އެހެންވެ، މާލޭގައި މި ވަގުތު އުޅޭ މީހުންގެ އާބާދީ ވެސް ވަރަށް ބޮޑަށް މައްޗަށް ގޮސް، ތޮއްޖެހުން ވަނީ ކުރިއަށް ވުރެ ބޮޑުވެފަ އެވެ.