އައްމާން (ޑިސެމްބަރު 23) - ސިޔާސީ ގޮތުން ގެންގުޅޭ ވިސްނުމާ އަދި އިރާގު ހަނގުރާމައާ ދެކޮޅު ހަދާފައިވާތީ އެމެރިކާގެ ވެރިކަމަށް ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕަށް އިރާގުގެ އަވަހާރަކޮށްލާފައިވާ ރައީސް ސައްދާމު ހުސައިންގެ ދަރިކަނބަލުން ރަގަދު ސައްދާމު ހުސައިން ތައުރީފް ކުރައްވައިފި އެވެ.
23 ޑިސެމްބަރ 2016
އައްމާން (ޑިސެމްބަރު 23) - ސިޔާސީ ގޮތުން ގެންގުޅޭ ވިސްނުމާ އަދި އިރާގު ހަނގުރާމައާ ދެކޮޅު ހަދާފައިވާތީ އެމެރިކާގެ ވެރިކަމަށް ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕަށް އިރާގުގެ އަވަހާރަކޮށްލާފައިވާ ރައީސް ސައްދާމު ހުސައިންގެ ދަރިކަނބަލުން ރަގަދު ސައްދާމު ހުސައިން ތައުރީފް ކުރައްވައިފި އެވެ.
މީގެ 10 އަހަރު ކުރިން ބައްޕާފުޅު ދަންޖެއްސި ފަހުން ދެއްވި ފުރަތަމަ އިންޓަވިއުގައި ރަގަދު ސީއެންއެން އަށް ފޯނުން ވިދާޅުވީ އެމެރިކާގެ ވެރިކަމަށް ކުރިން ވަޑައިގެންނެވި މީހުންނަށް ވުރެ ދެން ވަޑައިގަންނަވާ ބޭފުޅާ ގެންގުޅުއްވާ ވިސްނުން ރަނގަޅު ކަމަށެވެ. އިރާގު ހަނގުރާމަ އަށް ޓްރަމްޕް ދެކޮޅު ހައްދަވާތީ ވެސް ރަގަދު ވަނީ ތައުރީފް ކުރައްވައިފަ އެވެ.
"އެހެން މީހުން ހަދާ ގޯސްތައް އޭނާ (ޓްރަމްޕް) ފާހަގަ ކުރައްވާ. ހާއްސަކޮށް އިރާގުގައި. އިރާގަށް ހެދި ގޮތާއި ބައްޕަ އަށް ހެދި ގޮތް އޭނާ އަށް ރަނގަޅަށް އެނގިވަޑައިގަންނަވާ،" އުމުރުން 48 އަހަރުގެ ރަގަދު ވިދާޅުވި އެވެ.
ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ
ރިޔާސީ ކެމްޕޭން ތެރޭގައި ޓްރަމްޕް ވަނީ އިރާގަށް އަރައިގަތުމާ ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އިރާގު ހަނގުރާމައިގެ ކުރިންނާއި ފަހުން ދެއްވި އިންޓަވިއުތަކުގައި ޓްރަމްޕް ވަނީ އެކަމަށް ތާއީދު ކުރައްވައިފަ އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ސައްދާމަކީ" ގޯސް މީހެއް" ނަމަަވެސް ޓެރަރިސްޓުން މަރަން އޭނާ ގެންގުޅުނު އުސޫލަށް ތާއީދު ކުރައްވާ ކަމަށެވެ.
ރަގަދު ވިދާޅުވީ އިރާގުގައި މިހާރު އޮތް ހަމަނުޖެހުމުގެ ޒިންމާ އުފުލަން ޖެހޭނީ އެމެރިކާ ކަމަށެވެ. އަދި ޖޯޖް ޑަބްލިއު. ބުޝްއާ ތަފާތު މީހަކަށް ޓްރަމްޕް ވާނެ ކަމަސް އުއްމީދު ކުރައްވާ ކަމަށް ރަގަދު ވިދާޅުވި އެވެ.
ސައްދާމު ދަންޖައްސާފައި ވަނީ 2006 ވަނަ އަހަރު އެވެ. ރަގަދު ވިދާޅުވީ އެންމެ ފަހު ވަގުތު ވެސް އެމެރިކާ ކުރިމަތީ ބޯނުލަނބާ ބައްޕަ އަވަރާވެދިޔަ ގޮތާ މެދު ފަހުރުވެރިވާ ކަމަށެވެ.
އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިން. --ފޮޓޯ:އޭޕީ
"ދަންޖައްސަން ބޮލުގައި ހުޑު އަޅުވަން ބައްޕަ ދެކޮޅު ހެއްދެވި. ބައްޕަގެ މަރުގެ ތަފްސީލުތަކަކީ ހުތުރު އަދި ވޭންދެނިވި ހަނދާންތަކެއް. އެކަމަކު އެއީ ޝަރަފުވެރި މަރެއް،" ރަގަދު ވިދާޅުވި އެވެ. "ބައްޕަގެ މަރަކީ މުޅި އާއިލާ އާއި ބައްޕަ އަށް ތާއިދު ކުރި އެންމެންނަށް ލިބުނު ފަހުރަކާއި ހިތާމައެއް. އެކަމުގެ ސަބަބުން އެ މީހުންގެ ހިތްތަކުން ބައްޕަ އަށް ޖާގަ ދެވުނު."
