Roadha Mihaaru
ލަންކާގެ އެނާޖީ މިނިސްޓަރު މަގާމުން ދުރުކޮށްފި

ލަންކާގެ ކަރަންޓުގެ ހާލަތު ގޯސްވެފައި ވަނިކޮށް އެނާޖީ މިނިސްޓަރު ވަކިކޮށްފި

04 މާޗް 2022

ކޮލަމްބޯ (މާޗް 4) - ލަންކާ ތެލަށް ޖެހި ގައުމުގައި ކަރަންޓުގެ މައްސަލަ ވަރަށް ބޮޑުވެފައި ވަނިކޮށް އެ ގައުމުގެ އެނާޖީ މިނިސްޓަރު އުދަޔަ ގައްމަންޕިލަ މަގާމުން ދުރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 4) - ލަންކާ ތެލަށް ޖެހި ގައުމުގައި ކަރަންޓުގެ މައްސަލަ ވަރަށް ބޮޑުވެފައި ވަނިކޮށް އެ ގައުމުގެ އެނާޖީ މިނިސްޓަރު އުދަޔަ ގައްމަންޕިލަ މަގާމުން ދުރުކޮށްފި އެވެ.

އުދަޔަ މަގާމުން ދުރުކޮށްފައި ވަނީ ސަރުކާރުގެ މާލީ ސިޔާސަތަށް އޭނާ ފާޑު ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ.

ބޭރު ފައިސާ ލިބުން ދަތިވެ ލަންކާގެ ޑޮލަރުގެ ރިޒާވް ދަށްވެފައިވާތީ ތެލުގެ އިމްޕޯޓް ވަނީ ވަރަށް ބޮޑަށް ތާށިވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ބަސްތަކަށް އަޅާނެ ތެޔޮ ނުލިބި ޕަބްލިކް ޓްރާންސްޕޯޓް މިދިޔަ ބުދަ ދުވަހު ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އަދި ބުދަ ދުވަހުން ފެށިގެން ވަނީ ކޮންމެ ދުވަހަކު ވެސް ހަތްގަޑިއިރާ ބަޔަށް ކަރަންޓް ކަނޑަން ފަށައިފަ އެވެ. މިއީ 1966 ވަނަ އަހަރުން ފެށިގެން މިހާ ގިނައިރަށް ކަރަންޓް ކަނޑާ ފުރަތަމަ ފަހަރެވެ.

ކެބިނެޓުގައި ހިމެނޭ އިންޑަސްޓްރީޒް މިނިސްޓަރު ވިމާލް ވީރަވަންސާ ވެސް ވަނީ، ފައިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސާ އަށް ފާޑު ވިދާޅުވެގެގެން މަގާމުން އިއްޔެ ދުރުކޮށްފަ އެވެ. ބާސިލް އަކީ ރައީސް ގޯޓާބޭ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ކޮއްކޮ އެވެ.

"ރައީސްގެ ރިޔާސީ ބާރުތަކުގެ ދަށުން، އެނާޖީ މިނިސްޓަރާއި އިންޑަސްޓްރީޒް މިނިސްޓަރު ވަނީ ވަގުތުން މަގާމުން ދުރުކޮށްފައި،" ރިޔާސީ ތަރުޖަމާން ކިންގްސްލީ ރަތުބަޔަކަ ވިދާޅުވި އެވެ.

ދެ މިނިސްޓަރުން މަގާމުން ދުރުކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ހީނަރުވެފައިވާ އިގްތިސާދާ ގުޅޭ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެ މިނިސްޓަރުން ފާޑު ވިދާޅުވުމުން ރައީސް ހުންނެވީ ހިތްހަމަޖެހިވަޑައިނުގެންފަ އެވެ.

އާ އެނާޖީ މިނިސްޓަރުގެ މަގާމަށް ހަމަޖައްސައިފައި ވަނީ ޕަވާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ގާމިނީ ލޮކުގެ އެވެ.