Roadha Mihaaru
ހުކުމް ތަންފީޒުކޮށް ނިމި އަޑުބަރޭ މިނިވަންވެއްޖެ

ހުކުމް ތަންފީޒުކޮށް ނިމި އަޑުބަރޭ މިނިވަންވެއްޖެ

06 މާޗް 2022

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރަން ޖާމިނުވެ، އޭނާ ޝަރީއަތަށް ހާޒިރުކޮށް ނުދީގެން 15 ދުވަހަށް ޖަލަށްލި، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހުކުމް ތަންފީޒުކޮށް ނިމިގެން މިއަދު މިނިވަން ވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަލީ ވަހީދުގެ އެންމެ ގާތް އެއް އެކުވެރިޔާ އަސްހަދަށް ޣައިރު ހާޒިރުގައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އޭނާ އިނގިރޭސި ވިލާތުގައި ހުއްޓަ އެވެ. ނަމަވެސް މިދިޔަ މަހުގެ 19 ގައި އަސްހަދު ރާއްޖެ އައިސް އަމިއްލަ އަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ދިޔައީ އެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހުކުމް ތަންފީޒު ނިމުމުން މިއަދުގެ ވަގުތެއްގައި އަސްހަދު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ 15 ދުވަހުގެ ހުކުމް ތަންފީޒުކުރީ ހުޅުމާލޭގައި ހުންނަ ޖަލުގަ އެވެ.

އަސްހަދުގެ މައްޗަށް ކުރި ހުކުމުގައި ވަނީ އަލީ ވަހީދު ގެންނަން ޖާމިނުވި މީހާ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވިދާޅުވެފައިވެ އެވެ.

ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި އަސްހަދު މިހާރު 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރި ނަމަވެސް އަލީ ވަހީދަށް ޖާމިނުވުމުގެ އެއްބަސްވުމާ އަސްހަދު ހިލާފުވެފައި ވާތީ، އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިދޭން އެދިފައިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަ އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މިދިޔަ މަހު ވިދާޅުވީ ޖާމިނު އެއްބަސްވުމާ ހިލާފުވި މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ލިއުމުން ދެ ފަހަރަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އަދި ޝަރީއަތުގައި އަނގަބަހުން ވެސް އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން މިހާތަނަށް ގޮތެއް ނިންމާފައި ނުވާތީ ދެން އޮންނަ ޝަރީއަތެއްގައި ވެސް އެކަން ޕީޖީ އޮފީހުން އެކަން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.