ބައްޕައާ އޮތް ގުޅުމާ އަަދި ފިރިކަލުން ހުސައިން ކާމިލު އަވާރަކޮށްލުމާ ބެހޭ ގޮތުން ވެސް ރަގަދު ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ސައްދާމު ހުސައިންގެ ދަރިކަނބަލުން ރަގަދު އާއި އޭނާގެ ފިރިކަލުން ހުސައިން ކާމިލް
ރަގަދުގެ ކޮއްކޮ ރަނާ ކައިވެނި ބައްލަވައިގެން އުޅުއްވީ ސިފައިންގެ އިސް އޮފިސަރު ހުސައިން ކާމިލުގެ ކޮއްކޮއާ އެވެ. އެ ދެބެން ވަނީ 1995 ވަނަ އަހަރު، އަނބިންނާ އެކު، ޖޯޑަން އަށް ފިއްލަވައިގެން ވަޑައިގެންފަ އެވެ. އެ މީހުން ޖޯޑަން އަށް ވަޑައިގެންނެވީ ސައްދާމުގެ ދޮށީ ފިރިހެން ދަރިކަލުން އުދައްޔުއާ މައްސަލަ ޖެހިގެން ކަމަށްވެ އެވެ. އެކަމަކު އަހަރެއް ނުވަނީސް ސައްދާމު ވަނީ އެ މީހުން އެނބުރި އައުމަށާއި މައާފު ދެއްވާނެ ކަމަށް އަންގައިފަ އެވެ. އެކަމަކު އެ މީހުން އިރާގަށް ދިއުމުން ސައްދާމު ވަނީ އެ މީހުންގެ އަނބިން ވަރިކުރުމަށް އަންގައިފަ އެވެ. އޭގެ ފަހުން އެ މީހުން ވަނީ މަރާލައިފަ އެވެ.
ރަގަދު ވިދާޅުވީ އެއީ ވަރަށް ހިތްދަތި ހާދިސާއެއް ކަމަށާއި އެއްކޮޅުގައި ތިބީ ބައްޕަ އާއި އާއިލާގެ ފިރިހެން މެންބަރުން ކަމަށާއި އަނެއްކޮޅުގައި ފިރިކަލުންނާއި އޭނާގެ ކުދިން ކަމަށެވެ. ފިރިކަލުން އަވަހާރަކޮށްލިތާ ހަތް އަހަރު ފަހުން ރަގަދު ވަނީ 2003 ވަނަ އަހަރު ބައިނަލްއަގުވާމީ މީޑިއާގެ ކުރިމަތީގައި ބައްޕަގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.
އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިންގެ އާއިލާ: ފޮޓޯގައި ކޮޅަށް ތިބި މީހުންގެ ވާތް ފަރާތުގައި ރަގާދު.
ރަގަދު ވަނީ 1979 ވަނަ އަހަރު އިރާގުގެ ވެރިކަމަށް ވަޑައިގެންނެވި ސައްދާމު ހުސޭންގެ ޒައާމަތަށް ވެސް ތައުރީފް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ބައްޕަ ވެރިކަމުގައި ހުންނެވި ނަމަ އައިއެސް ފަދަ ގްރޫޕްތަކަށް އިރާގަށް ވަންނަން ނުކެރުނީސް ކަމަށެވެ. ރަގަދު ވިދާޅުވީ ވެރިކަމުގައި ކަންކަން ނިންމުމުގައި އޭނާ އާއި ކޮއްކޮ ރަނާ އަދި މަންމަ ބައިވެރިނުވާ ކަމަށެވެ. ސައްދާމުގެ ވެރިކަމުގައި ސިޔާސީ ގޮތުން ހަރަކާތްތެރިވީ އުދައްޔު އާއި ގުސައްޔު އެވެ. އެ ދެ މީހުން ވެސް ވަނީ އިރާގު ހަނގުރާމައިގައި އަވަހާރަކޮށްލައިފަ އެވެ.
އިރާގަށް އެމެރިކާ ސިފައިން 2003 ވަނަ އަހަރު އެރުމާ ގުޅިގެން ރަގަދު ވަނީ އެ ގައުމު ދޫކޮށް ޖޯޑަން އަށް ބަދަލުވެފަ އެވެ.
ޓްރަމްޕް މައާފް ދޭ މީހުންގެ ތެރޭގައި އިރާގުން މީހުން މެރި މީހުން
އެމެރިކާ ސިފައިން ހިމާޔަތްހޯދީ ސައްދާމުގެ ބަންކަރުތަކުން
ސައްދާމް ހުސައިންގެ ފަހުބަސް ދަރިކަނބަލުން އާއްމުކޮށްފި
ކުއްލި ދަތުރުފުޅެއްގައި ޓްރަމްޕާއި މެލަނިއާ އިރާގަށް
ސައްދާމް ހުސޭނަށް ޖެހުނު ހާލު ޓްރަމްޕަށް ވެސް ޖެހޭނެ
ސައްދާމުގެ ޑިފެންސް މިނިސްޓަރު މިނިވަންކުރެވޭތޯ ބަލަނީ
އިރާގުގެ ވޯންޓެޑް ލިސްޓުގައި ސައްދާމުގެ ދަރިކަނބަލުން
2017ގެ އެންމެ މުހިންމު ބައެއް ކަންތައް
ސައްދާމް އިރާގުން ގެންދަން ގައްޒާފީ މަސައްކަތް ކުރެއްވި
ޓްރަމްޕުގެ ދަނބިދަރިކަލުން އިރާގުގައި