Roadha Mihaaru
ތުތިބޯވަދިލަމަހުގެ މަސްވެރިކަންކުރާ ސާމާނު ދޫކުރަނީ

ތުތިބޯވަދިލަމަހުގެ މަސްވެރިކަމަށް ބޭނުންވާ ސާމާނު ދޫކުރަނީ

06 ޖެނުއަރީ 2019

ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ތައާރަފްކުރުމަށް، އެކަމަށް ބޭނުންވާ ސާމާނު މަސްވެރިންނަށް ދޫކުރާނެ އުސޫލެއް ކަނޑައަޅައި ފިޝަރީޒް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ތައާރަފްކުރުމަށް، އެކަމަށް ބޭނުންވާ ސާމާނު މަސްވެރިންނަށް ދޫކުރާނެ އުސޫލެއް ކަނޑައަޅައި ފިޝަރީޒް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ މި ބާވަތުގެ މަސްވެރިކަމަށް ބޭނުންވާ އާލާތްތަކުގެ 10 ސެޓެއް އެ އުސޫލުގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ. އެއީ އަގު ބޮޑު ތަކެތި ކަމުގައި ވުމުން، އެ އެއްޗެހި ފޯރުކޮށްދޭން ނިންމާފައި ވަނީ ދިގު މުއްދަތުން ފައިސާ ދައްކައިގެން މިލްކު ކުރެވޭ ގޮތަށެވެ.

ފިޝަރީޒް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އަބްދުﷲ ޖައުފަރު ވިދާޅުވީ މި އާލާތްތައް އަގުބޮޑު ވަނީ، ކަރަންޓުން ބޭނުންކުރާ ތަކެއްޗަށް ވާތީ ކަމަށެވެ.

ތުތިބޯދަދިލަ މަސް ހިފުމަށް ބޭނުންކުރާ ޖިގު ދައްކައިދޭ ކުރެހުމެއް -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ތުތިބޯދަދިލަ މަސް ހިފުމަށް ބޭނުންކުރާ ޖިގު ދައްކައިދޭ ކުރެހުމެއް -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ތުތިބޯވަދިލަ މަހަކީ އައްޔަށް ދަތުރުކުރާ އެއްޗަކަށް ވުމުން، މި މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތުގައި ހުންނަނީ ބޮކި ހަރުކޮށްފަ އެވެ. ބޯވަދިލަމަސް ހިފުމަށް، އެކަމަށް ހާއްސަ ޖިގުގައި އިންނަ ދެ ނަނުގައި ހަރުކޮށްފައިވާ ބޮކި ދިއްލުމަށްފަހު ކަނޑަށް ދޫކުރާނީ އެވެ.

ޖައުފަރު ވިދާޅުވި ގޮތުގައި، ކަނޑަށް ދޫކޮށްލާ ނަނުގައި ބޯވަދިލަ މަހެއް ގަތުމުން، ކަރަންޓުގެ އެހީގައި އެ ނަނު ދަމާ ނަގާނީ އެވެ. މި އާލާތުގެ އެހީގައި 2،000 މީޓަރުގެ ފުންމިން ހުންނަ ހިސާބުތަކުގައި، 500 މީޓަރުގެ ލައިން ދޫކޮށްގެން ބޯވަދިލަ މަސް ބޭނޭނެ އެވެ.

"އެ ލައިން [ނަނު] އެހާ ދިގު ވީމަ ކަރަންޓު ބޭނުންކޮށްގެން ލައިން ނަގަން ޖެހޭނީ،" ޖައުފަރު ވިދާޅުވި އެވެ.

މި ސާމާނު ބޭނުން މީހުން އެކަމަށް އެދި، މި މަހުގެ 31 ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ. ހުޅުމާލޭގައި ހުންނަ އެ މިނިސްޓްރީގެ ފެޑް ސެންޓަރުގައި އެ އާލާތްތައް ދައްކާލަން ވަނީ ބަހައްޓައިފަ އެވެ.

ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންވާ އާލާތުގެ ސެޓެއްގެ އަގަކީ 249،018.73ރ. އެވެ. މި ތަކެތި ފޯރުކޮށްދޭ އުސޫލުގެ ދަށުން، ކޮންމެ މަހަކު އެ މިނިސްޓްރީއަށް 4،446.77 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި އެ ތަކެތި ދޭން ހަމަޖައްސާފައި ވަނީ އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް، ނުވަތަ މަސްވެރިކަމަށް ކުއްޔަށް ހިފާފައިވާ ބޯޓެއް އޮތް މީހުންނަށެވެ. ތަކެތި ދޫކުރުމުގައި ޒުވާން މަސްވެރިންނަށް އިސްކަން ދޭނެ އެވެ.

މަސްވެރިކަމަށް ބޭނުންވާ ތަކެތި ލިބޭ މީހުންނަށް ތުތިބޯވަދިލަ މަސްވެރިކަމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް މިނިސްޓްރީން ހިންގާނެ އެވެ.

ތުތިބޯވަދިލަ މަސްވެރިކަން ރާއްޖެއަށް ތައާރަފްކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 30 ދުވަހު ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ ވައުދެކެވެ. ބަންދު ދުވަސް ނުލައި ގުނާ ނަމަ، އެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހަށެވެ.