Roadha Mihaaru
އިވެންޓަކަށް ނުދިއުމުން ސޮނާކްޝީ ހައްޔަރުކުރަނީ

ތިން މިލިއަން ރުޕީސް ނެގުމަށް ފަހު އިވެންޓަކަށް ނުދިއުމުން ސޮނާކްޝީ ހައްޔަރުކުރަން އަމުރުކޮށްފި

07 މާޗް 2022

ފްރޯޑް ކޭސްއެއްގެ ތުހުމަތުން ސަލާމަތްނުވެ ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ބޮޑު މައްސަލަގަނޑެއްގައި ތާށިވެއްޖެ އެވެ.

ފްރޯޑް ކޭސްއެއްގެ ތުހުމަތުން ސަލާމަތްނުވެ ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ބޮޑު މައްސަލަގަނޑެއްގައި ތާށިވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި "ދަބަންގް" ގެ އެކި ބައިތަކުން ފެނުނު ސޮނާކްޝީއާ ދެކޮޅަށް ކަފާލާތުގެ ދަށުން ވެސް މިނިވަން ނުވާނެ ކަހަލަ، ހައްޔަރުކުރުމުގެ އަމުރެއް އިންޑިއާގެ ސިޓީއެއް ކަމަށްވާ މޮރަދަބާދުގެ ކޯޓަކުން ވަނީ ނެރެފަ އެވެ.

އެ އަމުރު ނެރުނު ނަމަވެސް އޭނާ އަދި ހައްޔަރެއް ނުކުރެ އެވެ.

އެ މައްސަލައިގައި ސޮނާކްޝީ ތާށިވީ ދިއްލީގައި އޮތް އިވެންޓަކަށް ދާން އެއްބަސްވުމަށް ފަހު އެތަނަށް ނުދިއުމުންނެވެ.

އެހެންވެ އެ އިވެންޓް އިންތިޒާމުކުރި މީހުން ސޮނާކްޝީގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއީ އިވެންޓަށް ދާނެ ކަމަށް ބުނެ 3.7 މިލިއަން ރުޕީސް ނެގުމަށް ފަހު އެތަނަށް ނުދިޔަ ނަމަވެސް، އެ ފައިސާ އަނބުރާ ދޭން އެތައް ފަހަރަކު އެދުމުން ވެސް އޭނާގެ މެނޭޖަރު އެކަމަށް ދެކޮޅު ހަދައިފައިވުމުންނެވެ.

އެ އިވެންޓަކީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި އޮތް އިވެންޓެކެވެ. އިވެންޓް އިންތިޒާމުކުރި މީހުން ޗީފް ގެސްޓެއްގެ ގޮތުގައި ހަމަޖެއްސީ ސޮނާކްޝީ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ މައްސަލައިގައި ސޮނާކްޝީގެ ބަޔާންދޭން ދިޔަސް، ފަހުން އެތަނުން ނުފެނުމުން ކޯޓުން ނެރުނީ ކަފާލާތުގެ ދަށުން ވެސް އޭނާ މިނިވަން ނުވާނެ ކަހަލަ އަމުރެކެވެ.

ސޮނާކްޝީ ހައްޔަރުކުރުމަށް ފުލުހުންނަށް ކޯޓުން އަމުރުކުރި އިރު، އަންނަ މަހުގެ 24 ވަނަ ދުވަހު އޮންނަ އަޑުއެހުމަށް އޭނާ ހާޒިރުކުރުމަށް ކޯޓުން އެންގި އެވެ.

މި މައްސަލަ ހޫނުވެގެން އުޅުނުއިރު ސޮނާކްޝީ ބަޔާނެއް ވެސް ނެރުނެވެ. އޭރު އޭނާ ބުނެފައި ވަނީ މިއީ އޭނާގެ އަގު ވައްޓާލަން ކުރާ ކަމެއް ކަމަށާއި ކަން ހިނގާދިޔައީ އިވެންޓް އިންތިޒާމުކުރި މީހުން ބުނާ ގޮތަށް ނޫން ކަމަށެވެ.