Roadha Mihaaru
މަސްވެރިންގެ ޝަކުވާ ހައްގު، ވައުދެއް ނުފުއްދޭ: ނަޝީދު

މަސްވެރިންގެ ޝަކުވާ ހައްގު، ވައުދެއް ނުފުއްދޭ: ނަޝީދު

07 އެޕްރީލް 2022

މަސްވެރިން ކެނޑިނޭޅި އުފުލާ ޝަކުވާތަކާއި ކަންބޮޑުވުންތަކުގައި ބުރަދަން އެބަހުރި ކަމަށާއި އެ މީހުންގެ އުއްމީދަށް މި ސަރުކާރަށް ވެސް ވާސިލްނުވެވުމުގެ މާޔޫސްކަމަށް އޮތް ހައްލަކީ އެމްޑީޕީގެ މެނިފެސްޓޯއަށް ރުޖޫއަވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަސްވެރިން ކެނޑިނޭޅި އުފުލާ ޝަކުވާތަކާއި ކަންބޮޑުވުންތަކުގައި ބުރަދަން އެބަހުރި ކަމަށާއި އެ މީހުންގެ އުއްމީދަށް މި ސަރުކާރަށް ވެސް ވާސިލްނުވެވުމުގެ މާޔޫސްކަމަށް އޮތް ހައްލަކީ އެމްޑީޕީގެ މެނިފެސްޓޯއަށް ރުޖޫއަވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ، މައި ޕާޓީގެ ގޮތުގައި ކޯލިޝަނަކުން ހިންގާ މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދުނު ކަމަށް ބުނާ ވާހަކައަށް ނަޝީދު އެއްބަސްވެވަޑައިގަތެވެ. އެ މަނިކުފާނުގެ ޓުވިޓާގައި އާއްމުކުރެއްވި "ކެޔޮޅާ މިއީ އަހަރެމެން ބުނި ގޮތެއް ނޫން" ލިއުއްވުމުގައި ވިދާޅުވީ މަސްވެރިން ކުރަނީ ހައްގު ޝަކުވާތަކެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މަހަށް ހަމަ އަގު ނުހޯދުމާއި މަސްކިރުމުގައި މަސްވެރިން އުފުލާ ތަކުލީފަށް ނުނިމިގެން ތަކުރާރުކުރާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ޖެހޭ ކަމަށެވެ. މި ވެރިކަމަށް އެމްޑީޕީން 2018 ގައި ނެރުނު މެނިފެސްޓޯގައި ހައްލު އޮވެމެ އެ މަގަށް އަދި ރުޖޫއަނުވެވޭ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މި ވެރިކަމަށް ނެރުނު މެނިފެސްޓޯގެ ތަސައްވުރު މަސްވެރިން ބަލައިގަނެ ވޯޓު ލިބުނީ އެ ޕާޓީން ދިން ޔަގީން ކަމަށެވެ. އެންމެ ފަހުގެ މެނިފެސްޓޯ އޮތީ މަސްވެރިންނަށް ކަނޑު ރޯދި ހޯދުމުގެ ހުށަހެޅުމެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"ނޫ އިގްތިސާދެއް ބިނާކުރުމެވެ. މަސްވެރިކަމުގެ ފުރިހަމަ ނަފާ ހޯދުމަކީ މި ސިޔާސަތުގެ ނާރެސް އެވެ،" ނަޝީދު ލިއުއްވި އެވެ.

މައްސަލައަކީ ސަރުކާރުން ކޮންޓްރޯލް ނެގުން!

މަސްވެރިން ބާނާ މަސް އެންމެ ގިނައިން އަދިވެސް ގަންނަނީ ސަރުކާރުގެ ކުންފުނިތަކުން ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ޒަމާންވީ އެ ހިންގުމުން އަރައިގަނެގެން ތިބެންވީތާ އެތައް ދުވަހެއް ވެއްޖެ ކަަމަށެވެ. ރާއްޖޭގެ މަސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއީ ކަަމަށް ނަޝީދު ވިދާޅުވި އެވެ.

