އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވޯޓުތަކަށް ވިޕްލައިން ނެރެފައި އޮއްވައި ބައެއް މެމްބަރުން އެއާ ޚިލާފުވެ، އިދިކޮޅުން ބޭނުންވާ ގޮތަށް ވޯޓު ދެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށާއި އެކަމަކު އެއީ އެ މެމްބަރުންނާއި ޕީޕީއެމް އެކުގައި މަޖިލީހުގައި މަސައްކަތް ކުރެއްވުމެއް ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
30 މާޗް 2022
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވޯޓުތަކަށް ވިޕްލައިން ނެރެފައި އޮއްވައި ބައެއް މެމްބަރުން އެއާ ޚިލާފުވެ، އިދިކޮޅުން ބޭނުންވާ ގޮތަށް ވޯޓު ދެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށާއި އެކަމަކު އެއީ އެ މެމްބަރުންނާއި ޕީޕީއެމް އެކުގައި މަޖިލީހުގައި މަސައްކަތް ކުރެއްވުމެއް ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ 65 މެމްބަރުންނާއެކު މަޖިލީހުގައި އަޣުލަބިއްޔަތު އޮތް ޕާލަމެންޓްރީ ގްރޫޕުން މައްސަލަތަކުގައި ވިޕްލައިން ނެރެފައި އޮތަސް އިދިކޮޅުން ހުށަހަޅާ ގޮތަށް ބައެއް މެމްބަރުން ގެންދަވަނީ ވޯޓު ދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ހަފުތާގައި ނެގި ދެ ވޯޓެއްގައި، އެމްޑީޕީގެ މެމްބަރުންތަކެއް ވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބޭނުންވާ ގޮތަށް ވޯޓު ދެއްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު ތިއްބެވި މެމްބަރުން މި ގޮތަށް ވޯޓު ދެއްވީ އެ ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ހެދި ހޫނުވި މައްސަލަތަކާ ގުޅިގެން ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ.
މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮންނަ ޕީޕީއެމް ކޯލިޝަނުން އިއްޔެ ކާމިޔާބުކުރީ ސަރުކާރުން ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރާ ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ދަށް މައްސަލާގައި އިދިކޮޅު ޕީއެންސީގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ އެވެ.
ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި ބައެއް މެމްބަރުން ވިދާޅުވަނީ ކޮންމެ ޕާޓީއަކަށް ނިސްބަތްވެވަޑައިގަތަސް ދާއިރާގެ ރައްޔިތުންނަށް ހައްލެއް ހޯދަން މަޖިލީހުން ބަލަން ޖެހޭ ނަމަ އެ ކަމެއްގައި އެމްޑީޕީގެ މެމްބަރުން ވެސް އެއްބާރުލުން ދެއްވަން ޖެހޭ ކަމަށެވެ.
މި ފަހުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި މައްސަލަ މިހާ ހޫނުވެ ވޯޓުތަކުން ވެސް އެކަން ފެންނަ ހިސާބަށް ދިޔައީ، ޗެއާޕާސަން ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާ އެކު ނުކުންނެވި ފައްޔާޒް އިސްމާއިލާއި ނަޝީދުގެ ތާއީދާ އެކު ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕޭންގައި ހިނގަމުންދާ ކަންކަމާ ހެދި އެވެ. ކެމްޕޭން ފޯރިގަދަވެ އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބޮޑެތި ތުހުމަތުތައް އަޅުވަމުންނެވެ.
ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް "މިހާރު"އަށް ވިދާޅުވީ މެމްބަރުން ވިޕްލައިނާ ހިލާފުވުމަކީ ދެރަ ކަމެއް ކަމަށެވެ. އެކަމަކު ދެ ވޯޓެއްގައި ވިޕާ ހިލާފުވި މެމްބަރުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތެވެ.
އޭނާ ވިދާޅުވި ގޮތުގައި ތްރީ ލައިން ވިޕެއް ނެރެފި ނަމަ ހާޒިރުވެ ވޯޓު ދެއްވަން ޖެހޭ ކަމަށާއި މެމްބަރުންތަކެއް ހިލާފުވީ ޓޫލައިން ވިޕަކާ ކަމަށެވެ. އުސޫލެއްގެ ގޮތުން ފިޔަވަޅު އަޅާ ކޮމިޓީއާ ހަމައަށް މައްސަަލަ ފޮނުވަނީ ތްރީ ލައިން ވިޕަކާ ހިލާފުވެއްޖެ ނަމަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އުސޫލު އޮންނަ ގޮތުން ވިޕްލައިނެއް ނެރެނީ މެމްބަރުން ބައްދަލުވުމަކަށް ފަހު އެވެ. އެ ބައްދަލުވުމުން ވިޕެއް ނުނެރެވިއްޖެ ނަމަ ޕީޖީ ގްރޫޕްގެ ލީޑަޝިޕަށް ވިޕު ނެރުމުގެ ބާރު އޮވެ އެވެ.
"އަޅުގަނޑު ދެރަވެ، ވަރަށް ހިތާމަކުރާ ކަމެއް ޕާލިމެންޓްރީ ގްރޫޕުން ވިޕެއް ނެރެފައި އޮއްވައި އެއާ ހިލާފަށް ބައެއް މެމްބަރުން ވޯޓު ދެއްވުމަކީ. މެމްބަރުން ތިއްބަވާ ގްރޫޕްގައި ވެސް އަޅުގަނޑު ދެންނެވިން ވިޕްލައިނާ ހިލާފަށް ވޯޓު ނުލުމަށް،" ރަސްމީ ދަތުރެއްގައި ރާއްޖެ އިން ބޭރުގައި ހުންނަވައި އަސްލަމް ވިދާޅުވި އެވެ.
