Roadha Mihaaru
އައިފުލް ޓަވަރު އިތުރު ހަ މީޓަރަށް އުސްކޮށްލައިފި

އައިފުލް ޓަވަރު އިތުރު ހަ މީޓަރަށް އުސްކޮށްލައިފި

29 މާޗް 2022

މިދިޔަ އަންގާރަ ދުވަހު ޕެރިސްގައި ހުންނަ އައިފުލް ޓަވަރުގައި އާ ޑިޖިޓަލް ރޭޑިއޯ އެންޓަނާއެއް ހަރުކުރުމާ އެކު އެ ޓަވަރުގެ އުސްމިނުގައި ހަ މީޓަރު އިތުރުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ޕެރިސްގައި ހުންނަ އައިފުލް ޓަވަރުގައި އާ ޑިޖިޓަލް ރޭޑިއޯ އެންޓަނާއެއް ހަރުކުރުމާ އެކު އެ ޓަވަރުގެ އުސްމިނުގައި ހަ މީޓަރު އިތުރުވެއްޖެ އެވެ.

އައިފުލް ޓަވަރަކީ 19 ވަނަ ގަރުނުގައި ފްރާންސްގެ ސިވިލް އިންޖީނިއަރު ގަސްތާވު އައިފުލް ހެދި ތަނެކެވެ. އަލަށް ހަރުކުރި އެންޓަނާ އެކު މިހާރު އެ ޓަވަރުގެ އުސްމިނަކީ 330 މީޓަރެވެ. ޓަވަރުގެ އެންމެ މަތީގައި އެ އެންޓަނާ ހަރުކުރީ ހެލިކޮޕްޓަރުގައި އެ އުފުލައިގެން ގެންގޮސްގެންނެވެ.

އެ ޓަވަރު އިމާރާތްކުރި ދުވަސްވަރު، އޭރު އެންމެ އުސްކޮށް ހުރި ވޮޝިންގްޓަން މޮނިއުމަންޓް ފަހަތަށް ޖައްސާލާއި ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ޝަރަފު ހޯދި އެވެ. އޭގެ ފަހުން 40 އަހަރު ވަންދެން އައިފުލް ޓަވަރުން އެ ޝަރަފު ދެމެހެއްޓިއިރު، 1929 ގައި ނިއު ޔޯކް ސިޓީގައި ހެދި ކްރިސްލާ ބިލްޑިންއާ އެކު އެ ޝަރަފު އެމީހުންނަށް ގެއްލުނެވެ.

ޓްރިޕް އެޑްވައިސާ ބުނާ ގޮތުގައި، ލޯބީގެ ނިޝާނެއްގެ ގޮތުގައި ބަލާ އައިފުލް ޓަވަރަކީ ދުނިޔޭގައި އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރާތްކުރާ އެއް ތަނެވެ.

މީގެ 100 އަށް ވުރެ ގިނަ އަހަރު ކުރިން ފެށިގެން އެ ޓަވަރު އަންނަނީ ބްރޮޑްކާސްޓް ޓްރާސްމިޝަނަށް ވެސް ބޭނުންކުރަމުންނެވެ. އަދި އެ ޓަވަރުގައި ހަރުކޮށްފައިވާ އެންޓަނާތައް އެކި ފަހަރު މަތިން ބަދަލު ވެސް ކޮށްފައިވެ އެވެ.