Roadha Mihaaru
މާލެއިން ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 13 މީހުން

މާލެ އިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 13 މީހުން

30 ޖޫން 2021

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 13 މީހަކު ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 13 މީހަކު ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

މިއީ ކޮވިޑްގެ ތިން ވަނަ ރާޅަށް ފަހު ކޭސްތައް މަދުވާން ފެށި ފަހުން މާލެ ސަރަހައްދުން އެންމެ މަދުން މީހުން ޕޮޒިޓިވްވި ދުވަހެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އިން 13 މީހަކަށް ކޮވިޑް ޖެހުނަސް އަތޮޅުތަކުތެރޭގެ ކޭސްތައް 105 އަކަށް އަރާފައިވާ ކަމަށެވެ. މި ވަގުތު އެޑްމިޓް ކޮށްގެން ފަރުވާ ދެނީ ވެސް 28 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ އިދާރާ އިން ބުނިގޮތުގައި، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 138 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، ގއ. ކޫއްޑޫން އެކަނިވެސް 13 މީހަކު އެ ބައްޔަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. ރިސޯޓުތަކުން ހަތް މީހަކު ޕޮޒިޓިވްވި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ ވަރު މިހާރު މަދުވުމާ ގުޅިގެން ސަރުކާރުން ވަނީ ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް މާދަމާ އިން ފެށިގެން ލުއިކޮށްފަ އެވެ. އެގޮތުން ކާފިއު ނޫން ގަޑިތަކުގައި ފުލުހުންގެ ހުއްދަ ނެތި ބޭރުގައި އުޅުމާއި ކެފޭ/ރެސްޓޯރަންޓުތަކާއި ވިޔަފާރިތައް އަލުން ހުޅުވާލައިގެން ހިދުމަތް ދިނުމަށް ހުއްދަ ދިނުމުގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވެސް ސަރުކާރުން ވަނީ ދީފަ އެވެ. ނަމަވެސް މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 8 އިން ފަތިހު 4 އަށް އޮންނާނީ ކާފިއު އިއުލާންކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުން މަދުވި ނަމަވެސް ބައެއް ރަށްރަށުގައި ކޮވިޑް ކޭސްތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.