"ޕާޓީ އެކަތިގަނޑަކަށް ބޭއްވުމަށް މެމްބަރުން ވިޕްލައިނާ އެއްގޮތަށް ވޯޓު ދެއްވަން ޖެހޭ. އެ ނޫން މަންޒަރުތައް މި ފެންނަނީ ދެއްތޯ."
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މަޖިލީހުގައި ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ތެރޭގައި ވަނީ މައްސަލަ ބޮޑުވެފައި.
ޕީޕީއެމުން ބޭނުންވި ގޮތަކަށް ދެ ވޯޓެއް ދިޔައަސް އެމްޑީޕީގެ މެމްބަރުން ޕީޕީއެމްގެ އުސޫލުތައް ގަބޫލުކޮށް، އިދިކޮޅާ ގުޅިގެން މަަސައްކަތް ކުރައްވާނެ ކަމަކަށް އަސްލަމް ގަބޫލެއް ނުކުރައްވަ އެވެ.
"އެއީ ގުޅިގެން މަސައްކަތް ކުރުމެއް ނޫން. މީގައި މިވާ ގޮތަކީ އިދިކޮޅު ފަރާތްތަކުން ވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ ބޭނުން ހިފަނީ. އަދި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އިދިކޮޅު ފަރާތްތަކުގެ ބޭނުން ހިފަނީ،" އަސްލަމް ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރަކު ހުށަހެޅުއްވިޔަސް ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނަމަ ބަހުސްކުރައްވައި މައްސަލަ ކުރިއަށް ގެންދަން ޖާގަ ދެއްވަން ޖެހޭނެ ކަމަށާއި މަޖިލީހުގައި އެ ފުރުސަތު ގެއްލިގެން އެބަދާ ކަަމަށް ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި މެމްބަރުން ވިދާޅުވާ ވާހަކަ އަސްލަމް ގަބޫލެއް ނުކުރައްވަ އެވެ.
"އެހެނެއް ނޫން، އަޅުގަނޑުމެން ވެސް އެ ހުށަހަޅާ ކަންކަމާ ގުޅުވައި ވަރަށް ބޮޑަށް މައުލޫމާތު ހޯދައި ގޮތް ނިންމަނީ. މިސާލަކަށް ހޮސްޕިޓަލެއްގެ ކަމުގައި މަޖިލީހުގައި ކިތަންމެ ވަރަކަށް ބަހުސް ކުރިއަސް ހެދޭތޯ. ބައެއް މެމްބަރުން މި ކުރައްވާ ކަމަކީ ތިމަންނަމެން ހުށަހަޅައިގެން މި ކަން ކުރީއޭ ދައްކަން ހުށަހަޅުއްވަނީ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލެއްގެ މައުލޫމާތު ބޭނުންވާ ނަމަ އެ މައުލޫމާތު ހޯއްދެވޭނެ ކިތަންމެ ގޮތްތަކެއް އެބަހުއްޓެެވެ. އެ ކަހަލަ މައްސަލަތައް މަޖިލީހަށް ހުށަހަޅައިގެން ބަހުސްކޮށް ވަގުތު ނަގާލުމަށް ވުރެން ފައިދާ ހުރި ގޮތަކަށް އެކަން ކުރެއްވެން އޮތް ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެ ކަމެއް ނުވެގެން ސީރިއަސް ކަމެއް ނަމަ މަޖިލީހަށް ހުށަހަޅައި ބަހުސް ކުރަންވީ. ކުދިކުދި ކަންކަން އެ ކަމެއް ހިނގާފައި އޮންނަތާ އެތައް ދުވަހެއް ފަހުން ވެސް ކުއްލި މައްސަލައެއްގެ ގޮތަށް ހުށަހަޅައިގެން ވަގުތު ނަގާލަން އެބަ މަސައްކަތް ކުރޭ. އެހެނެއް ނޫން މިކަން ކުރަން ޖެހޭނީ."
މާވަށު ދާއިރާގެ މެމްބަރު، ސައީދު އިއްޔެ ހުށަހެޅުއްވި ހޮސްޕިޓަލް މައްސަލައިގައި ވެސް، އަސްލަމް ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
މަޖިލީހުގެ ސާފު މެޖޯރިޓީ އޮވެ ހިޔާލުތަފާތުވުމާއި ބައިބައިވުމުގައި މެމްބަރުން މަސައްކަތް ކުރެއްވުމަކީ ގޯސް ނަތީޖާ ނުކުމެދާނެ ކަމަކަށް ވާތީ، އަސްލަމް ވިދާޅުވީ އެކަން ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. މާލެ ވަޑައިގެން، އެ ހިޔާލުތަފާތުވުންތައް ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ހުރިހާ މެމްބަރުންގެ މަޝްވަރާ އާއި ތާއީދާއެކު ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް،" އެމްޑީޕީގެ އެތެރޭގެ ފެކްޝަން ކޯޅުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި ހުންނެވި އަސްލަމް ވިދާޅުވި އެވެ.
"އިންޑިއާ އައުޓް" ހުއްޓުވާ ބިލާ މެދު ގޮތެއް ނިންމަނީ
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
މަޖުބޫރުން ޕީޕީއެމަށް ވައްދާ ކަމަށް ބުނެ ގަރާރެއް
މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދެނީ
ޔާމީންގެ ޝަރީއަތަަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީ
2023: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!
މަޖިލީހުގެ ދައުރު އަނެއްކާވެސް ދަންމާލައިފި
އެއްވެސް ކަމެއް ކުރާނީ ނަޝީދު ވަކިކޮށްފައި: އެމްޑީޕީ
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން