Roadha Mihaaru
ސަސްޓެއިންނަބިލިޓީ ވީކްގައި ރައީސް ބައިވެރިވެވަޑައިގެންފި

އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

17 ޖެނުއަރީ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔޫއޭއީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔޫއޭއީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އަބޫދާބީގެ ވަލީ އަހުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެކްސްޕޯ ދުބާއީ އަށް ޒިޔާރަތްކުރައްވައި، އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މި ދެ ރަސްމިއްޔާތު ވެސް ބޭއްވީ ދުބާއި އެގްޒިބިޒަން ހޯލްގަ އެވެ.

އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކަކީ އިޖްތިމާއީ، އިގުތިސާދީ އަދި ފަންނީ ކުރިއެރުންތަކާ މެދު މީހުން ހޭލުންތެރިކަން އިތުރުކުރަން ބާއްވާ ހަރަކާތެކެވެ. މި އަހަރު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް، ކޮޕް-26ގެ ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ މަގު ޗާޓުތައް، ގުޅިގެން އެއް މަގުސަދެއް ހާސިލުކުރެވޭ ގޮތަށް އަލުން މުރާޖައާކޮށް އެކުލަވާލުމުގެ މައްޗަށެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑު ދެނީ ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ޔޫއޭއީ އިން ދޭ ޝަރަފުވެރި ބައިނަލްއަގުވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތްކުރަނީ އެ ގައުމުގެ ބާނީ ޝައިޚް ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ޚިދުމަތްތަކަށެވެ.

ރައީސް އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެ އެވެ.

މިއީ ރައީސް މި އަހަރު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އާ އަހަރުގެ ޗުއްޓީ އަށް މިދިޔަ އަހަރުގެ ފަހުކޮޅު އެ މަނިކުފާނު ސްރީ ލަންކާ އަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން ސަރުކާރުގެ ރަސްމީ މަސައްކަތުގައި ނ. އަތޮޅަށާއި އަދި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ކެމްޕެއިންގައި ށ. އަތޮޅަށް ވެސް ރައީސް ވަޑައިގަތެވެ.