Roadha Mihaaru
ހަނގުރާމާ އަށް ދިޔަ އާއިލާއެއް ރާއްޖެ ގެނެސްފި

ހަނގުރާމަ އަށް ދިޔަ އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރާއްޖެ ގެނެސްފި

11 މާޗް 2022

ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިގެން ދިއުމަށް ފަހު ހާލުގައި ޖެހުނު ދިވެހި އާއިލާއެއް މިއަދު ރާއްޖެ ގެނެސްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިގެން ދިއުމަށް ފަހު ހާލުގައި ޖެހުނު ދިވެހި އާއިލާއެއް މިއަދު ރާއްޖެ ގެނެސްފި އެވެ.

މިއީ ހަނގުރާމަވެރި ސަރަހައްދަކުން އަނބުރާ ރާއްޖެ އަށް ގެނައި ފުރަތަމަ އާއިލާ އެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއަދު މާލެ ގެނައީ ހަނގުރާމާގައި ހާލުގައި ޖެހުނު އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިން ކަމަށެވެ. ނަމަވެސް އެ މީހުން ގެނައީ ކޮން ގައުމަކުން ކަމެއް އެ ބަޔާނުގައި ނުބުނެ އެވެ. އެ އާއިލާ ރިހެބިލިޓޭޓްކޮށް، މުޖުތަމައު އަށް ނެރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަނބުރާ ރާއްޖެ ގެނައި އާއިލާގެ މައޫލާމާތު އެ މީހުންގެ ރައްކާތެރިކަމަށްޓަކައި ސިއްރުކޮށްފައިވާ އިރު، މިނިސްޓްރީން ބުނީ ކުޑަކުދިންނާއި އަނިޔާ އަށް ހުށަހެޅިފައިވާ އަންހެނުންނަކީ ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ހާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބައެއް ކަމަށެވެ. އެހެންކަމުން، އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީ މައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަން ލިބޭނެ، ގާނޫނީ ގޮތުން ވެސް މަނާކަމެއް ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އެފަދަ އާއިލާތައް ރާއްޖެ ގެނައުމުގައި ސަރުކާރުން އިސްކަމެއްދެނީ؛

- ރާއްޖޭގެ ދާހީލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް.

- ރައްޔިތުންގެ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް.

- މުޖުތަމައު އިން ބާކީވެފައިވާ މީހުން އިސްލާހުކޮށް ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އަނބުރާ މުޖުތަމައު އަށް ނެރުން.

ހާލުގައި ޖެހިފައިވާ އާއިލާތައް އަނބުރާ ރާއްޖެ ގެނެސްދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކުގައި އެ މީހުންގެ އާއިލާތަކުން އެދިފައިވެ އެވެ. އެ މައްސަލަ އަށް ހައްލެއް ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.

ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އައިސް އެއްވެސް ބާވަތެއްގެ ޖިނައީ ތަކުލީފެއް އުފުލުމެއް ނެތި ނުވަތަ ކަމާ ގުޅުންހުރި ރިހެބިލިޓޭޓިވް ޕްރޮގްރާމެއްގައި ބައިވެރިނުވެ ބައެއް މީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ވާތީ ސަރުކާރުން ވަނީ އެ މައްސަލަ ހައްލުކުރުމަށް ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ.

ހަނގުރާމައިން އަނބުރާ އަންނަ މީހުންގެ ރިހެބިލިޓޭޝަން އާއި ރީއިންޓެގްރޭޝަންއާ ގުޅޭ ގަވާއިދަށް މިދިޔަ ޖެނުއަރީ މަހު ވަނީ އަމަލުކުރަން ފަށައިފަ އެވެ. އަދި ހަނގުރާމަތަކުގައި ވިކްޓިމައިޒްވާ އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ދީނީ، އިޖުތިމާއީ އަދި ނަފުސާނީ ފަރުވާ ދެވޭނެހެން ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކޮށް އެކަމަށް ބޭނުންވާ މަރުކަޒެއް ކ. ހިންމަފުށީގައި ވަނީ ހަދައިފަ އެވެ.

ސީރިއާ އަދި އަގްފާނިސްތާން ފަދަ ބައެއް ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ގިނަ އަދަދެއްގެ ދިވެހިން ގޮސްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގައި މަރުވެފައިވާ އިރު، އެ މީހުންގެ އަނބިދަރިން ވަނީ ހާލުގައި ޖެހިފަ އެވެ.