Roadha Mihaaru
އެއާޕޯޓުގެ އެންމެ ބޮޑު އިމަޖެންސީ ހަރަކާތް މާދަމާ

އެއާޕޯޓުގެ އެންމެ ބޮޑު އިމަޖެންސީ ހަރަކާތް މާދަމާ

15 މާޗް 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަޖެންސީ ހަރަކާތެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަޖެންސީ ހަރަކާތެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓް އޮޕަރޭޓްކުރާ ކުންފުނި، އެމްއޭސީއެލުން މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި، އެކްޓިން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، މިފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ އެއާޕޯޓަށް ޖައްސަން ދާ މަތިންދާބޯޓެއް ވެއްޓި ނުވަތަ ނުރައްކާތެރި ހާދިސާއެއް ހިނގާ ވަގުތެއްގައި އެއާޕޯޓުގެ އިމަޖެންސީ ޓީމުތައް ތައްޔާރުވެފައިވާ ވަރު ދެނެގަތުން ކަމަށެވެ.

މާދަމާގެ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އޮންނަ މި ހަރަކާތް ބާއްވަނީ އާ ރަންވޭގަ އެވެ. ބޯޓެއްގައި އަލިފާން ރޯވެ، އެ ހާލަތުގައި ކަންކަން ކުރާނެ ގޮތަށް އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.

އެމްއޭސީއެލާއެކު މި އޮޕަރޭޝަންގައި އެންމެ އިސްކޮށް ބައިވެރިވާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، މި ހަރަކާތް ރޭވީ މީގެ ހަތަރު މަސް ކުރިން ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މީހުންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މިފަދަ އިތުރު ހަރަކާތްތައް ޑިޒާސްޓާ މެނޭޖްމެންޓާ އެކު ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލް ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ތޯހާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އެމްއޭސީއެލް ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ތޯހާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

"އަޅުގަނޑުމެން ވިލަރެސް ކޮށްގެން ހިންގާ މި ހަރަކާތަކީ ކޮވިޑަށް ފަހު ހިންގާ މިފަދަ އެންމެ ބޮޑު އެކްސަސައިޒް،" އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެމްގެ ޖެނެރަލް މެނޭޖަރު އާޒިނާ އަބްދުލް މަތީން ވިދާޅުވި ގޮތުގައި މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ އިމަޖެންސީ އެންމެ ބޮޑު އެކްސަސައިޒެވެ. ހަތަރު ގަޑި އިރަށް ކުރިއަށް ގެންދާ މި ހަރަކާތުގައި 28 މުއްސަސާއަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ފުލުހުންނާއި އެމްއެންޑީއެފާއި ގާލްގައިޑާއި ސްކައުޓާއި އެމްޓީސީސީ ބައިވެރިވާނެ އެވެ.

"މި ހަރަކާތުގައި 325 ވޮލެންޓިއަރުން ބައިވެރިވާނެ. އޭގެ ތެރޭގައި ވިކްޓިމްސް އާއި ކޯ-ރެސްޕޮންޑާސް ވެސް ހިމެނޭ،" އާޒިނާ ވިދާޅުވި އެވެ.