"އެ ސިނާއަތުގައި ސަރުކާރު ބައިވެރިވާ މިންވަރު ބޮޑުވުމެވެ. ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަސް ގަނެ އެ މަސް ބަންދުކުރެވި ރާއްޖެއިން ބޭރަށް ފޮނުވުމުގެ ގާބިލްކަން އެއްވެސް ސަރުކާރަކަށް ނުހޯދުނެވެ. ހޯދިދާނެ ކަމަށް ދެކުމަކީ ވެސް އަމާޒު ގެއްލުމެވެ،" ނަޝީދު ވިދާޅުވި އެވެ.

"މި ސަރުކާރު އެ މައްޗަށް އުފެދިފައިވާ މެނިފެސްޓޯ، މައްސަލައަށް ހައްލެއް ހުށަހެޅި އެވެ. މަސްވެރިން ބާނާހާ މަހެއް ވިއްކި ބަންދުކުރެވި ބޭކުރެވިދާނެ އިންތިޒާމެއް 2018 ވަނަ އަހަރުގެ އެމްޑީޕީ މެނިފެސްޓޯ ހުށަހެޅި އެވެ."

އެއީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި ގޭދޮށު މަސް ޕްލާންޓުގެ ސިޔާސަތެވެ. މިއީ ފައިދާ ބޮޑު ސިޔާސަތެއް ކަމަށާއި އެތައް ގައުމެއްގައި ހިންގަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"މަސްގަނޑު ކޮށާއި ފިނިކޮށް ރައްކާކުރުމާއި މަސް ބަންދުކުރުމުގެ މިއަދުގެ ސިނާއަތުގައި ކުދި މަސްބަންދުކުރާ ނިޒާމްތައް އިންތިހާއަށް ފައިދާ ބޮޑުކޮށް އެތައް ގައުމެއްގައި އެބަ ހިންގަ އެވެ. ދުވާލެއްގެ މައްޗަށް ދިހައެއް ނުވަތަ ވިހި ޓަނު ބަންދުކުރެވޭ މިންވަރުގެ މަސްބަންދުކުރާ ނިޒާމްތަކެވެ. ވިހި ތިރީސް މީހުން މަސައްކަތް ކުރާ ގޭދޮށު ކުދި ފެކްޓްރީތަކެކެވެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކޮންޓްރޯލްގައި އޮތް މަސްވެރިކަމުގެ ސިނާއަތުގައި، ރޯމަސް ގަތުމުގެ ހުއްދަ އާއްމު ފަރާތްތަކަށް ދޫކޮށްލަން 2003 ގައި ފަށައި 2008 ގައި އެކަން ފުޅާކުރި އެވެ. މިއާ އެކު މަސް ގަންނަ ކުންފުނިތައް ގިނަވެ މަހުގެ އަގު އުފުލެން ފެށި ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު "ވައްޓާލައި" ފުރަތަމަ ބަދަލެއްގެ ގޮތުން މަސްވެރިކަމުގެ ސިޔާސަތާ ކުޅުމުން މަހުގެ އަގު އިންތިހާއަށް ދަށްވެގެން ދިޔައީ ކަމަށެވެ.

ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ބާއްވައިގެން އަދިވެސް މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ވެސް ސަރުކާރަށް ދަންނަވާން އޮތީ، އެމްޑީޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށެވެ. ވީ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަށެވެ. ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގަ އާއި ކާރުހާނާ ޖާގަ ބޮޑުކުރުން ހުއްޓާލުމަށެވެ،" ނަޝީދުގެ އިލްތިމާސްގައި ވެ އެވެ.

ނަޝީދު އެދިވަޑައިގަތީ ރާއްޖޭގެ މަސްވެރި ރަނގަޅު ރަށްރަށުގައި ކައުންސިލްތަކާއި މަސްވެރިންނާއި އަދި ވިޔަފާރިވެރިންނަށް ހިއްސާވެވޭނެ ނިޒާމެއްގައި ހިންގާ ކުދި މަސް ފެކްޓްރީތައް ހެދުން އަވަސްކުރުމަށެވެ.