Roadha Mihaaru
ލަންކާގައި ގޯލްޑަން ޕެރެޑައިސް ޕްރޮގްރާމް ތަންފީޒުކުރަނީ

ފަސް ބިލިއަން ޑޮލަރުގެ ގޯލްޑަން ޕެރެޑައިސް ޕްރޮގްރާމް ލަންކާގައި ފަށަނީ

23 ފެބުރުއަރީ 2022

ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި، އެ ގައުމުގެ މަޝްހޫރު ވިޔަފާރިވެރިޔާ ދައްމިކާ ޕެރޭރާ ސަރުކާރަށް ހުށަހެޅުއްވި، ގޯލްޑަން ޕެރެޑައިސް ޕްރޮގްރާމް ތަންފީޒުކުރަން ފެށުމަށް، އެ ގައުމުގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އަންގަވައިފި އެވެ. މި ޕްރޮގްރާމްގެ ދަށުން ފަސް ބިލިއަން ޑޮލަރު ވަރު ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި، އެ ގައުމުގެ މަޝްހޫރު ވިޔަފާރިވެރިޔާ ދައްމިކާ ޕެރޭރާ ސަރުކާރަށް ހުށަހެޅުއްވި، ގޯލްޑަން ޕެރެޑައިސް ޕްރޮގްރާމް ތަންފީޒުކުރަން ފެށުމަށް، އެ ގައުމުގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އަންގަވައިފި އެވެ. މި ޕްރޮގްރާމްގެ ދަށުން ފަސް ބިލިއަން ޑޮލަރު ވަރު ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ލަންކާ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ގޯލްޑަން ޕެރެޑައިސް ޕްރޮގްރާމް ތަންފީޒު ކުރަން ފެށުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންތައް، ކުރިއަށް އޮތް އެއް ހަފުތާގެ މުއްދަތުގައި ފުރިހަމަކުރުމަށް، ލަންކާގެ ރައީސް ވަނީ އޭނާގެ ހާއްސަ ސެކްރެޓަރީ އަށް އަންގަވައިފަ އެވެ.

ގޯލްޑަން ޕެރެޑައިސް ޕްރޮގްރާމަކީ މައިގަނޑު ގޮތެއްގައި ލަންކާ އަށް ބޭރު ފައިސާ ހޯދުމަށް ރާވާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު އަމާޒުކޮށްފައިވަނީ، ލަންކާގައި ދިރިއުޅެން ބޭނުންވާ ބިދޭސީން، ލަންކާގެ ބޭންކެއްގައި ވަކި އަދަދަކަށް ޑޮލަރު ޖަމާކުރުމުން ދިގު މުއްދަތުގެ ވިސާ ދޭ ގޮތަށެވެ.

މި ޕްރޮގްރާމްގެ ދަށުން ލަންކާގައި ދިރިއުޅުމަށް ހުށަހަޅާ ކޮންމެ ބިދޭސީއަކު ވެސް އެންމެ ފުރަތަމަ ކަމަކަށް ލަންކާގެ ބޭންކެއްގައި ޑޮލަރު އެކައުންޓެއް ހުޅުވައި 100000 ޑޮލަރު ޖަމާކުރަންޖެހޭނެ އެވެ. އެ އަދަދަށް ފައިސާ ޖަމާކުރުމުން 10 އަހަރުގެ މުއްދަތަށް އެމީހަކަށް ވިސާ ލިބޭނެ އެވެ.

އެ އަދަދަށް ފައިސާ ޖަމާކުރާތާ އެއް އަހަރު ފަހުން، އެމީހަކު ބޭނުން ނަމަ، އެ އެކައުންޓުން 50000 ޑޮލަރު ނެގޭނެ އެވެ. ނަމަވެސް ދެ ވަނަ އަހަރުން ފެށިގެން، އޭނާ ލަންކާގައި ހުންނަހާ ދުވަހަކު، އޭނާގެ އެކައުންޓުގައި މަދުވެގެން 50000 ޑޮލަރު ހުންނަންޖެހޭނެ އެވެ.

މި ޕްރޮގްރާމްގައި މަދުވެގެން 50000 ބިދޭސީން ބައިވެރި ކުރެވިއްޖެ ނަމަ، ކޮންމެ މީހަކަށް 100000 ޑޮލަރުގެ ނިސްބަތުން ބަލާ ނަމަ، ފަސް ބިލިއަން ޑޮލަރު ލަންކާ އަށް ލިބޭނެ އެވެ. ވިޔަފާރިވެރިޔާ ދައްމިކާ ޕެރޭރާ ވިދާޅުވާ ގޮތުގައި ދިގު މުއްދަތަށް ލަންކާގައި ތިބެން ބޭނުންވާ މީހުންގެ އަދަދަށް ބަލާއިރު، މި ޕްރޮގްރާމްގެ ތެރެއިން 50000 ބިދޭސީން ދިގު މުއްދަތަށް ލަންކާ އަށް ގެނައުމަކީ ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ.