Roadha Mihaaru
އާ ގާނޫނުގެ ދަށުން ފުލުހުންގެ އާ ހުވާކޮށްފި

އާ ގާނޫނުގެ ދަށުން ފުލުހުންގެ އާ ހުވާކޮށްފި

27 މާޗް 2021

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ނަމުގައި އުކުލަވާލި އާ ގާނޫނުގައި ހިމެނޭ ފުލުހުން އާ ހުވާ، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން މިއަދު ކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ނަމުގައި އުކުލަވާލި އާ ގާނޫނުގައި ހިމެނޭ ފުލުހުން އާ ހުވާ، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން މިއަދު ކޮށްފި އެވެ.

ފުރަތަމަ ހުވާލާދިނުން އޮތީ ފުލުހުންގެ އޮފިސަރުންނަށެވެ. ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގެންނެވި މި ރަސްމިއްޔާތުގައި ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދްނާނެވެ.

"އުވިދިއަ ގާނޫނުގެ ދަށުން މިއަދާ ހަމައަށް ވަޒީފާގައި ތިބި ހުރިހާ ފުލުހުން، އައު ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުންގެ ހުވާ މިއަދު ކުރާނެ. ރައްޔިތުން އުންމީދުކުރާ ފަދަ މުއައްސަސާއަކަަށް ހެދިގެންދާނެ!" ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލްކުރަން ފެށުމުން އެކަމަށް ރައީސް އިބްރާހިމް މުުހައްމަދު ސޯލިހު ވަނީ ފުލުހުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

ފުލުހުންނަށް ތަހުނިޔާ އަރިސްކުރައްވަމުން ރައީސް ކުރެއްވި ޓްވީޓެއް

"އާ ގާނޫނުގެ ދަށުން ކުރެއްވި ހުވަޔާ އެކު ހިދުމަތުގެ ފެންވަރު މަތިވެ، މިހާރަށް ވުރެ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެ ކަމަށް ގަބޫލުކުރަން،" އެ މަނިކުފާނުގެ ޓްވީޓްގައި ވިދާޅުވި އެވެ.

އާ ގާނޫނަކީ 2004 ގައި ފުލުހުންގެ މުއައްސަސާ ވަކި އިދާރާއެއްގެ ގޮތުގައި ހަމަޖެއްސި ފަހުން ފުލުހުންގެ ހިދުމަތަށް އަންނަ ތާރީހީ ބަދަލެއް ކަމަށް ފުލުހުން ބުނެ އެވެ. އެ ގާނޫނާ ގުޅިގެން މުޖްތަމައަށް ސީދާ ފައިދާ ވާނެ ގޮތަށް ހިދުމަތް ދިނުމުގެ ގާނޫނީ ބާރު ފުލުހުންނަށް ލިބޭނެ ކަމަށް ވެސް، ފުލުސް ދެކެ އެވެ.

އާ ގާނޫނަށް އަމަލުކުރަން ފެށުމުން ފުލުހުންގެ މަސައްކަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ލިބޭނެ އެވެ.

"ފުލުހުންގެ ޚިދުމަތުގެ ގާނޫނާއި އެކީ، މޯލްޑިވްސް ޕޮލިސް ސާވިސް އިން ހިދުމަތް ދޭން ބޭނުންވާ ގޮތަށް ގާނޫނީ ބާރުވެރިކަން މި ލިބުނީ. ދެން އަޅުގަނޑުމެންނަށް މުޖްތަމައަށް ސީދާ ހިދުމަތްކޮށްދީ، ލާމަރުކަޒީ ނިޒާމަކަށް މަސައްކަތްކުރެވޭނެ ގޮތަށް ވާސިލްކުރެވޭނެ،" ފުލުހުން ކުރި ޓްވީޓެއްގައި ރޭ ބުންޏެވެ.