Roadha Mihaaru
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީން ކިޔަވައިދޭން ފަށައިފި

މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީގައި ކިޔަވައިދޭން ފަށައިފި

10 ޖެނުއަރީ 2022

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ހަދާފައިވާ އޭވިއޭޝަން އެކަޑެމީގައި މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ހަދާފައިވާ އޭވިއޭޝަން އެކަޑެމީގައި މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

ގައުމީ އެއާލައިން ހިންގާ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ޖެނީފާ "މިހާރު" އަށް ވިދާޅުވީ ފުރަތަމަ ބެޗްގެ 35 ދަރިވަރުންނާ އެކު ރިފްރެޝާ ޕްރޮގްރާމް ފަށާފައިވާ ކަމަށެވެ. ރިފްރެޝާ ޕްރޮގްރާމްގައި ހިމެނެނީ 150 ގަޑިއިރުގެ ތިއަރީ ބަޔަކާއި 10 ގަޑިއިރުގެ ފްލައިނެވެ.

އޮންލައިންކޮށް ގެންދަން ހަމަޖައްސާފައިވާ ތިއަރީ ކްލާސްތައް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް، މެންފުރު ފަހު 1:00 އިން ހަވީރު 6:00 އަށް ގެންދާނެ ކަމަށް ޖެނިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ފަހު ފްލައިންތައް ގެންދާނެ ކަމަށެވެ.

ސަަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އޭވިއޭޝަން އެކަޑެމީއަކަށް ވިޔަސް އެތަން މެނޭޖްކުރާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.

ޖެނިފާ ވިދާޅުވި ގޮތުގައި ފްލައިން ސްކޫލަށް ބޭނުންވާ ބޯޓުތައް ޖޮއިންޓް ވެންޗާ ކުންފުނިން ވަނީ ގަނެފަ އެވެ. މި މަހުގެ ތެރޭގައި އެ ބޯޓުތައް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްލޭނަކީ އަންނަ މަހުގެ ފަހުކޮޅު ފްލައިން ފެށުން،" ޖެނިފާ ވިދާޅުވި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރިފްރެޝާ ޕްރޮގްރާމްގެ ފީގެ ގޮތުގައި ދައްކަންޖެހޭ 1،500 ޑޮލަރު، ލޯންގެ ގޮތުގައި ދަރިވަރުންނަށް ދޫކުރަން ނިންމައިފަ އެވެ. އަދި ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ސަރުކާރުން ލޯނު ހަމަޖައްސައިދޭނެ ކަމަށް ކުރިން ބުނެފައިވެ އެވެ.

އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން އޭވިއޭޝަން އެކަޑަމީއެއް ހިންގަން ޖެހުނީ އައްޑޫ ފްލައިން ސްކޫލް، އޭއޭއޭގެ މައްސަލަ ބޮއްސުންލައިގެން ދިއުމުންނެވެ. އެ ތަނުގެ މައްސަލަތަކާ ހުރެ ދަރިވަރުންނަށް މުއްދަތަށް ކޯސް ފުރިހަމަ ނުކުރެވުމާ އެކު، ކިޔެވުމަށް ނެގި ލޯނު ހުސްވެ އިތުރަށް ވެސް ބައެއް ދަރިވަރުންނަށް ލޯނު ނަގަން ޖެހި އެ ދަރިވަރުން މާޔޫސްކަމެއްގައި ތިބެން ޖެހުނެވެ.