Roadha Mihaaru
ބްރޭކްޑާންސިން އޮލިމްޕިކްސްގެ ރަސްމީ ކުޅިވަރަކަށް

ބްރޭކްޑާންސިން އޮލިމްޕިކް ގޭމްސްގެ ރަސްމީ ކުޅިވަރަކަށް

09 ޑިސެމްބަރ 2020

ހަތްދިހައިގެ އަހަރުތަކުގައި މަގުމަތީގައި ދައްކާލާ ނެށުމުގެ ހުނަރެއްގެ ގޮތުގައި މަޝްހޫރުވި ބްރޭކްޑާންސިން (ބްރޭކިން) 2024 ގައި ފްރާންސްގައި ބާއްވާ އޮލިމްޕިކް ގޭމްސްގެ ރަސްމީ ކުޅިވަރެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަތްދިހައިގެ އަހަރުތަކުގައި މަގުމަތީގައި ދައްކާލާ ނެށުމުގެ ހުނަރެއްގެ ގޮތުގައި މަޝްހޫރުވި ބްރޭކްޑާންސިން (ބްރޭކިން) 2024 ގައި ފްރާންސްގައި ބާއްވާ އޮލިމްޕިކް ގޭމްސްގެ ރަސްމީ ކުޅިވަރެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

މިކަން އިއުލާންކޮށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ) އިން ބުނީ ސްކޭޓްބޯޑިން އާއި ސާފިން އާއި ސްޕޯޓް ކްލައިންބިންއާ އެކު ބްރޭކްޑާންސިން އަކީ 2024 ގެ އޮލިމްޕިކަށް އިތުރުކޮށްފައިވާ ކުޅިވަރުތަކެއް ކަމަށެވެ. މި ތިން ކުޅިވަރަކީ ކުރިން މި އަހަރު ބާއްވަން ޕްލޭންކުރި ޓޯކިއޯ އޮލިމްޕިކްގައި ވެސް ހިމަނަން ނިންމި ކުޅިވަރުތަކެކެވެ. ނަމަވެސް ކޮވިޑް-19 އާ ހެދި އަންނަ އަހަރަށް ޓޯކިއޯ އޮލިޕިކްސް ފަސް ކުރުން އެ މުބާރާތުގައި ތިން ކުޅިވަރު ނުހިމަނަން އޮތީ ނިންމައިފަ އެވެ.

އޮލިމްޕިކްގެ ރަސްމީ ކުޅިވަރެއްގެ ގޮތުގައ ބްރޭކްޑާންސިން ހަމަޖެއްސުމާ ގުޅިގެން ވޯލްޑް ޑާންސް ސްޕޯޓް ފެޑެރޭޝަން (ޑަބްލިއުޑީއެސްއެފް) އިން ވެސް ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.

"މިއީ ވަރަށް ތާރީހީ ކަމެއް. އަދި މިއީ ބްރޭކްޑާންސިންގެ ތެރޭގައި އުޅޭ ދެ ޖިންސްގެ ޒުވާނުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް، ކުރިއެރުމެއް،" އެ ފެޑެރޭޝަންގެ ރައީސް ޝޯން ޓޭ ވިދާޅުވި އެވެ. "އޮލިމްޕިކަށް ކުޅިވަރު ގެނެސް ދިނުމުގައި މަސައްކަތްކޮށް ދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން. ހާއްސަ ބްރޭކިން ކޮމިއުނިޓީ މިކަމާ އަބަދު ވެސް ޝުކުރުވެރި ވާނެ."

އޭނާ ވިދާޅުވި ގޮތުގައި 2024 ގެ އޮލިމްޕިކްސްގެ ތެރެއިން ހުނަރުވެރި ބްރޭކްޑާންސަރުން ފެނިގެން ދިއުމަކީ އެ ކުޅިވަރުގެ ހައިބަތު ވެސް ފެނިގެން ދާނެ ކަމެކެވެ. ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކް ގޭމްސް ކުރިއަށް ދާނީ ޖުލައި 26، 2024 އިން އޮގަސްޓް 11، 2024 އަށެވެ.

އޮލިމްޕިކްސް ގޭމްސްގެ ރަސްމީ ކުޅިވަރަކަށް ބްރޭކްޑާންސިން ހަމަޖެއްސި އިރު 2018 ގެ ޔޫތު އޮލިމްޕިކްސްގައި އެ ކުޅިވަރު ދައްކާލުމުން ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބުނެވެ.