Roadha Mihaaru
ރާއްޖެ ނާދެވި ޔޫކްރެއިންގައި ދިވެހި 20 ދަރިވަރެއް!

ހަނގުރާމަ ފެށިއިރު، ރާއްޖެ ނާދެވި ޔޫކްރެއިންގައި ދިވެހި 20 ދަރިވަރެއް!

24 ފެބުރުއަރީ 2022

ޔުކްރޭނުގައި ހަނގުރާމަ ފެށިކަން ރަޝިއާ އިން މިއަދު އިއުލާންކުރިއިރު، ރާއްޖެ ނާދެވި އެ ގައުމުގައި ދިވެހި 20 ދަރިވަރަކު ތާށިވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޔުކްރޭނުގައި ހަނގުރާމަ ފެށިކަން ރަޝިއާ އިން މިއަދު އިއުލާންކުރިއިރު، ރާއްޖެ ނާދެވި އެ ގައުމުގައި ދިވެހި 20 ދަރިވަރަކު ތާށިވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރަޝިއާގެ ބޯޑަރު ކައިރީގައި އޮންނަ ހާރްކީވްގައި ދިރިއުޅުނު ދިވެހިންގެ ތެރެއިން ފަސް ދަރިވަރަކު ފިޔަވައި އެހެން ހުރިހާ މީހުން މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެ މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ގުޅިގެން އެ ފަސް ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެ މީހުން ތިބީ ރައްކާތެރި ތަނެއްގައި ކަމަށް ވެސް ބުންޏެވެ.

ޔޫކްރެއިންގައި ކުރިން 50 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ތިއްބެވެ. ހާރްކީވްގައި ދިރިއުޅުނު ދިވެހިންގެ ތެރެއިން އެކަކު މިހާރު ރާއްޖެ އައިސްފައިވާއިރު، ހަތަރު ދަރިވަރަކު މިދިޔަ ހުކުރު ދުވަހު ވަނީ އައިސްފަ އެވެ. އެ ސިޓީން އިތުރު 25 ދަރިވަރަކު ރޭ ފުރާފައިވާ ކަމަށާއި މިއަދު މެންދުރު އެ މީހުން ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ނާދެވި ތިބި ދަރިވަރުން:

- ރަޝިއާގެ ބޯޑަރު ކައިރީގެ ސިޓީ ހާރްކިވްގައި ފަސް ދަރިވަރެއް.

- ޔޫކްރެއިންގެ އިރުމަތީ ފަރާތު ސިޓީއެއް ކަމަށްވާ އިވަނޯ ފްރެންކިވްސްގައި 14 ދަރިވަރެއް.

- އެހެން ސިޓީއެއް ގައި އިތުރު އެއް ދަރިވަރެއް.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިއަދު ހެނދުނު ޔޫކްރެއިންގައި ހަނގުރާމަ ފެށިކަން އިއުލާންކުރެއްވި އިރު، ރާއްޖެ އަންނަން އަދި ދަތުރު ނުފެށޭ 20 ދިވެހިން އެ ގައުމުގައި ތިބި ކަމަށް ބެލެވޭއިރު، ޔޫކްރެއިންގެ ވައިގެ ދަތުރުފަތުރުތަކަށް ރަޝިއާއިން ހުރަސްއަޅާ، ބައެއް އެއާޕޯޓްތައް ވަނީ ބަންދުކުރަން ފަށައިފަ އެވެ.