Roadha Mihaaru
ފުލުހުންގެ ރިފޯމް: އާއްމުންގެ އިތުބާރު ލިބިއްޖެތަ؟

ފުލުހުންގެ ރިފޯމް: އާއްމުންގެ އިތުބާރު ލިބިއްޖެތަ؟

31 މާޗް 2022

ސިޔާސީ ކަންކަމުގައި ފުލުހުން ކުރިން ކުޅުނު "ޑްރާމާ"ތަކުގެ ސަބަބުން އާއްމުންގެ މެދުގައި އެ މުއައްސަސާ އަށް އޮތީ ނަފްރަތުގެ ހުޅުގަނޑު ވަރަށް ބޮޑަށް ރޯވެފަ އެވެ. އެ ހިތްހަމަނުޖެހުންތަކުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދަކީ "އަލިފާންގަނޑު ކޮންޓްރޯލްކޮށް"، ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް ފުލުހުންގެ އިދާރާ ހަދާނެ ކަމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިޔާސީ ކަންކަމުގައި ފުލުހުން ކުރިން ކުޅުނު "ޑްރާމާ"ތަކުގެ ސަބަބުން އާއްމުންގެ މެދުގައި އެ މުއައްސަސާ އަށް އޮތީ ނަފްރަތުގެ ހުޅުގަނޑު ވަރަށް ބޮޑަށް ރޯވެފަ އެވެ. އެ ހިތްހަމަނުޖެހުންތަކުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދަކީ "އަލިފާންގަނޑު ކޮންޓްރޯލްކޮށް"، ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް ފުލުހުންގެ އިދާރާ ހަދާނެ ކަމެވެ.

ފުލުހުންގެ މުއައްސަސާ އަށް މިދިޔަ އަންގާރަ ދުވަހު 89 އަހަރު ފުރިއްޖެ އެވެ. މި ވީ މުއްދަތުގެ ތެރޭގައި އާ ގާނޫނެއް އުފައްދައި ބޮޑެތި ބާރުތަކެއް ދިނުމާއެކު ބަދަލުތަކެއް ވެސް ފެންނަން ވަނީ ފަށައިފަ އެވެ.

އެކަމަކު، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި ހޮޅުއަށިތަކުގައި ދައްކާ ވާހަކަތަކުން ސާފުކޮށް ޔަގީންވާ ކަމަކީ ފުލުހުންގެ މުއައްސަސާއާ މެދު އާއްމުންގެ ބޮޑެތި ޝަކުވާތައް އަދިވެސް އެބަހުރި ކަމެވެ. އެހެންވެ، ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ހިންގާ އިދާރާގެ ރިފޯމްގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ތިން އަހަރުން ފުލުހުންނަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވީ ޔުނިފޯމުގައި ހުންނަ ފުލުހަކު ފެނުމުން އެއީ ނުރައްކަލެއް ނޫން ކަން އިހުސާސްވާން ކަމަށެވެ. ފުލުސް ޔުނިފޯމާއި ބެލްޓުގައި ހުންނަ އާލަތްތަކަކީ ހިމާޔަތެއް ކަމުގައި ގަބޫލު ކުރަން ރައްޔިތުން ބޭނުންވާ ކަމަށާއި ފާއިތުވި މަދު އަހަރުތަކުގައި ކުރެވުނު މަސައްކަތުން އެ ބަދަލު ގެނެވިއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ ވޭތުވެދިޔަ ތިން އަހަރު ކުރި މަސައްކަތުން ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ، ތަސްވީރުގެ ކުލަ ރީތިވެއްޖެ،" ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް ފުލުހުން.-- ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް ފުލުހުން.-- ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވި ގޮތުގައި މުއައްސަސާ ރިފޯމްކުރަން ކުރާ މަސައްކަތުގައި އެ އިދާރާގެ ލީޑަޝިޕުން ވެސް އެންމެ ބާރުއަޅާ ކުރާ އެއް ކަމަކީ ކަމެއް ގޯސްވެއްޖެ ނަމަ ނުވަތަ ދިމާވެއްޖެ ނަމަ އެ މައްސަލަ ރަނގަޅަށް ބަލައި ފިޔަވަޅު އަޅަންޖެހޭ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމެވެ.

