Roadha Mihaaru
ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފަށައިފި

ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފަށައިފި

14 ޖެނުއަރީ 2022

ކޮމަންޑު އާއި އެ ރަށް ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު މިއަދު ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮމަންޑު އާއި އެ ރަށް ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު މިއަދު ފަށައިފި އެވެ.

މި އަހަރުގެ ބަޖެޓުގައި ވެސް ނެތީސް މި މަޝްރޫއު އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމަންޑު އަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަހުގެ 12 ވަނަ ދުވަހު މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުން މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ. މިއީ 249 މިލިއަނަށް ވުރެ ގިިނަ ރުފިޔާ ހަރަދުވާނެ މަޝްރޫއުއެކެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރިތާ ހަފްތާއެއް ނުވަނީސް ފަށާފައިވާއިރު އެ މަޝްރޫއު ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅާލުމަކީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސެއިން ވަހީދުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

""މިއަދު ހުސެއިން އަޅުގަނޑުމެންނާ ވަކިވެ ގޮސްފައިވާއިރު ހުސެއިންގެ އެންމެ ބޮޑު އެއް އުއްމީދު ހާސިލުކުރުމަށްޓަކައި އެ މަސައްކަތް ފަށައިގަތުމުގެ ޝަރަފު ލިބުނީތީ ވަރަށް އުފާކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް ވަޑައިގަތީ ވަރަށް ގިނަ ރައްޔިތުންގެ އިހުސާސްތައް އަޑު އައްސަވައި އެ ކަންކަމަށް ހައްލު ހޯދައިދެއްވުމަށެވެ. ރައީސްގެ ކެމްޕެއިނަށް އެމަނިކުފާނުގެ އަރިހުގައި ގިނަ ރަށްތަކަކަށް ދިއުމުގެ ފުރުސަތު ލިބުނުކަން ފާހަގަކުރައްވައި، ފައްޔާޒު ވިދާޅުވީ އޭރު ކުރެއްވި ދަތުރުތަކުގައި ކޮންމެ ރަށަކުން ވެސް ފާހަގަވީ އަސާސީ ހައްގުތަކަށް ފެން ބޮވައިގެންފައިވާ މިންވަރު ކަމަށެވެ.

"އެއްވެސް ރަށެއްްގައި ހަމަޖެހިލައިގެން އުޅެވޭ ގޮތަކަށް ނޫން އޮތީ. މީގެ ތެރޭގައި ބިމުގެ ދަތިކަމާއި ބޯހިޔަވާހިކަމުގެ ދަތިކަމާއި ސާފު ތާހިރު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެވިފައި ނެތުމާއި ސިއްހީ ހިދުމަތް ރައްޔިތުންނާ ގާތުން ލިބެން ނެތުމާއި ތައުލީމީ ދާއިރާގެ ހާލަތު އޮތް ގޮތް ފަދަ އަސާސީ ހިދުމަތްތަކުން ތިބީ މަހްރޫމްވެފައި،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި އާންމުން ބޭނުންވެފައި ތިބި ހިދުމަތްތަކުގެ އަޑު އެއްސެވީ އެ ހިދުމަތްތައް ފޯރުކޮށްދިނުމާ އެކު އެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށެވެ.

އޭގެ ދަށުން މަތިކޮމަންޑު އާއި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ވެސް ފަށާފައިވާއިރު ފައްޔާޒު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ކޮމަންޑޫން ސައިކަލުގައި މަތިކޮމަންޑު އަށް ދެވޭ ވަރުވާނެ ކަމަށެވެ.

"186 ރަށުގައި މަޝްރޫއުތައް ކުރިއަށް އެބަދޭ. އަޅުގަނޑުމެންނަށް ފަހަރުގައި ގޫގުލް ސްޕީޑުގައި ނުދެވިދާނެ. ގޫގުލް ސްޕީޑުގައި ދެވެނީ އިންޓަނެޓް ސްޕީޑް އޮތް ހިސާބަކުން. އަޅުގަނޑުމެން ދާނަން އިންޓަނެޓް ސްޕީޑު އޮތްވަރާ އެއްވަރުގައި އިރާދަކުރެއްވިއްޔާ،" ފައްޔާޒު ވިދާޅުވި އެވެ.

ކޮމަންޑޫއަކީ 21 ހެކްޓަރުގެ ރަށެއް ނަމަވެސް މި މަޝްރޫއު ނިމުމުން އެރަށަށް 25 ހެކްޓަރު އިތުރުވާނެ ކަމަށް ވިދާޅުވި އެވެ. އޭރުން ކުރިއަށް އޮތް ޖީލުތަކަށް ހިތްހަމަޖެހިލައިގެން އެރަށުގައި އުޅުމުގެ ފުރުސަތު ފަހިވާނެ ކަމަށް ފައްޔާޒު ވިދާޅުވެ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތަކީ އެމްޓީސީސީގެ ތާރީހުގައި ވެސް އެންމެ އަވަހަށް އަމަލީ މަސައްކަތް ފެށޭ މަޝްރޫއު ކަމަށެވެ.

"ދާދި އަވަހަށް މިތަނުން [ކޮމަންޑޫ] އިން ހިނގާފައި އެތަނަށް [މަތިކޮމަންޑޫ] އަށް ދާނެ. އެމްޓީސީސީގެ މަސައްކަތްތަކާ މެދު މިހާރު ތިބޭފުޅުން ޝައްކުކުރައްވާނެ ޖާގައެެއް އޮންނާނެހެން އަޅުގަނޑަކަށް ހިޔެއް ނުވޭ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި 150 އެއްހާ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރިއިރު އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ނިންމައި ވަނީ ހަވާލުކޮށްފަ އެވެ. އަދި 69 ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި ބާކީ ޕްރޮޖެކްޓްތަކުގެ އީއައިއޭ ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި މި ހުރިހާ ޕްރޮޖެކްޓެއް ވެސް ނިންމަން އޮތް މުއްދަތަށް ނިންމައި ހަވާލުކުރާނެ އެވެ.

ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން މަތި ކޮމަންޑޫން އިތުރު 16 ހެކްޓަރުގެ ބިން ވެސް އެ މަޝްރޫއުގެ ދަށުން ހިއްކުމާ އެކު ބޮޑު ހިލަ ޖަހައިގެން 1،500 މީޓަރުގެ ތޮށްޓެއް ގާއިމް ކުރުމާ އެކު، ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮކްޓެޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރިއަށް ދާނެ އެވެ.

މި މަސައްކަތް ވަރަށް އަވަހަށް ފެށިއިރު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މިހާރު އޮތީ އިއުލާންކޮށްފަ އެވެ. އެ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުން އިއުލާންކުރި ބައި އިލެކްޝަންގައި ތިން ޕާޓީއަކުން ވާދަކުރެ އެވެ.