Roadha Mihaaru
ކުރީގެ "ކަސޯޓީ" ގެ އަނޫރާގް "ޝަކްތީ" އަށް

ކުރީގެ "ކަސޯޓީ" ގެ އަނޫރާގް ސިލްސިލާ "ޝަކްތީ" އަށް

11 އެޕްރީލް 2021

ކުރީގެ މަޝްހޫރު ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި އަނޫރާގް ބާސޫގެ ރޯލު ކުޅެގެން މަޝްހޫރުވި އެކްޓަރު ސިޒާން ޚާން ކަލާޒްގެ ސިލްސިލާ "ޝަކްތީ: އަސްތިތުވާ ކޭ އެހްސާސް ކީ" އިން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ މަޝްހޫރު ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި އަނޫރާގް ބާސޫގެ ރޯލު ކުޅެގެން މަޝްހޫރުވި އެކްޓަރު ސިޒާން ޚާން ކަލާޒްގެ ސިލްސިލާ "ޝަކްތީ: އަސްތިތުވާ ކޭ އެހްސާސް ކީ" އިން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

އޭނާ މިހާރު އޭގެ ޝޫޓިންގައި ވެސް ބައިވެރިވަމުން އަންނަ އިރު، ސިލްސިލާގައި ކުޅޭނީ ހަރްމަންގެ ރޯލެވެ. އެ ރޯލަކީ ކުރިން ވިވިއަން ޑިސޭނާ ކުޅުނު ކެރެކްޓާއެކެވެ. އެކަމަކު އޭނާ ފަހުން ވަނީ އެ ރޯލު ދޫކޮށްލައިފަ އެވެ. ހަރްމަންގެ ގޮތުގައި ސިޒާން "ޝަކްތީ" އަށް އަންނަ އިރު އޭނާގެ ބައިވެރިޔާގެ ގޮތުގައި ފެންނާނީ އެ ސިލްސިލާ ފެށި އިރު ވެސް ބަތަލާ ސޯމިއާގެ ރޯލު ކުޅުނު ރުބީނާ ދިލައިކެވެ.

ޓްރާންސްޖެންޑާ އަންހެނެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާ އޭނާ ވެސް ދޫކޮށްލާފައި ވަނިކޮށް އެއިން އަލުން ފުރުސަތު ލިބުނީ ފެބްރުއަރީ މަހުގެ ތެރޭގައި ކަލާޒް އިން ނިންމައިލި ރިއަލިޓީ ޝޯ "ބިގް ބޮސް 14" ކާމިޔާބުކޮށް ލިބުނު މަޝްހޫރުކަމާ އެކީގަ އެވެ.

ރުބީނާ އާއި ސިޒާންގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

"ޝަކްތީ" އިން ފުރުސަތު ލިބުމުން ސިޒާން ބުނީ އޭނާ ހުރީ ހަރްމަންގެ ކެރެކްޓާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.

"އަހަރެންގެ ސްޓައިލްގައި އެ ރޯލު ބެލުންތެރިން ގަޔާވާނެ ގޮތަށް ގެނެސްދޭނަން. އަނެއްކާ ހަރްމަންގެ ކެރެކްޓާ އަލުން އައުމާ އެކު ޝަކްތީގެ ވާހަކައިން ވަރަށް ޝައުގުވެރި ބަދަލުތަކެއް ވެސް ފެންނަން ފަށާނެ،" ސިޒާން ބުންޏެވެ. "އަހަރެން އުންމީދުކުރަން އަހަންނާ އެކު ސިލްސިލާ އަށް ބެލުންތެރިންގެ ސަޕޯޓް ކުރިއަށް ވުރެ ބޮޑަށް ލިބޭނެ ކަމަށް."

"ޝަކްތީ" އަށް އޭނާ އެއްބަސްވުމުގެ ކުރިން ސްޓާ ޕްލަސްގެ "ޔޭ ހޭ ޗާހަތޭ" އާއި ޒީ ޓީވީގެ "ހަމާރީ ވާލީ ގުޑް ނިއުސް" ފަދަ ސިލްސިލާތަކުގައި މި ފަހުން މަސައްކަތްކޮށްފައިވެ އެވެ.

ސްޓާ ޕްލަސް އިން ގެނެސްދިން "ކަސޯޓީ" އަކީ ސިޒާން، 43، ގެ އިތުރުން ޝްވޭތާ ތިވާރީ (ޕްރޭނާ) އާއި ރޯނިތު ރޯއި (ރޭޝަން ބަޖާޖް) ގެ ވާހަކަ ކިޔައިދިން ވަރަށް ކާމިޔާބު ސިލްސިލާއެކެވެ.

އޭގެ ދެވަނަ ސީޒަނެއް މުޅިން ތަފާތު ކާސްޓަކާ އެކު 2018 ގައި ގެނެސްދޭން ފަށައި، މިދިޔަ އަހަރު ވަނީ ނިންމާލައިފަ އެވެ. އެކަމަކު ކުރީގެ "ކަސޯޓީ" އަށް ލިބުނު ވަރުގެ ތަރުހީބެއް އާ ސީޒަނަކަށް ނުލިބެ އެވެ. ކުރީގެ "ކަސޯޓީ" އަކީ 2001-2008 އަށް ގެނެސްދިން އެއްޗެކެވެ.

ސިޒާން ގުޅުނު ކަލާޒްގެ "ޝަކްތީ" އަކީ އެ ޗެނެލުން 2016 ގައި ދައްކަން ފެށި ސިލްސިލާއެކެވެ.