Roadha Mihaaru
މާލެ އިން ކޮވިޑް ޖެހުނީ އެންމެ 15 މީހަކަށް

މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ އެންމެ 15 މީހުން، އެކްޓިވް ކޭސްތައް 3،200 އިން ދަށަށް

05 ޖުލައި 2021

ފާއިތުވި 24 ގަޑިއިރު ނެގި 4،913 ކޮވިޑް ސަމްޕަލުގެ ތެރެއިން މާލޭ ސަރަހައްދުން އެ ބައްޔަށް ޕޮޒިޓިވްވީ އެންމެ 15 މީހަކު ކަމަށް އެޗްޕީއޭގެ މިރޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފާއިތުވި 24 ގަޑިއިރު ނެގި 4،913 ކޮވިޑް ސަމްޕަލުގެ ތެރެއިން މާލޭ ސަރަހައްދުން އެ ބައްޔަށް ޕޮޒިޓިވްވީ އެންމެ 15 މީހަކު ކަމަށް އެޗްޕީއޭގެ މިރޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ އިދާރާ އިން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އިން ކޮވިޑަށް ޕޮޒިޓިވްވި 15 މީހުންނާ އެކު، އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް މުޅި ރާއްޖެ އިން ޖުމުލަ 129 މީހަކު އެ ބައްޔަށް ޕޮޒިޓިވްވި އެވެ. އެއީ ރަށްރަށުން 111 މީހުންނާއި ރިސޯޓުތަކުން ދޭއް އަދި ސަފާރީއަކުން އެކެކެވެ.

މިއާ އެކު ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 74،480 އަށް އެރީ އެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 71،029 މީހަކު އެ ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދު ވެސް 3،226 އަށް މިހާރު ވަނީ ދަށަށް ގޮސްފަ އެވެ.

ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މިހާރު ކޮވިޑް ޖެހިގެން ރާއްޖޭގެ އެކި ފެސިލިޓީތައް ހިމެނޭ ގޮތަށް ހޮސްޕިޓަލުގައި ފަރުވާދެނީ އެންމެ 25 މީހަކަށެވެ. އެ ބަލީގައި 213 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.