Roadha Mihaaru
ޒަހީރު އާއި ސޮނާކްޝީ ކައިވެނިކޮށްފި

ޒަހީރު އާއި ސޮނާކްޝީ ކައިވެނިކޮށްފި

24 ޖޫން 2024

ބޮލީވުޑްގެ އެކްޓަރު ޒަހީރު އިގްބާލް އާއި ސޮނާކްޝީ ސިންހާ އިއްޔެ ކައިވެނިކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑްގެ އެކްޓަރު ޒަހީރު އިގްބާލް އާއި ސޮނާކްޝީ ސިންހާ އިއްޔެ ކައިވެނިކޮށްފި އެވެ.

ޒަހީރު އާއި ސޮނާކްޝީ ކައިވެނި ކުރީ ހަަމައެކަނި ދެ ފަރާތުގެ އާއިލާ އާއި ގާތް ރައްޓެހިން ބައިވެރިވި އާދައިގެ ހަފުލާއެއްގަ އެވެ.

ކައިވެންޏަށް ފަހު މުމްބާއީގައި ބޭއްވި ޕާޓީގައި ބޮލީވުޑް މަޝްހޫރު ތަރިން ކަމަށްވާ ރޭކާ، ސަލްމާން ހާން، ކާޖޮލް، އަދީތީ ރާއޯ ހައިދަރީ އާއި އެހެން ބައެއް އެކްޓަރުން ބައިވެރިވި އެވެ.

ބޮލީވުޑްގެ އެހެން ތަރިންގެ ކައިވެނިތަކާ އެއްގޮތަށް ސޮނާކްޝީގެ ކައިވެނީގެ ހަފުލާ ވެސް ބޭއްވީ އެސްތެޓިކް ތީމަކަށެވެ. އަދި މި ކައިވެނީގައި ސޮނާކްޝީ ހުރީ ލެހެންގާއެއްގެ ބަދަލުގައި ވިންޓޭޖް ސާރީއެއް ލައިގެންނެވެ. އެއީ ސޮނާކްޝީގެ މަންމަގެ ސާރީއެކެވެ.

ނަމަވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ މެހެންދީގެ ބަދަލުގައި ސޮނާކްޝީގެ އަތް "ޓްރެޑިޝަނަލް އެލްޓާ" އިން ޒީނަތްތެރިކޮށްފައިވުމެވެ.

އަލްޓާ އަކީ އިންޑިއާގެ ކައިވެނި ކަހަލަ ހާއްސަ މުނާސަބަތުތަކުގައި އަންހެނުން އަތާއި ފައިގައި އުނގުޅާ ރަތް ކުލައެކެވެ.

ސޮނާކްޝީ އާއި ޒާހިރު މި ކައިވެނި ކުރީ އެ ދެމީހުން ރައްޓެހިވެގެން އުޅޭތާ ހަތް އަހަރު ފަހުންނެވެ. އެ ދެމަފިރިން ވަނީ އިންސްޓަގްރާމްގައި ޖޮއިންޓް ޕޯސްޓަކާ އެކު މި ހަބަރު ހިއްސާކޮށްފަ އެވެ.

ކެޕްޝަންގައިވާ ގޮތުން އެ ދެމީހުން ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅުނު ތާރީހުގަ އެވެ. އެމީހުން ލިޔެފައި ވަނީ، "ހަމަ މި ދުވަހު، މީގެ ހަތް އަހަރު ކުރިން (23.06.2017) އެކަކު އަނެކަކު ދެކެ ލޯބިވެވުނީ. އެ ދުވަހުން ފެށިގެން މި ގުޅުން މި ގޮތުގައި ހިފައްހައްޓަން ބޭނުންވީ،" ކަމަށެވެ.