Roadha Mihaaru
އިންސާފުގެ ފެށުން ގުޅެނީ ފުލުހުންގެ ޚިދުމަތާ: ރައީސް

އަދުލް އިންސާފުގެ ފެށުން ގުޅެނީ ފުލުހުންގެ ޚިދުމަތާ: ރައީސް

05 ޖުލައި 2020

ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޭނުންވަނީ އަދުލް އިންސާފު ގާއިމުކުރަން ކަމަށާއި އެކަމުގެ ފެށުން ގުޅިފައިވަނީ ފުލުހުންގެ ހިދުމަތާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޭނުންވަނީ އަދުލް އިންސާފު ގާއިމުކުރަން ކަމަށާއި އެކަމުގެ ފެށުން ގުޅިފައިވަނީ ފުލުހުންގެ ހިދުމަތާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރުކޮށީގައި ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް މުހިއްމު ވައުދުތަކާއެކުގައި ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ މުހިއްމު ވައުދަކީ އަދުލްއިންސާފު ހޯދައިދިނުމާއެކު މުޖުތަމައުގައި ހަމަޖެހުން ގާއިމްކޮށް އުފާފާގަތި ދިރިއުޅުމެއް ހޯދައިދިނުމެވެ.

އެ މުހިއްމު ވައުދުތައް ފުއްދުމުގައި ދިވެހި ފުލުހުން އަދާކުރަންޖެހޭ ދައުރު ވަރަށް ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޭނުންވަނީ އަދުލް އިންސާފު. އެކަމުގެ ފެށުން ވެސް ގުޅިފައިވަނީ ފުލުހުންގެ ހިދުމަތާ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ފުރިހަމަކޮށް އަވަސްކުރުމަކީ އޭގެ ތެރެއިން ވެސް އެންމެ މުހިއްމު މަސައްކަތް،" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ނުރައްކާ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަދިވެސް ވަރަށް އުނދަގޫ މަރުހަލާތަކެއް ކަޑައްތުކުރަންޖެހޭ ކަމަށާއި ރާއްޖޭގެ އިގުތިސާދަށް އައި ހީނަރުކަމާއެކު އަތްމަތި ދަތިވެ ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެއާ އެކު އިޖުތިމާއީ ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާ ކަމަށެވެ.

ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އިޖުތިމާއީ އެފަދަ މައްސަލަަތައް ހައްލުކުރަން ކަމަށާއި ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގައި އެންމެ މުހިއްމު ރޯލް އަދާކުރާ އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަށް ވުމުން އެ މައްސަލަތައް ހައްލުކުރުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު އަދި މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޭނުންވަނީ އަދުލް އިންސާފު. އެކަމުގެ ފެށުން ވެސް ގުޅިފައިވަނީ ފުލުހުންގެ ހިދުމަތާ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ފުރިހަމަކޮށް އަވަސްކުރުމަކީ އޭގެ ތެރެއިން ވެސް އެންމެ މުހިއްމު މަސައްކަތް- ރައީސް

"އެކަން ކާމިޔާބުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަމަށް ގަބޫލުކުރަން. އަދި ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތައުލީމާއި ތަމްރީން ވެސް އިތުރަށް ހޯދައިދޭން އެބަ ޖެހޭ. ފުލުހުންގެ ވެލްފެއާގެ ކަންކަން ހަރުދަނާކުރަން ވެސް ސަމާލުކަން ދޭންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަނިޔާކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ރައީސް ވަނީ އެ މައްސަލަތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެފަދަ ސީރިއަސް މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް ޝަރީއަތްތައް ހަލުއިކޮށް އަވަހަށް އިންސާފުު ގާއިމްކުރެވެންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.