Roadha Mihaaru
ހަމަލާއާ ގުޅޭ އިތުރު 3 މީހަކު ފުލުހުންގެ ބަންދުގައި

ހަރުކަށި ފިކުރު މީހުންގެ ތެރޭގައި ޓެރަރިސްޓް ހަމަލާއާ ސީދާ ގުޅޭ މީހުން އެބަތިބި

30 ޖޫން 2021

ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ސީދާ ގުޅޭ އިތުރު ތިން މީހުން ތިބިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ސީދާ ގުޅޭ އިތުރު ތިން މީހުން ތިބިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފުލުހުންގެ އިސްވެރިން މީގެ ތިން ދުވަސްކުރިން އެ މަނިކުފާނާ ބައްދަލުކުރައްވައި ނަޝީދުގެ ހަމަލާއާ ގުޅޭގޮތުން ދިން މުހިއްމު މައުލޫމާތުކޮޅެއް ހިއްސާކުރައްވައިފަ އެވެ.

ވާޗުއަލްކޮށް ބޭއްވި ޕްރެސްގައި ރައީސް ވިދާޅުވީ ބޮމުގެ ހަމަލާއާ ސީދާ ގުޅޭ އަށް މީހެއްގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އޭގެ ތެރެއިން، ހަތަރު މީހެއްގެ ތަހުގީގު ވަރަށް އަވަހަށް ނިންމައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް، ފުލުހުންނާ ހަވާލައިދީ ރައީސް ވިދާޅުވި އެވެ.

ހަމަލާއާ ގުޅުން ހުރި އަށް މީހަކު ހައްޔަރުކޮށްފައި ތިބި ކަމަށް ރައީސް ވިދާޅުވިޔަސް ފުލުހުން ހާމަކޮށްފައި ވަނީ ފަސް މީހަކު ތިބި ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ފަސް ވަނަ މީހާގެ އިތުރުން ނަޝީދުގެ ހަމަލާއާ ސީދާ ގުޅޭ އިތުރު ތިން މީހަކު ތިބީ ފުލުހުންގެ ބަންދުގަ އެވެ. އެއީ ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވާ މީހުންކަން ވެސް ވަނީ އެނގިފަ އެވެ.

ރައީސް އިއްޔެ ވިދާޅުވި ގޮތުގައި އެ މައްސަލަ ގޮސްފައިވާ ހިސާބު މެދުކެނޑުމެއްނެތި ބައްލަވަމުން ގެންދަވާނެ އެވެ.

"އަޅުގަނޑު މިކަން ހިނގާގޮތް ވަރަށް ގާތުން ބަލަމުން އެބަގެންދަން،" ރައީސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ދިން ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިން ގުޅިގެން ވަރުގަދަ އޮޕަރޭޝަންތަކެއް ގެންދިޔަ އެވެ. އެ އޮޕަރޭޝަންތަކުގައި 14 މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައިވެ އެވެ.

ތަހުގީގާ ގުޅޭގޮތުން ފުލުހުން މިހާތަނަށް ބުނެފައިވަނީ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ؛ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އެވެ. އޭގެ ތެރެއިން ފަސް ވަނަ މީހާގެ ވަނަވަރެއް އަދި އެ މީހާ ހައްޔަރުކުރި ތަނެއް ވެސް ނުބުނެ އެވެ.

އެ ތަހުގީގުގެ މައުލޫމާތު ހިއްސާކުރަން އެންމެ ފަހުން ބޭއްވި ޕްރެސްގައި ފުލުހުން ބުނީ ތަހުގީގުގެ މައުލޫމާތު ހާމަނުކުރަނީ ތަހުގީގު ރާވާފައިވާ ސްޓްރެޓިޖީގެ ގޮތުން ކަމަށެވެ.