Roadha Mihaaru
އިޒްރޭލުގައި ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒެއް ޖަހަނީ

އިޒްރޭލުގައި ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒެއް ޖަހަނީ

22 ޑިސެމްބަރ 2021

އިޒްރޭލުގެ ވަކި އުމުރުފުރާއެއްގެ މީހުންނަށް، ކޮވިޑް-19 އިން ދިފާއުވާ ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖެހުމަށް އެ ގައުމުން ނިންމައިފި އެވެ.

އިޒްރޭލުގެ ވަކި އުމުރުފުރާއެއްގެ މީހުންނަށް، ކޮވިޑް-19 އިން ދިފާއުވާ ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖެހުމަށް އެ ގައުމުން ނިންމައިފި އެވެ.

އިޒްރޭލު ސަރުކާރުން ރަސްމީކޮށް އިއުލާންކޮށްފައިވަނީ، އެ ގައުމުގެ ރައްޔިތުންގެ ތެރެއިން 60 އަހަރުން މަތީގެ އެންމެނަށް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ދިނުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. އޭގެ އިތުރުން ސިއްހީ ހިދުމަތުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށާއި، ތަފާތު ބަލިތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް ވެސް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ދޭނެ އެވެ.

މިކަން އިއުލާން ކުރައްވަމުން އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވި ގޮތުގައި، މުސްކުޅިންނަށް ހަތަރު ވަނަ ޑޯޒެއް ޖެހުމަށް ސަރުކާރުން ނިންމީ، ކޮވިޑް ވަބާއާ ބެހޭ ގޮތުން ސަރުކާރަށް ލަފާދޭ ތަޖުރިބާކާރުންގެ ޕެނެލުން އެކަމަށް ލަފާ ދިނުމުންނެވެ. އެހެންކަމުން ވަގުތު ނަގާނުލައި އަވަހަށް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖެހުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖަހައިދޭނީ، ތިން ވަނަ ޑޯޒް ޖެހިތާ ހަތަރު މަސް ފުރިހަމަވެފައިވާ މީހުންނަށެވެ. ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ތިން ވަނަ ޑޯޒެއް އެންމެ ފުރަތަމަ ދޭން ފެށި ގައުމަކީ ވެސް އިޒްރޭލެވެ. އަދި ހަތަރު ވަނަ ޑޯޒެއް ދޭން ފަށާ ފުރަތަމަ ގައުމަކީ ވެސް އިޒްރޭލެވެ.

އޭގެ އިތުރުން ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ތިން ވަނަ ޑޯޒް ޖެހުމާ ދެމެދު ހޭދަވާން ޖެހޭ މުއްދަތު، އިޒްރޭލުން މިހާރު ވަނީ ފަސް މަސް ދުވަހުން ތިން މަސް ދުވަހަށް މަދުކޮށްފަ އެވެ.

އިޒްރޭލު ސަރުކާރަށް ލަފާ ދޭ ޕެނަލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި، ހަތަރު ވަނަ ޑޯޒްގެ ވެކްސިން ދިނުމަށް ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ. ސަބަބަކީ، ކޮވިޑުން ދިފާއުވާ ވެކްސިންގެ ހަތަރު ޑޯޒް ދިނުމުން ހަށިގަނޑުގައި ދިފާއު އުފައްދައިދޭ މިންވަރު ރަނގަޅަށް ދިރާސާކޮށް އޭގެ މައުލޫމާތު މިހާތަނަށް އެއްކުރެވިފައި ނެތުމުންނެވެ.

އެހެން ނަމަވެސް، ދުނިޔޭގެ އެކި ގައުމުތަކުގައި އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރެމުން އަންނަ ހަލުވިމިނަށް ބަލާއިރު، އަދި އެކި ގައުމުތަކުން އިޒްރޭލަށް އަބަދުވެސް މީހުން ދަތުރުކުރާތީ، މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ، ފަހުން ކުރިމަތިވާނެ ގެއްލުން ބޮޑުވާނެތީ، ހަތަރު ވަނަ ޑޯޒް ދިނުމަށް ނިންމީ އެވެ.