Roadha Mihaaru
ބިލްބާއޯ އިން ރެއާލް މެޑްރިޑް ވެސް ކަޓުވާލައިފި

ކޮޕަ ޑެލް ރޭ: ބިލްބާއޯ އިން ރެއާލް މެޑްރިޑް ވެސް ކަޓުވާލައިފި

04 ފެބުރުއަރީ 2022

ބިލްބާއޯ (ފެބްރުއަރީ 4) - ސްޕެނިޝް ކޮޕަ ޑެލް ރޭގެ ކުއާޓާ ފައިނަލުގައި އެތުލެޓިކް ބިލްބާއޯ އިން ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން 1-0 އިން ރެއާލް މެޑްރިޑް ބަލިކޮށް އެ ޓީމު މުބާރާތުން ކަޓުވާލައި ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބިލްބާއޯ (ފެބްރުއަރީ 4) - ސްޕެނިޝް ކޮޕަ ޑެލް ރޭގެ ކުއާޓާ ފައިނަލުގައި އެތުލެޓިކް ބިލްބާއޯ އިން ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން 1-0 އިން ރެއާލް މެޑްރިޑް ބަލިކޮށް އެ ޓީމު މުބާރާތުން ކަޓުވާލައި ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބިލްބާއޯގެ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމު ކާމިޔާބުކުރީ 1-0 އިންނެވެ. މުބާރާތުގެ ގަދަ 16 ގައި ބާސެލޯނާ ވެސް ކަޓުވާލައި ކުއާޓާއަށް ދަތުރުކުރި ބިލްބާއޯ އިން ވަނީ މެޗު ފަށުނީއްސުރެ ވެސް ރެއާލްގެ ގޯލަށް ނުރައްކާ ކުރަން ފަށައިފަ އެވެ. ބިލްބާއޯގެ ޑެނީ ގާސިއާ ދުރުން ފޮނުވާލި ހަމަލާއެއް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ދިފާއު ކުރިއިރު، ކަސެމީރޯ އާއި ލޫކަސް ވަސްގޭޒް ކައިރިން ނައްޓާފައި ބިލްބާއޯގެ ކެޕްޓަން އިކާ މުނިއައިން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ވެސް ކޯޓުއާ ވަނީ ދިފާއު ކޮށްފަ އެވެ.

ފަހު ހާފުގައި ވެސް ބިލްބާއޯ ފެނުނީ ނުރައްކާ ކޮށެވެ. މުނިއައިންގެ ހިލޭޖެހުމަކުން ހުރަސްކޮށްދިން ބޯޅަ ޑިފެންޑަރު އިނީގޯ މާޓިނޭޒް ބޮލުން ފޮނުވާލި ނަމަވެސް ކޯޓުއާ ވަނީ ވަރަށް ރަނގަޅަށް އެ ބޯޅައަށް މަސައްކަތްކޮށް ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ. އެ ކޯނަރުގައި ކައިރިން ކުޅެ، މުނިއައިން އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅަ، ކުރިން އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅުނު، އެރިކް ގާސިއާ ބޮލުން ފޮނުވާލުމުން ގޯލާ އަމާޒެއް ނުވި އެވެ.

މި ހާފުގައި ކަސެމީރޯ އަށް ވަނީ ރެއާލަށް ލީޑު ނަގައިދޭން ހުސް ފުރުސަތެއް ލިބި ނާކާމިޔާބުވެފަ އެވެ. މާކޯ އަސެންސިއޯ ހުސް ކޮށްލާފައި އޭރިއާ ތެރެއަށް ޖައްސާލި ބޯޅަ ކަސެމީރޯ ކޮންޓްރޯލް ކޮށްލާފައި ފޮނުވާލި ނަމަވެސް ކީޕަރު އުނައި ސިމޯން ވަނީ ދިފާއު ކޮށްފަ އެވެ.

ބިލްބާއޯ މޮޅު ކޮށްދިން ލަނޑު 89 ވަނަ މިނިޓުގައި ޖަހައިދިނީ އަލެކްސް ބެރެންގިއޭ އެވެ. ލޫކާ މޮޑްރިކް އޭރިއާ ތެރެއިން ބްލޮކް ކުރި ބޯޅައެއް ކަސެމީރޯ ކުރިޔަށް ޖައްސާލުމާ އެކު ލިބުނީ ހާފު މެދަކާ ހިސާބުގައި ހުރި މިކޭލް ވެސްގާ އަށެވެ. އޭނާގެ ކުރިމަތީގައި ހުސްކޮށް ހުރި ބެރެންގިއޭ އަށް ލިބުމާ އެކު އޭނާ ވަނީ އޭރިއާ ތެރެއަށް ވަދެ ރެއާލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޑިފެންޑަރު ނާޗޯ ކައިރިން ނައްޓާފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައި، އެޓީމު ސެމީ އަށް ގެންގޮސްދީފަ އެވެ.

އެތުލެޓިކް ބިލްބާއޯގެ އިތުރުން، ރަޔޯ ވަޔެކާނޯ އާއި ވެލެންސިއާ އަދި ރެއާލް ބެޓިސް ވެސް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.