Roadha Mihaaru
ހިލޭ ޓެސްޓް ހެދޭނެ ގޮތްތައް އިތުރު ކުރަނީ

ހިލޭ ޕީސީއާރު ހެއްދޭނެ ގޮތްތައް އިތުރު ކުރަން މަސައްކަތް ކުރާނަން: އެޗްޕީއޭ

10 ޖެނުއަރީ 2022

މި ޗުއްޓީގައި އެކި ބޭނުންތަކަށް މާލެ އަށް އެތައް ހާސް ބަޔަކު އައިސްފައިވާއިރު، އޭގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވާ މީހުންނަށް ހިލޭ ޕީސީއާރް ޓެސްޓު ހެއްދޭނެ އިތުރު އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި ޗުއްޓީގައި އެކި ބޭނުންތަކަށް މާލެ އަށް އެތައް ހާސް ބަޔަކު އައިސްފައިވާއިރު، އޭގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވާ މީހުންނަށް ހިލޭ ޕީސީއާރް ޓެސްޓު ހެއްދޭނެ އިތުރު އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

މަހެއްހާ ދުވަހުގެ ސްކޫލް ޗުއްޓީ އަށް އަތޮޅުތަކުން ގިނަ ބަޔަކު މާލެ އައިސްފައި ވަނިކޮށް، މިއަދުން ފެށިގެން މާލެ އިން ފުރޭނީ ކޮވިޑް ޕީސީއާރު ޓެސްޓް ހަދައިގެން ކަމަށް އެޗްޕީއޭ އިން ވަނީ ކުއްލި ގޮތަކަށް ނިންމައިފަ އެވެ. އެއާއެކު ގިނަ އަދަދެއްގެ މީހުން ވަނީ ކޮވިޑަށް ޓެސްޓު ކުރުމަށް ކްލިނިކުތަކުގައި ބޮޑެތި ކިއޫތައް ހަދާލައިފަ އެވެ.

އެޗްޕީއޭ އިން ކުއްލި ގޮތަކަށް އެ ފިޔަވަޅު އެޅީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އަނެއްކާވެސް ހަލުވި ސްޕީޑެއްގައި ކޮވިޑް ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ. އެޗްޕީއޭ އިން ރޭ ކުރި އިއުލާނެއްގައި ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކޮންމެ ހަފުތާއަކު ނަގާ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތިވެފައިވާ ކަމަށެވެ.

ޕީީސީއާރު ޓެސްޓް ހެއްދުން އެޗްޕީއޭ އިން މަޖުބޫރު ކުރިއިރު، މާލޭގައި ހިލޭ އެ ޓެސްޓު ހެއްދޭ ހަމައެކަނި ތަނަކީ ސޯޝަލް ސެންޓަރުގައި ހަދާފައިވާ މަރުކަޒެވެ. ހުޅުމާލޭގައި މީގެ ކުރިން ޓެސްޓު ކޮށްދޭ ތަންތަން މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން "މިހާރު" އަށް ވިދާޅުވީ ފުރާ މީހުންނަށް ދެ ދުވަހުގެ މުއްދަތެއް ދޭން އެޗްޕީއޭ އިން ރޭ ނިންމީ ކިއޫތައް ކުޑަ ކުރުމަށާއި ހިލޭ ޕީސީއާރު ޓެސްޓު ހެދޭ ތަންތަނުން ބޮޑު ކިއޫއެއް ނުހަދާ ޓެސްޓް ހެދޭނެ ފުރުސަތު ދިނުމަށް ކަމަށެވެ.

އެޗްޕީއޭގެ ޓުވީޓް

"ބޭނުން ވަނީ 72 ގަޑިއިރު ހަމަ ނުވާ ޕީސީއާރު ޓެސްޓެއް. މިހާރު ދިން ލުއިގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފި ނަމަ އެހާ ބޮޑު ބުރައެއް ނުއުފުލާ ޓެސްޓު ހަދާލައިގެން ފަސޭހައިން ދެވޭނެ. ބޮޑު ކިއޫއެއް ހަދާކަށް ވެސް ނުޖެހޭނެ،" ތަހޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ހިލޭ ޕީސީއާރު ޓެސްޓު ހައްދައިދޭ ތަނެއް ހުޅުމާލޭގައި ގާއިމު ކުރުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ. ނަމަވެސް ދިގު މުއްދަތަކަށް އެފަދަ ތަނެއް ހޯދައި އެ އިންތިޒާމު ހަމަޖެއްސުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެކަމަށް ގިނަ ވަގުތު ނަގާ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް ރެންޑޮމް ސާމްޕަލް ނަގަން މާލޭގެ މަގުތަކަށް ނުކުންނަ ވޮލެންޓިއަރުން ވެސް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވޮލެންޓިއަރުން ނަގަންޏާ އެ މީހުން ރެންޑަމް ސާމްޕަލް އަށް ފޮނުވޭނީ ވެސް ތަމްރީން ކޮށްގެން. ގިނަ ގޮންޖެހުންތަކެއް އެބަހުރި .އެކަމަކު މި އިންތިޒާމްތައް ހަމަޖައްސަން މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

މާލޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ ވަރު ވަރަށް ދަށްކޮށް، އެއް ހަމައެއްގައި ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓިފައި އޮތުމަށް ފަހު، އާ އަހަރާ ދިމާކޮށް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ މުއްދަތުގައި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި އަތޮޅުތަކުގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އައިސްފަ އެވެ.

އެ ހުރިހާ ކަމަކާއެކު، ނައިޓް މާކެޓާއި އާ އަހަރުގެ ބޮޑު ޝޯތަކާއި ގިނަ އިވެންޓުތައް އެ ދުވަސްވަރު ބޭއްވިއިރު އެއްތަނަށް ގިނަ މީހުން އެއްވި އެވެ. އެޗްޕީއޭ އިން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ފިޔަވަޅުތައް އަޅަން ފެށީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑު އަދަދަކަށް ގިނަވާން ފެށުމާ ގުޅިގެންނެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް ރާއްޖެ އިން 384 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިއީ މިދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެ އަދަދު މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.