Roadha Mihaaru
އދ. އާއި ނޭޓޯގެ ޑިޕްލޮމެސީއަށް ޝައުގުވެރިކަމެއް ނެތް

އދ. އާއި ނޭޓޯގެ ޑިޕްލޮމެސީއަށް ޝައުގުވެރިކަމެއް ނެތް: ޒެލެންސްކީ

11 އެޕްރީލް 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދޮޅު މަހަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔައިރު ވެސް، ހަނގުރާމަ ހުއްޓުވުމަށް ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ހާސިލް ނުކުރެވުމުން، އދ. މަޖިލީހަށާއި ނޭޓޯ އަށް، ޔޫކްރޭންގެ ރައީސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދޮޅު މަހަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔައިރު ވެސް، ހަނގުރާމަ ހުއްޓުވުމަށް ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ހާސިލް ނުކުރެވުމުން، އދ. މަޖިލީހަށާއި ނޭޓޯ އަށް، ޔޫކްރޭންގެ ރައީސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސީބީއެސްގެ '60 މިނިޓްސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ އދ. މަޖިލީހާއި ނޭޓޯ އިން އިސްކުރާ ޑިޕްލޮމެސީއަކީ އެއިން އެއްވެސް ނަތީޖާއެއް ހާސިލްވާ އެއްޗެއް ނޫން ކަމަށެވެ.

"ޑިޕްލޮމެސީގެ ތެރެއިން މަސައްކަތް ކުރާއިރު، އެކަމުން އެއްވެސް ނަތީޖާއެއް ހާސިލެއް ނުކުރެވޭނެ. އެއީ ނަތީޖާއެއް ނުނެރެވި ކުރެވޭ އާދައިގެ ކަމެއް. ދެން އިތުރު ފުރާނަތައް ދުއްވައިލެވޭކަށް އަހަރެމެންނަކަށް ނެތް. އަހަރެންގެ ކިބައިގައި މިހާރު އާތިފީ އިހްސާސްތަކެއް ނެތް. އަހަރެންގެ ގައުމު ސުންނާފަތިކުރުމަށް މަގު ކޮށައިދޭ، އެ ބުނާ ޑިޕްލޮމެސީ އަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް މިހާރަކު ނެތް."

ރަޝިޔާގެ އުދުވާނީ ހަމަލާތައް ހުއްޓުވުމުގައި ނުކުޅެދިފައިވާ ކަމަށް ބުނެ، ރައީސް ޒެލެންސްކީ ވަނީ، އދ.ގެ ސަލާމަތީ މަޖިލިސް އުވައިލުމަށް ވެސް ދާދި ފަހުން ގޮވާލައްވައިފަ އެވެ. އަދި ނޭޓޯ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަހަރެމެން މި ދިފާއުކުރަނީ އަހަރެމެންނަށް ލިބިގެންވާ ދިރިއުޅުމުގެ ހައްގު. އެއީ އެހާ ބޮޑު އަގެއް ދައްކަންޖެހޭނެ ހައްގެއް ކަމަކަށް އަހަރެން ނުދެކެން. މިފަދަ ހައްގުތަކަކީ އިންސާނީ އަގުތައް. އަހަރެމެން ކުރަންވީ ކަންތަކާއި އަހަރެމެންނަށް ލިބިގެންވާ ހައްގުގެ ބޭނުން ހިފާނެ ގޮތް ކަނޑައެޅުމަކީ، އެއީ ރަޝިޔާ އަށް ލިބިގެންވާ އިޚްތިޔާރެއް ނޫން. އެ ހައްގުތަކަކީ އަހަރެމެންގެ ކަލާނގެ އާއި އަހަރެމެންގެ މައިންބަފައިން ދީފައިވާ ހައްގުތަކެއް،" "ރަޝިޔާގެ އުދުވާންގެ ކުރިމަތީގައި ޔޫކްރޭނުން ކުރަމުންދާ މަސައްކަތް، ދުނިޔެ ބަލައިގަންނަން އެދެނީ ކޮން ގޮތަކަށްތޯ ސުވާލު ކުރުމުން ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކަކީ، ރަޝިޔާގެ އުދުވާނީ ހަމަލާތައް އަނެއްކާ ވެސް އިތުރަށް ވަރުގަދަ ވާނެ ދުވަސްތަކެކެވެ. އެހެންކަމުން ޔޫކްރޭންގެ އާންމު ރައްޔިތުން އެކަމަށް ސަމާލުވެ ތިބުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

ރަޝިޔާ ސިފައިންނާ އެކުގައި ޔޫކްރޭނަށް އަރައި، ހަނގުރާމަ ކުރަމުންދާ ޗެޗްނިޔާ ހަނގުރާމަވެރިންގެ ލީޑަރު ރަމަޒާން ކަދީރޯވް ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި، ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށާއި ބޮޑެތި އެހެން ސަހަރުތަކަށް ވެސް ރަޝިޔާގެ ހަމަލާތައް އަމާޒުވާނެ އެވެ. އޭގެ އިތުރުން، ދެކުނުގައި އޮންނަ މަރިއުޕޯލް އަށާއި އެ ސަހަރުގެ ވަށައިގެންވާ އަވަށްތަކަށް ވެސް ހަމަލާތައް އަމާޒުކުރާނެ ކަމަށް އޭނާ ބުންޏެވެ.

ވެރިރަށް ކިޔޭވް ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ރަޝިޔާ ސިފައިން މިހާރު ޖަމާވަމުން ދަނީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ ހިމެނޭ ދޮންބާސް ސަރަހައްދަށެވެ.

ރަޝިޔާ ސިފައިން މިހާރު އަމާޒު ހިފާފައިވަނީ، ދޮންބާސް ސަރަހައްދު ޔޫކްރޭނާ މުޅިން ވަކިކޮށްލައި، ރަޝިޔާ އަށް ތާއީދުކުރާ ހަނގުރާމަވެރިންގެ ފުރިހަމަ ބާރުގެ ދަށަށް އެ ސަރަހައްދު ގެނައުމަށެވެ. ނަމަވެސް ދޮންބާސްގެ އެތެރޭގައި ޔޫކްރޭންގެ ގިނަ އަދަދެއްގެ ސިފައިން ފުރިހަމަ ހަތިޔާރާ އެކު ސާބިތުވެ ތިބެ، ރަޝިޔާ ސިފައިންނަށް މިހާރު ވެސް ދަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.