Roadha Mihaaru
50 އަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފި

ކޮވިޑް-19: މާލޭގައި އެއްފަހަރާ 50 އަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފި

09 ޖެނުއަރީ 2022

މާލެ ސަރަހައްދުގައި އަނެއްކާވެސް ކޮވިޑް ފެތުރުން މައްޗަށް ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއް ވަގުތެއްގައި 50 އަށް ވުރެ ގިނަ މީހުން ޖަމާވާ ގޮތަށް ހަފުލާތައް ނުބާއްވަން އެޗްޕީއޭ އިން މިއަދު އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގައި އަނެއްކާވެސް ކޮވިޑް ފެތުރުން މައްޗަށް ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއް ވަގުތެއްގައި 50 އަށް ވުރެ ގިނަ މީހުން ޖަމާވާ ގޮތަށް ހަފުލާތައް ނުބާއްވަން އެޗްޕީއޭ އިން މިއަދު އަންގައިފި އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޮންއާއެކު ރާއްޖޭގައި ވެސް އެ ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންވެ، ދަތުރުކުރުމުގައި ދީފައިވާ ލުއިތައް އުވާލައި ހަރުކަށި ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން މިއަދު ވަނީ ފަށައިފަ އެވެ.

އެ އެޖެންސީން ކުރި އިއުލާނެއްގައި ވަނީ މާލެ ސަރަަހައްދުގައި މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން 50 އަށް ވުރެ ގިނަ މީހުން އެއްވަގުތެއްގައި ޖަމާވާ ގޮތަށް ހަފުލާތަކާއި އިވެންޓުތަކާއި އެއްވުންތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި 50 އަށް ވުރެ މަދުން މީހުން ބައިވެރި ކޮށްގެން އެފަދަ ހަރަކާތެއް ބާއްވާ ނަމަވެސް ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކަށް އަމަލުކުރަން އެޗްޕީއޭ އިން އެދެ އެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އެޗްޕީއޭ އިން އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ދެން ހިމެނެނީ މަގުމަތީގެ ބާޒާރުތައް ބޭއްވުން މަނާކުރުމާއި ކުޅިވަރު މުބާރާތްތައް ވެސް ކުޅިބަލާ މީހުންނަށް ވަދެވޭ ގޮތަށް ނުބޭއްވުމެވެ.

މިއީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރު ކަމަށް ވުމުން، އެކި ބޭނުންތަކަށް އެކި ރަށްރަށުން މާލެ އަށް މީހުން ޖަމާވެފައިވާ މި ދަނޑިވަޅުގައި ކޮވިޑްގެ ކޭސްތައް ފެނުން އިތުރުވުމާ ގުޅިގެން، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުން ފުރާ ނަމަ ފުރޭނީ އެޗްޕީއޭ އިން މިއަދު ހަމަޖެއްސި ގޮތުން ނަމަ ކޮވިޑް ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު އެވެ.

އެ އިދާރާ އިން ބުނީ، މާލެ، ވިލިމާލެ އަދި ހުޅުމާލެ އިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކޮންމެ ހަފުތާއަކު ނަގާ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތިވެފައިވާ ކަމަށެވެ.