Roadha Mihaaru
"ފާޑުކިޔާ މީހެއްގެ ގޮތުގައި ހުންނާކަށް ބޭނުމެއް ނޫން"

ފާޑުކިޔާ މީހެއްގެ ގޮތުގައި ހުންނާކަށް ބޭނުމެއް ނޫން: ރައީސް

06 ޖުލައި 2020

ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި ބޭނުންފުޅުވަނީ މިހާރަށް ވުރެ ވެސް ބޮޑަށް އިތުބާރުކުރާ ބަޔަކަށް ފުލުހުން ހެދުން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި ބޭނުންފުޅުވަނީ މިހާރަށް ވުރެ ވެސް ބޮޑަށް އިތުބާރުކުރާ ބަޔަކަށް ފުލުހުން ހެދުން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ފުލުހުން ކުރި މަސައްކަތުގެ އަގު ވަޒަންކުރަން، އިސްކަންދަރު ކޮށީގައި ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގައި އެންމެ މުހިއްމު ދައުރު އަދާކުރާ، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާ އަށް ވުމުން އެ މައްސަލަތައް ހައްލުކުރަން ފުލުހުންގެ ދައުރު ވަރަށް ބޮޑު އަދި ވަރަށް މުހިއްމު ކަމަށެވެ.

އެކަން ކާމިޔާބު ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ފުލުހުންނާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތައުލީމާއި ތަމްރީނު ވެސް އިތުރަށް ހޯދައިދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ، ފާޑުކިޔާ މީހެއްގެ ގޮތުގައި ހުންނާކަށް ނޫން. އަޅުގަނޑުގެ ބޭނުމަކީ، ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށް ވުރެ ވެސް ބޮޑަށް އިތުބާރުކުރާ އަދި ތިޔަ ފުލުހުން ވެސް އެތަނަކާ މެދު ފަހުރުވެރިވާ، ނަޒާހަތްތެރި ޕްރޮފެޝަނަލް މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތް ހެދުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ތަނެއް ކުރިއަރައި ތަރައްގީ ވުމަކީ ބަދަލުވަމުންދާ ޒަމާނުގެ ފިޔަވަޅު މަތީގައި ކުރިމަގުގެ ރާސްތާ އަށް އަމާޒު ހިފައި، ދަތުރު ފައްސިޔަ ކުރުމެވެ. އެކަން ކުރާނީ ފުލުހުންގެ ތެރޭގައި ތިބި އިލްމީ ތަޖުރިބާކާރު ބޭފުޅުންގެ ލަފައާ މަޝްވަރާގެ މަތިން ކަމަށް ރައީސް ވިދާޅުވި އެވެ.

ފުލުހުންނާ ބައްދަލުކުރައްވައި އިސްކަންދަރު ކޮށީގައި ރައީސް އިއްޔެ ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުލުހުންނާ ބައްދަލުކުރައްވައި އިސްކަންދަރު ކޮށީގައި ރައީސް އިއްޔެ ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އަދުލު އިންސާފު ގާއިމް ކުރުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެކަމުގެ ފެށުން ވެސް ގުޅިފައިވަނީ ފުލުހުންގެ ހިދުމަތާ ކަމަށެވެ. އެގޮތުން، ފުލުހުންނަށް ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގު ފުރިހަމަކޮށް އަވަސްކުރުމަކީ އޭގެ ތެރެއިން ވެސް އެންމެ މުހިއްމު މަސައްކަތް ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު ބޭނުންވަނީ، ފާޑުކިޔާ މީހެއްގެ ގޮތުގައި ހުންނާކަށް ނޫން. އަޅުގަނޑުގެ ބޭނުމަކީ، ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެ ވެސް ބޮޑަށް އިތުބާރުކުރާ އަދި ތިޔަ ފުލުހުން ވެސް އެތަނަކާމެދު ފަހުރުވެރިވާ ނަޒާހަތްތެރި ޕްރޮފެޝަނަލް މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތް ހެދުން- ރައީސް

ރައީސް ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދީ، އެ މައްސަލަތަކަށް ހާއްސަ ސަމާލުކަން ދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ފުލުހުންނަށް ހުށަހަޅާ ހައްސާސީ މައްސަލަތަކުގެ ތެދު މައުލޫމާތު، އޭގެ ވަގުތުގައި ރައްޔިތުންނަށް ހިއްސާ ކުރުމަކީ މިވަގުތު މުހިއްމުވެފައިވާ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމާ އެކު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.

"މި ކަމުގައި އެންމެ މަސްލަހަތު ހުރި ގޮތަކީ، މި ދެންނެވި ފަދަ ހައްސާސް މައްސަލަތަކުގެ ހަގީގަތް ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް ހާމަކުރުން. އެކަން އެގޮތަށް ނުކުރާ ނަމަ އޭގެ ބަދުނާމު އެޅިގެން މިދަނީ ދިވެހި ފުލުހުންނާއި ސަރުކާރުގެ ބޮލުގައި،" ރައީސް ވިދާޅުވި އެވެ.