Roadha Mihaaru
ލަންކާ އިން ތެޔޮ ހުސްވެ ޕަބްލިކް ޓްރާންސްޕޯޓް ހުއްޓުމަކަށް

ލަންކާ އިން ތެޔޮ ހުސްވެ ޕަބްލިކް ޓްރާންސްޕޯޓް ހުއްޓުމަކަށް!

03 މާޗް 2022

ކޮލަމްބޯ (މާޗް 3) - ސްރީ ލަންކާގައި އާއްމު ދަތުރުފަތުރަށް ދުއްވާ ބަސްތަކުން ތެޔޮ ހުސްވުމާ ގުޅިގެން ޕަބްލިކް ޓްރާންސްޕޯޓް އިއްޔެ ހުއްޓުމަކަށް އައި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 3) - ސްރީ ލަންކާގައި އާއްމު ދަތުރުފަތުރަށް ދުއްވާ ބަސްތަކުން ތެޔޮ ހުސްވުމާ ގުޅިގެން ޕަބްލިކް ޓްރާންސްޕޯޓް އިއްޔެ ހުއްޓުމަކަށް އައި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ލަންކާގައި ފޮރިން އެކްސްޗޭންޖުގެ މައްސަލަ ބޮޑުވެ ތެޔޮ އިމްޕޯޓް ކުރުމަށް އެ ގައުމުގައި ޑޮލަރެއް މިހާރު ނެތެވެ.

ޕްރައިވެޓް ބަސް އޮވްނާސް އެސޯސިއޭޝަނުން ބުނީ އެ މީހުންގެ 20،000 ވެހިކަލްގެ ފްލީޓުގެ ތެރޭން އިއްޔެ ދަތުރުތަކުގައި ބޭނުން ކުރެވުނީ ހަތަރު ބައިކުޅަ އެއްބަޔަށް ވުރެ މަދު ވެހިކަލް ކަމަށެވެ. ތެޔޮ ހޯދުމަށް ބައެއް ޑްރައިވަރުން ވަނީ ހަތް ގަޑިއިރަށް ވުރެ ގިނައިރު ކިޔޫގައި މަޑުކުރަން ޖެހިފަ އެވެ.

ލަންކާގައި ތެޔޮ ހޯދަން މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ

ލަންކާގައި ތެޔޮ ހޯދަން މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ

"ބަސް ނުދުއްވާތާ މިހާރު ދެ ދުވަސްވެއްޖެ. ސަބަބަކީ ޑީސަލް އެއްގޮތަކަށް ވެސް ނުލިބޭ،" އުމުރުން 51 އަހަރުގެ ބަސް ޑްރައިވަރެއް ކަމަށްވާ ސަރަތު ބުންޏެވެ.

ޝެޑިއުލާ އެއްގޮތަށް ބަސް ދަތުރުތައް ކުރިއަށް ނުގެންދެވޭނެކަން އެނގުމާ އެކު ގިނަ މީހުން އިއްޔެ ބޭނުން ކުރީ އެ މީހުންގެ އަމިއްލަ މޮޓޯ ސައިކަލެވެ.

ލަންކާގައި ތެޔޮ ސަޕްލައިކުރާ ބޮޑު ކުންފުންޏެއް ކަމަށްވާ ލަންކާ އައިއޯސީން ހޮނިހިރު ދުވަހު ވަނީ ތެލުގެ އަގު 12 ޕަސެންޓް ބޮޑުކޮށްފަ އެވެ. އަދި ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) އިން ވަނީ ތެލުގެ އަގު ބޮޑުކުރަން ސަރުކާރުގައި އެދިފަ އެވެ. ސީޕީސީގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނި ގޮތުގައި އެ ކުންފުނީގައި ތެޔޮ ހުރީ ހަތަރު ދުވަހަށްވާ ވަރަށެވެ. އެހެންވެ ތެޔޮ ދޫކުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.

ލަންކާގައި ތެޔޮ ހޯދަން މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ

ލަންކާގައި ތެޔޮ ހޯދަން މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ތުޝާރާ، 36، ބުނީ އޭނާގެ ވެހިކަލަށް ތެޔޮ އެޅުމަށް ހަ ގަޑިއިރު ކިޔޫގައި ހުންނަން ޖެހުނު ކަމަށެވެ.

ތެޔޮ ނުލިބި ލަންކާގެ އާއްމު ދަތުރުފަތުރު ހުއްޓުމަކަށް އައި އިރު ކޮންމެ ދުވަހަކު ވެސް ކަރަންޓް ކަނޑާ ވަގުތު މިހާރު ވަނީ ހަތް ގަޑިއިރާ ބަޔަށް އިތުރުކޮށްފަ އެވެ. މިއީ ވޭތުވެދިޔަ 25 އަހަރު ދުވަހު ތެރޭ ވެސް މިހާ ގިނައިރަށް ކަރަންޓް ކަނޑާ ފުރަތަމަ ފަހަރެވެ.

ސަރުކާރު އޮފީސްތަކުގައި ވެސް މެންދުރު ފަހު އެއާ ކަންޑިޝަން ނިއްވާލުމަށް މިހާރު ވަނީ އަންގައިފަ އެވެ.