އެ އިދާރާ ރިފޯމް ކުރުމުގެ މަސައްކަތް އަބަދު ވެސް ކުރިއަށް ދާނެ ކަމަށާއި އެކަމަކު، ކުރިއާ އަޅާބަލާއިރު ފުލުހުންނަށް ވިޔަސް އިމްޕިއުނިޓީ ނުވަތަ ހާއްސަ އިނާޔަތްތަކެއް ނޯންނާނެ ކަން ފުލުހުންނަށް އެނގޭނެ ކަމަށް ޔޫނުސް ވިދާޅުވި އެވެ.

"ގޯސްކޮށް ކަމެއް ހިނގައްޖިއްޔާ އޮންނަ އުސޫލުތަކުގެ ތެރެއިން ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ފުރުސަތުތައް ފަހިވާނެކަން މިނިވަން މުއައްސަސާތަކަށް ވެސް އަދި އަޅުގަނޑުމެންގެ އިންޓާނަލް މެކޭނިޒަމަށް ވެސް،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާ އަށް ބަދަލުތަކެއް ގެނައި ނަމަވެސް، ބައެއް މައްސަލަތަކުގައި ފުލުހުން އަމަލުކުރާ ގޮތާ މެދު އާއްމުން ހިތްހަމަނުޖެހި، ބޮޑެތި ހަމަނުޖެހުންތައް ހިންގާފައިވެ އެވެ. މި ފަހުން އައްޑޫގައި ހިނގައިދިޔައީ ހަމަ އެފަދަ ކަމެކެވެ.

ޔޫނުސް ވިދާޅުވީ ރަށެއްގައި ކަމެއް ހިނގައިފި ނަމަ އާއްމުކޮށް ހިނގާ ކަމަކީ އެ މީހަކާ މެދު ފިޔަވަޅެއް އެޅުމުން އެ މީހަކަށް ތާއީދުކުރާ މީހުން ބައެއް ހަރަކާތްތައް ހިންގަނީ ކަމަށެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެގޮތަށް އަމަލުކޮށްފައި އެބަހުރި ކަމަށާއި އެކަމަކު ފުލުހުން ފޯކަސް ކޮށްގެން ވެސް އެންމެ ބޮޑަށް ބަލަނީ ކުޑަކުދިންގެ މައްސަލަތައްކަން އޭނާ ފާހަގަކުރެއްވި އެވެ.

ގޯސްކޮށް ކަމެއް ގޮސްފިއްޔާ އޮންނަ އުސޫލުތަކުގެ ތެރެއިން ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ފުރުސަތުތައް ފަހިވާނެކަން މިނިވަން މުއައްސަސާތަކަށް ވެސް އަދި އަޅުގަނޑުމެންގެ އިންޓާނަލް މެކޭނިޒަމަށް ވެސް.-- ޔޫނުސް

"އަޅުގަނޑުމެންނަށް ޔަގީންކަން އޮވޭ އެފަދަ މައްސަލައެއްގައި ފުލުހުންގެ ފަރާތުން ހެއްކާއި ގަރީނާ ހޯދުމުގައި އެންމެ ތަންކޮޅެއް ވެސް، ގާބިލިއްޔަތުކަން ހުރި އެންމެ ބޮޑުމިނެއްގައި އެ ކަހަލަ މައްސަލަތަކުގައި ބޭނުންކުރާކަން. ހުރިހާ ފަރާތްތަކުން އެކަން ބަލައިނުގަތް ކަމުގައި ވިޔަސް ނުވަތަ ބައެއް ފަރާތްތަކުން ޝަކުވާކުރިކަމުގައި ވިޔަސް އެ ބަޔަކަށް ގަބޫލުކުރެވޭ ކަން ނޭނގެ،" އޭނާ ވިދާޅުވި އެވެ.

ޕޮލިސް ބޯޑު؛ މުހިއްމު އެއް ތަން، މައްސަލަތައް ހިނގާ

ޔޫނުސް ވިދާޅުވީ ޕޮލިސް ރިފޯމްކޮށް، ފުލުހުންގެ އިދާރާ ހަރުދަނާކުރުމަށް ޕޮލިސް ބޯޑުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

އެ ދައުރު، މިހާރަށް ވުރެ ބޮޑަށް ފެނިގެންދާނެ ކަމަށާއި މުއައްސަސާގެ ޕާފޯމަންސް އަދި ވަސީލަތްތައް ބޭނުންކުރާ ގޮތާއި ފުލުހުންގެ އިދާރާ ޖަވާބުދާރީ ކުރުވުމުގައި ޕޮލިސް ބޯޑު މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. ޕޮލިސް ކޮމިޝަނާ އަދި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި ފުލުހުންގެ ދައުރު ވެސް އެބައޮތެވެ.

ޔޫނުސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތްކޮށް، އެ ކަމުގައި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޕޮލިސް ކޮމިޝަނަރު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޕޮލިސް ކޮމިޝަނަރު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އެ މަސައްކަތް ވަރަށް ގިނަ ރައްޔިތުން ބަލައިގަނޭހެން. ގޭންގުތަކާ ދެކޮޅަށް ފަހުން ފެށި މަސައްކަތުގައި ވެސް ވަރަށް ގިނަ އޭރިޔާތަކުން، މާލެ އޭރިޔާގެ އެކި އުމުރުގެ ރައްޔިތުން އެކަން ބަލައިގަނެ، އެކަން ފާހަގަކޮށްފައި އެބަހުރި،" ޔޫނުސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރާ ކަންކަން ބަލައިގަންނަ ހާލަތްތައް ހަމަ ވަރަށް ގިނަ."

ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އައްޔަންކުރުމާއި އެ ގާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ މީހުންނަށް ލަފާދިނުމަށް ރައީސް އެކުލަވާލައްވާފައިވާ ބޯޑުގައި ހިމެނެނީ ހަތް މެމްބަރުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ މައްޗަށް އާއްމުން ކުރާ އިތުބާރު ދެނެގަތުމަށް މި އަހަރުގެ ތެރޭގައި ސައިންޓިފިކް ގޮތަކަށް އެކަން ދެނެގަންނާނެ ދިރާސާއެއް ކުރަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ޔޫނުސް ވިދާޅުވީ ފުލުހުންގެ ގާނޫނަކީ ވެސް، މުއައްސަސާ ރިފޯމްވެއްޖެ ކަމުގެ ހެއްކެއް ކަމަށެވެ. އެ ގާނޫނުގައި ހުރީ ފުލުހުން މަސައްކަތްކުރާ ގޮތާއި އަމަލުކުރާ ގޮތް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އަވަށްޓެރި ފުލުހުންގެ ނަމުގައި ގާއިމްކުރާ ނިޒާމް ރަނގަޅަށް މަސައްކަތްކުރަން ފެށުމުން ރައްޔިތުން ކުރާ އިތުބާރު ވަރަށް ރަނގަޅަށް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖުމްލަ ގޮތެއްގައި ގަބޫލުކުރަނީ ދެތިން އަހަރުގެ ތެރޭގައި ވަރަށް ބޮޑު ކާމިޔާބީއެއް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ލިބިފައިވާ ކަމަށް،" ޔޫނުސް ވިދާޅުވި އެވެ.

"އެކަން ސާބިތުކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ މިހާރު އެއްވެސް ބޭފުޅަކަށް ބަޔާނެއް ނުކުރެވޭނެ ފުލުހުންގެ މުއައްސަސާގެ ފަރާތުން ފުލުހުންނާ ދެކޮޅަށް ކުރާ ތަހުގީގަކަށް ހުރަސް އަޅައި ނޫނީ ތަހުގީގަކަށް އެއްބާރުލުން ނުދީ، އެފަދަ ކަމެއް ކުރާކަން.

"އަޅުގަނޑުމެން ވަރަށް އޯޕަންކޮށް ދާ ބައެއް އޮންނާނެ އެތެރޭގައި ކަމެއް ގޯސްކޮށް ދަންޏާ އެކަމެއް ބަލައި ރަނގަޅުކޮށް ފިޔަވަޅު އެޅުމަށް."

އާއްމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހިމެނޭ ގޭންގުތަކާއި މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގައި ފަހަތު ފަޔަށް ބުރަ ނުވެ ދަނީ ކުރިއަށެވެ. ޖުމްހޫރީ މައިދާނުގައި އެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ އެ މަސައްކަތްތަކުގެ ތެރެއިން، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހިދުމަތަކަށް ހެދުމަށް ކުރާ މަސައްކަތުން ހާސިލްވާ ކުރިއެރުންތަކާއި ނަތީޖާތަކަކީ ފަހުގެ ތާރީހެއްގައި ރަންއަކުރުން ފަވާލެވޭނެ ފަދަ ކާމިޔާބީތަކެއް ކަމަށެވެ.