Roadha Mihaaru
އިދިކޮޅު މުޒާހަރާއިން ގެންދިޔަ އެންމެ ދޫކޮށްލައިފި

މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

14 މާޗް 2023

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބާއްވަމުން ދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ފުލުހުން ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބާއްވަމުން ދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ފުލުހުން ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ، އިދިކޮޅުގެ މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ހައްޔަރުކުރި 12 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ޕީޕީއެމުން ބުނި ގޮތުގައި، ރޭގެ މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އަންހެނަކު ހޭނެތިގެން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. އެ އަންހެން މީހާ ހޭނެތުނީ ބޮލަށް އަނިޔާވެގެން ކަމަށާއި ފަރުވާދިނުމަށް ފަހު މިއަދު ފަތިހު އޭނާ ގެއަށް ދޫކޮށްލާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، އިދިކޮޅުން ކޮންމެ ރެއަކުހެން މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކުގެ ތެރެއިން ކޮންމެ ރެއަކު ވެސް ގިނަ ބަޔަކު ހައްޔަރުކުރެ އެވެ.

ޔާމީން ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފު ފޯމު އިސްލާހު ކުރަން ހައި ކޯޓުން އޮތީ މިދިޔަ ހަފުތާގައި އަންގައިފަ އެވެ. ހައި ކޯޓުން އެގޮތަށް އެންގީ، އެ މައްސަލަ ބަލައިގަތުން ލަސްވާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވަނިކޮށެވެ.

ޔާމީންގެ މައްޗަށް ކުރި ހުކުމާ އެކު، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް މި ވަގުތު ވަނީ ބަންދުވެފަ އެވެ. އެކަމަކު ޔާމީންގެ ވަކީލުން ވަނީ މި މަސް ތެރޭގައި ހައި ކޯޓުން އެމަނިކުފާނު މިނިވަންކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.