Roadha Mihaaru
ގައުމީ ވޮލީ ޓީމުގެ ބްރެޒިލް ކޯޗު ރާއްޖެ އަތުވެއްޖެ

ގައުމީ ވޮލީ ޓީމަށް ހަމަޖެއްސި ބްރެޒިލްގެ ކޯޗު ރާއްޖެ އަތުވެއްޖެ

08 މާޗް 2022

ގައުމީ ވޮލީބޯޅަ ޓީމަށް ހަމަޖެއްސި ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.

ގައުމީ ވޮލީބޯޅަ ޓީމަށް ހަމަޖެއްސި ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ ކުރިއަށް ހުރި މުބާރާތްތަކަށް ޓީމާ އެކު މަސައްކަތް ކުރަން ސާޖިއޯ މާލެ އައިސްފައިވާ ކަމަށެވެ.

ގައުމީ ބީޗު ވޮލީ ޓީމުގައި ވެސް މަސައްކަތް ކުރަނީ ބްރެޒިލްގެ ކޯޗެއް ކަމަށްވާ ވިނީޝިއުސް މާޓިންސް އެވެ. އޭނާ ގައުމީ ޓީމާ ހަވާލުވީ މިދިޔަ މަހު އެވެ.

ވެލޯސާ އަކީ 2019 ގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު ގައުމީ ޓީމުގައި މަސައްކަތް ކުރާ ބިދޭސީ ފުރަތަމަ ކޯޗެވެ. ނޭޕާލްގައި ބޭއްވި ގޭމްސްގައި ގައުމީ ޓީމަށް އިރުޝާދު ދިނީ ސާބިއާގެ މިލްރޮޑް ކިޔާޗް އެވެ. ބަހުރެއިންގެ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ސާޖިއޯ ވަނީ ބްރެޒިލްގެ ޒުވާން ޓީމުގައި ވެސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ޓީމުގެ ކޯޗުކަން ކުރީ ތަޖުރިބާކާރު ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. ބެލެވޭ ގޮތުގައި ސާޖިއޯގެ އެސިސްޓެންޓެއްގެ ގޮތުގައި ވެސް ކާއްޓޭ މަސައްކަތް ކުރާނެ އެވެ.

ރަނޭ ކުރިން ވިދާޅުވެފައި ވަނީ ދިވެހި ކޯޗުން އިތުރަށް ކުރިއެރުވޭނީ ކޯޗިން ލައިސެންސް ފުރިހަމަ ކުރުމުގެ އިތުރަށް ބިދޭސީ ކޯޗުންނާ އެކު މަސައްކަތް ކޮށްގެން ކަމަށެވެ.

"ދިވެހި ކޯޗުންގެ ފެންވަރާމެދު އެއްވެސް އިރެއްގައި އަޅުގަނޑުމެން ޝައްކެއް ނުކުރަން،" ރަނޭ ވިދާޅުވި އެވެ. "އަޅުގަނޑުގެ ދައުރުގައި އަޅުގަނޑުމެން ވަރަށް ބާރުލާފައި ދައްކާ ވާހަކައެއް ބޭރު ކޯޗެއްގެ ވާހަކަ. ހުރިހާ ޓީމަކަށް ވެސް ބޭރު ކޯޗުން ގެންނަ ވާހަކަ. ހަގީގަތުގައި ބޭރު ކޯޗުން ގެންނަން އަޅުގަނޑުމެން ބޭނުންވާ ސަބަބަކީ ދިވެހި ކޯޗުންނަށް އިތުރު ނޮލެޖެއް ދޭން. ދިވެހި ކޯޗުންގެ ފެންވަރު ދަށްވެގެނެއް ނޫން."