Roadha Mihaaru

ޔުކްރެއިން-ރަޝިއާގެ ހަނގުރާމައަކުން ރާއްޖެއަށް ކުރާނެ އަސަރަށް ތައްޔާރުވާންޖެހޭ: ނަޝީދު

ރަޝިއާ އާއި ޔުކްރެއިންގެ މައްސަލަތައް ވަރަށް ބޮޑަށް ގޯސްވެ، އެ ގައުމާއި ރަޝިއާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ނަމަ، ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށާއި އެހެންވެ އެކަމަށް ތައްޔާރުވާންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހަނގުރާމައަކުން ކުރާނެ އަސަރު ބަލަންޖެހޭ: ނަޝީދު
އިފްރާޒް އަލީ
އިފްރާޒް އަލީ

15 ފެބުރުއަރީ 2022

ރަޝިއާ އާއި ޔުކްރެއިންގެ މައްސަލަތައް ވަރަށް ބޮޑަށް ގޯސްވެ، އެ ގައުމާއި ރަޝިއާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ނަމަ، ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށާއި އެހެންވެ އެކަމަށް ތައްޔާރުވާންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔުކްރެއިނާއި ރަޝިއާ ދެމެދު ފެށިފައިވާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކަށް ދިވެހި ސަރުކާރު މިހާރުން ފެށިގެން ތައްޔާރުވާން ޖެހޭ ކަމަށެވެ.

"ޔުކްރެއިން އާއި ރަޝިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދެ ގައުމު. އެ ދެ ގައުމުގެ މެދުގައި ހަނގުރާމައެއް ފެށިއްޖެ ނަމަ، ރާއްޖެ އަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. ޔުކްރެއިން އޮތީ އެ ލިސްޓުގެ ހަ ވަނައިގަ އެވެ.

ޔުކްރެއިނުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވާތީ، އެ ގައުމަށް ދިވެހިން ދަތުރުނުކުރަން ދިވެހި ސަރުކާރުން މިއަދު ވަނީ އަންގައިފަ އެވެ. އެ ގައުމުގައި މިހާރު ދިރިއުޅޭ ދިވެހިން ޔުކްރެއިންގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެންގި އެވެ.

އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ވެސް ކިޔަވަމުން އަންނައިރު، މިނިސްޓްރީން އަންނަނީ އެ ކުދިން ހާލު ވެސް ވަރަށް ގާތުން ބަލަމުން ކަމަށް ބުންޏެވެ.

ރަޝިއާ އިން ޔުކްރެއިން ހިފައިފާނެ ކަމުގެ ބިރު ބޮޑުވީ އެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރި އަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ޖަމާ ކުރުމުންނެވެ. އެމެރިކާ އިން ބުނަމުން ދަނީ ކޮންމެ ވަގުތެއްގައި ވެސް ރަޝިއާގެ ސިފައިން ޔުކްރެއިނަށް އަރައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެކަން ކޮށްފި ނަމަ، ރަޝިއާއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ޔުކްރެއިން ހިފަން އުޅޭ ކަމުގެ ތުހުމަތު ރަޝިއާ އިން ދޮގުކުރެ އެވެ.