Roadha Mihaaru
ޖަވާބުދާރީވާން ޒަހާ އަށް ނޯޓިސް ފޮނުވައިފި

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވާން ޒަހާ އަށް ނޯޓިސް ފޮނުވައިފި

11 މާޗް 2021

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަށް ޖަވާބުދާރީވުމަށް މަޖިލީހުގެ އިދާރާ އިން އޭނާ އަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަށް ޖަވާބުދާރީވުމަށް މަޖިލީހުގެ އިދާރާ އިން އޭނާ އަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިސްވެ، ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 10 މެންބަރުންގެ ސޮޔާއެކުގަ އެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ބޭނުންވަނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ.

ޒަހާއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ފިޝަރީޒް މިނިސްޓްރީން ނުކުރާ ކަމަށާއި ދޭންޖެހޭ ހިދުމަތްތައް ވެސް ނުދެވޭ ކަމަށެވެ. އޭގެ އިތުރުން، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިނުދެވޭ ކަމަށާއި ސަރުކާރުން ވައުދު ވެފައިވާ ގޮތަށް ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓަރީ ވެސް ގާއިމު ނުކުރެވޭ ކަމަށް އެ މައްސަލައިގައި ބަޔާންކޮށްފައި ވެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ އިސް މެމްބަރު މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، ތެލާއި އައިސް ހޯދަން ދުރު ދަތުރުތައް ކުރަން ޖެހުން ވެސް ހިމެނެ އެވެ. އެހެންވެ، މިފަދަ އެތައް ކަންތައްތައް ހައްލު ކޮށްދެވިފައި ނުވާއިރު، މަސްވެރިންނަށް ވައުދު ނުފުއްދޭ ނަމަ ވަޒީރުކަމުގައި ޒަހާ ބެހެއްޓުމަކީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތައް އިތުރަށް ނިކަމެތިވާނެ ސަބަބެއް ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.

މި މައްސަލަ ހުށަހެޅުމަށް ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މައުމޫން ވިދާޅުވެފައި ވަނީ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އޭނާގެ ދިފާއުގައި އެމްއާރުއެމް މިހާރު ވަނީ ނުކުމެފަ އެވެ.

ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހެޅިއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ އެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް ވަޒީރުންނާ ދެކޮޅަށް، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ނުކުމެ ދަނީ ފާޅުގައި ފާޑުކިޔަމުންނެވެ. އެ ސިލްސިލާގެ ތެރެއިން މިހާތަނަށް އެންމެ ފަހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ވަޒީރުކަމުން ދުރުކުރީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ރެއާ ހަމައަށް ހުންނެވި މުހައްމަދު މަލީހު ޖަމާލެވެ.

މަލީހުގެ ދިފާއުގައި ޖޭޕީ ނުނިކުތް މައްސަލައިގައި އުފެދުނު ހިތްހަމަ ނުޖެހުމާ އެކު އޭނާ ވަނީ ރޭ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.