Roadha Mihaaru
އިދިކޮޅު އެއްވުމާ ދިމާކޮށް އީސީން ވެސް އިލްތިމާސެއް

އިދިކޮޅު އެއްވުމާ ދިމާކޮށް އީސީން ވެސް އިލްތިމާސެއް

24 މާޗް 2022

"ނޭވާ ހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މާދަމާ އިންޑިއާއާ ދެކޮޅު ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވަނިކޮށް، ހާރިޖީ ސިޔާސަތުތަކާއި ހާރިޖީ ގުޅުންތަކަށް އިހުތިރާމުކޮށްގެން ސިޔާސީ ހަރަކާތް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

"ނޭވާ ހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މާދަމާ އިންޑިއާއާ ދެކޮޅު ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވަނިކޮށް، ހާރިޖީ ސިޔާސަތުތަކާއި ހާރިޖީ ގުޅުންތަކަށް އިހުތިރާމުކޮށްގެން ސިޔާސީ ހަރަކާތް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްްކޮށްފި އެވެ.

"ނޭވާ ހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަކަށެވެ. މިއީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އެ އެއްވުމާއި ގުޅިގެން އިއްޔެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ޕީޕީއެމް އޮފީސް ސަރަހައްދާއި، ރަސްފަންނު ސަރަހައްދާއި، ބޮޑުތަކުރުފާނު މަގާއި އުސްފަސްގަނޑު ސަރަހައްދުގައި ޕީޕީއެމް އިން ބޭއްވުމަށް ރާވާފައިވާ އެއްވުމަކީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫން ކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރި ކަމަށް ބުނެފަ އެވެ. އެހެންވެ އެ ޕާޓީއަށް ފުލުހުން އެންގީ އެއްވުން ނުބޭއްވުމަށެވެ.

އެ ހަރަކާތާ ގުޅިގެން އިލެކްޝަނުން ނެރުނު ބަޔާނުގައި ވަނީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގު ފަހިކޮށްދީފައި ވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގައި އަމަލުކުރަމުންދާ ކަމާ ބެހޭ އެހެން ގާނޫނުތަކާއި ގަވާއިދުތަކާއި ހުދޫދުތަކުގެ ތެރެއިން ކަމަށެވެ. އަދި ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ސިޔާސީ ހަރަކާތްތައް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ދައުލަތުގެ ހާރިޖީ ސިޔާސަތުތަކާއި ހާރިޖީ ގުޅުންތަކަށް އިހުތިރާމުކޮށްގެން ކުރިއަށް ގެންދަން އީސީން އިލްތިމާސްކުރި އެވެ.

"ދައުލަތުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން މި ކޮމިޝަނުން އިލްތިމާސްކުރަން،" އީސީގެ ބަޔާނުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް އެ ކޮމިޝަނުން އެއްބާރުލުން ދޭނެ ކަމަށެވެ.

ހާރިޖީ ގުޅުންތަކަށް އިހުތިރާމުކޮށްގެން ސިޔާސީ ހަރަކާތް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން އެދުނުއިރު އިދިކޮޅު ކޯލިޝަނުން ދަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ. މިފަހުން ބާއްވާ ކޮންމެ ހަރަކާތެއްގައި އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާތަކުގައި ބެނާތައް ޕީޕީއެމްގެ ހަރަކާތްތަކުގައި ބޭނުންކުރަމުން އަންނައިރު އެކަމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަސަރުކޮށްފާނެ ކަމަށް ބުނެ ސަރުކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިދިކޮޅުން މާލޭގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތެއް-- އެ ހަރަކާތަށް ވެސް ފުލުހުން ހުރަސް އެޅި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅުން މާލޭގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތެއް-- އެ ހަރަކާތަށް ވެސް ފުލުހުން ހުރަސް އެޅި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުލުހުން ނެރުނު ބަޔާނުގައި ބުނީ "ނޭވާ ހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމަށް ރަށްރަށުން ގިނަ ބަޔަކު ގެންނަ ކަމަށާއި އަދި ދުއްވާތަކެތި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކުކޮށް، ރައްޔިތުންނާއި އާންމުންގެ ދަތުރުފަތުރުގެ ހިދުމަތައް ހުރަސް އަޅަން ވެސް ރާވާފައިވާ ކަމަށެވެ.

އެހެންވެ ފުލުހުން ވަނީ އެއްވުމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ އެއްވުމުގައި ބައިވެރިވެ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހި ކުރުވާ ކަމަށް ތުހުމަތު ކުރެވޭ އެއްގަމު އުޅަނދުފަހަރުތަކާއި ކަނޑު އުޅަނދުތައް ބަލައި ފާސް ކުރާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ އެންގުމާ ގުޅިގެން އެއީ އެއްވެ އުޅުމުގެ ގާނޫނަށް ހުރަސް އެޅުން ކަމަށް ބުނެ އިދިކޮޅުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.