Roadha Mihaaru

ރާމާމަކުނަކާ ހެދި ލަންކާގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

ސްރީ ލަންކާގައި އިލެކްޓްރިކަލް ގްރިޑް ސަބް ސްޓޭޝަނެއްގެ ތެރެއަށް ރާމާމަކުނެއް ވަނުމުގެ ސަބަބުން ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.

ރާމާމަކުނަކާ ހެދި ލަންކާއިން ކަރަންޓު ކެނޑިއްޖެ

ސްރީ ލަންކާގައި އިލެކްޓްރިކަލް ގްރިޑް ސަބް ސްޓޭޝަނެއްގެ ތެރެއަށް ރާމާމަކުނެއް ވަނުމުގެ ސަބަބުން ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.

ލަންކާ ގަޑިން މިއަދު ހެނދުނު 11:30 އެހާއިރު ކަރަންޓު ކެނޑެމުން ގޮސް ހުރިހާ ހިސާބަކަށް މި މައްސަލަ ދިމާވި އެވެ. މައްސަލަ ދިމާވިތާ އެތައް ގަޑިއިރެއްވީ އިރު ވެސް، ހުރިހާ ހިސާބަކަށް ކަރަންޓު ނުދެވެ އެވެ.

"ކަރަންޓު ކެނޑުނީ ގްރިޑް ޓްރާންސްފޯމަރަށް ރާމާމަކުނެއް ވަދެ [ކަރަންޓުގައި ޖެހި] ސިސްޓަމް އިމްބެލެންސް ވެގެން،" އެނާޖީ މިނިސްޓަރު ކުމާރަ ޖަޔަކޮޑީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހާދިސާ ހިނގީ ކޮލަމްބޯގެ އުތުރުގެ އަވަށެއްގައި ކަމަށެވެ.

ބައެއް ހިސާބުތަކަށް އަލުން ކަރަންޓު ދީފައި ވިޔަސް ހުރިހާ ހިސާބަކަށް ކަރަންޓު ދީ، މައްސަލަ އަލުން ހައްލުކުރެވޭނެ އިރެއް އަދި ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންޖިނިއަރުން އެ ދަނީ މަސައްކަތްކުރަމުން. ވީހާވެސް އަވަހަކަށް ހިދުމަތް އަލުން ދޭން އެބަ މަސައްކަތްކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްރީ ލަންކާއަށް 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ ކާރިސާގެ ތެރޭ، ތެޔޮ އިމްޕޯޓް ނުކުރެވި ރަނގަޅަށް ކަރަންޓު ނުދެވި އެތައް މަހެއް ވަންދެން އެ އުނދަގުލުގައި އުޅެން ޖެހުނެވެ. ޕެޓްރޯލާއި ޑީސަލް ހުސްވެ ބައެއް ހިސާބުތަކުގައި އޭރު ކަރަންޓު ދިނީ އެންމެ 13 ގަޑިއިރަށެވެ.