Roadha Mihaaru
މަދަނީ އިޖްރައާތުގެ ގާނޫނު ކިޔައިދޭން ސުއޫދުގެ ފޮތެއް

މަދަނީ އިޖްރައާތުގެ ގާނޫނު ކިޔައިދޭން ފަނޑިޔާރު ސުއޫދުގެ ފޮތެއް

04 އެޕްރީލް 2022

އަމަލުކުރަން ތައްޔާރުވަމުން އަންނަ މަދަނީ އިޖްރައާތުގެ ގާނޫނާ ބެހޭ ފޮތެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ނެރުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަމަލުކުރަން ތައްޔާރުވަމުން އަންނަ މަދަނީ އިޖްރައާތުގެ ގާނޫނާ ބެހޭ ފޮތެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ނެރުއްވައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މަދަނީ އިޖްރައާތުގެ ގާނޫނެއް މިދިޔަ އަހަރު ތަސްދީގުކޮށް، އަންނަ ޖޫން މަހު އަމަލުކުރަން ފަށާނެ އެވެ.

"މަދަނީ އިޖްރައާތުގެ ގާނޫނުގެ ދެނެގަތުން" ގެ ނަމުގައި ފަނޑިޔާރު ސުއޫދު ނެރުއްވި ފޮތުގައި އެ ގާނޫނުގެ މައިގަނޑު އަދި މުހިންމު އުސޫލުތައް ޚުލާސާކޮށް، ބަޔާންކޮށްދީފައިވެ އެވެ. އެ ފޮތް "ޖަސްޓިސްސުއޫދު.ކޮމް" ވެބްސައިޓުން މިހާރު ހިލޭ ލިބޭނެ އެވެ.

ފަނޑިޔާރު ސުއޫދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ފޮތް ނެރުއްވުމުގެ ބޭނުމަކީ މަދަނީ އިޖްރައާތުގެ ގާނޫނާ އެކު، މަދަނީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި ދައުވާ ކުރުމަށް އިންގިލާބީ ބަދަލުތަކެއް އަންނާތީ އާންމު ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުވުމެވެ.

"މިސާލަކަށް، މައްސަލަ ހިންގަން ހިނގާ ޚަރަދު މައްސަލަ ނާކާމިޔާބުވާ ފަރާތުން ނަގައިދިނުން، މިއީ މި ގާނޫނާއެކު ރާއްޖޭގައި އަލަށްފަށާ ކަމެއް. މިކަންކަން އާންމުންނަށް އެނގެންޖެހޭ." ގާނޫނީ ދާއިރާއާ ބެހޭގޮތުން އެންމެ ގިނަ ފޮތް ލިޔުއްވި އަދި ކުރިން އެޓާނީ ޖެނެރަލްކަން ކުރެއްވި ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ގާނޫނުތައް ދިގުވުމާއި އަދި ތަރުތީބު ހުންނަ ގޮތުން އާންމުންނަށް ގާނޫނު ފަހުމް ނުވުމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އެކަމަކު އެ ފޮތުގައި، ގާނޫނުގެ ކޮންމެ މާއްދާއެއް އަކުރުން އަކުރަށް ލިޔުމުގެ ބަދަލުގައި ހިމަނާފައިވަނީ ކޮންމެ މާއްދާއެއްގެ މުހިންމު ބައެވެ. އެއީ ވެސް، އާންމުންނަށް ކިޔަން ފަސޭހަވާނެ ފަދަ ގޮތަކަށް އިބާރާތް ބަދަލު ކުރުމަށްފަހު އެވެ.

އެެގޮތުން، މަދަނީ މައްސަަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތުތަކެއް ފުރަތަމަ ފަހަރަށް އެ ގާނޫނާ އެކު ކަނޑައެޅިގެން ދާއިރު، އެ މުއްދަތުތައް ފަސޭހައިން ބެލޭނެ ފަދަ ތާވަލެއް އެ ފޮތުގައި ހިމަނާފައިވެ އެވެ. އަދި މައްސަލަތަކުގެ ބާވަތުން މައްސަލަ ހުށަހަޅަން ޖެހޭ ކޯޓުތައް ވެސް އެނގޭނެ ތާވަލެއް ހިމަނާފައިވެ އެވެ.

"އާންމުންނަށް އަޅުގަނޑު މި ފޮތް ފޯކަސް ކޮށްފައި އޮންނާނީ. އެހެން ނަމަވެސް ގާނޫނުގައި ހުރި ކަންކަމާ މެދު އަޅުގަނޑު ދެކޭ ގޮތް ނުވަތަ އޮޕީނިއަނެއް މި ފޮތުގައި ހިމަނާފައެއް ނޯންނާނެ،" ސުއޫދު ވިދާޅުވި އެވެ.

ޖުމްލަ 429 މާއްދާ އަދި 300 އެއްހާ ސޮފްހާ ހިމެނޭ ރާއްޖޭގެ މިހާރުގެ އެންމެ ދިގު ގާނޫނު އެ ފޮތުގައި ގެނެސްދީގައިވަނީ 218 ސޮފްހާއިންނެވެ. އެހެންވެ، މިއީ އެ ގާނޫނު އަކުރުން އަކުރަށް ކިޔުމުގެ ބަދަލުގައި ގާނޫނުގެ މައިގަނޑު އުސޫލުތައް ކިޔާލުމަށް ފަސޭހަ ފޮތެކެވެ.

ރާއްޖޭގެ ގާނޫނީ ނިޒާމާ ބެހޭގޮތުން ސުއޫދު މިހާތަނަށް ވަނީ 15 ފޮތެއް ލިޔުއްވައިފަ އެވެ. މިއީ އޭނާ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ފަހުން ފަހުން ނެރުއްވި ދެވަނަ ފޮތެވެ. އެންމެ ފަހުން ނެރުއްވީ "އިސްލާމީ ޝަރީއަތުގައި ހެއްކާ ބެހޭ އުސޫލުތައް ރާއްޖޭގައި ތަތުބީބު ކުރަމުންދާ ގޮތް" ގެ ނަމުގައި އޭނާ ލިޔުއްވި ފޮތެވެ.