Roadha Mihaaru
33 ޕަސެންޓު ހޮވީ ކައްކައި މާފަތި އަޅުވާކަށް ނޫން!

އަންހެން ކައުންސިލަރުންނާއި ކޮމިޓީ ހޮވީ ކައްކައި، މާފަތި އަޅުވާކަށް ނޫން!

12 އެޕްރީލް 2022

ލޯކަލް ކައުންސިލްތަކުން 33 ޕަސެންޓް ޖާގަ އަންހެނުންނަށް ހާއްސަކޮށް، އަންހެނުންގެ ކޮމިޓީތައް ވެސް ބާރުވެރިކުރީ ރަނގަޅު ބަދަލަކަށެވެ؛ ރަށްރަށުގައި، ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންގެ ދައުރު ބޮޑުކުރުމަށެވެ. އަންހެނުންގެ ހިއްސާއާ އެކު ތަރައްގީގެ ކަންކަމާއި ހިދުމަތްތައް ކުރިއަށް ގެންދިއުމަށެވެ. މިއީ ރާއްޖޭގައި އިންތިޚާބީ މަގާމުތަކެއް އަންހެނުންނަށް ޚާއްސަ ކުރި ފުރަތަމަ ފަހަރެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލްތަކުން 33 ޕަސެންޓް ޖާގަ އަންހެނުންނަށް ހާއްސަކޮށް، އަންހެނުންގެ ކޮމިޓީތައް ވެސް ބާރުވެރިކުރީ ރަނގަޅު ބަދަލަކަށެވެ؛ ރަށްރަށުގައި، ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންގެ ދައުރު ބޮޑުކުރުމަށެވެ. އަންހެނުންގެ ހިއްސާއާ އެކު ތަރައްގީގެ ކަންކަމާއި ހިދުމަތްތައް ކުރިއަށް ގެންދިއުމަށެވެ. މިއީ ރާއްޖޭގައި އިންތިޚާބީ މަގާމުތަކެއް އަންހެނުންނަށް ޚާއްސަ ކުރި ފުރަތަމަ ފަހަރެވެ.

އަހަރެއް ވި އިރު ނަތީޖާ ކިހިނެއް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވިގޮތުގައި، އަދިވެސް ހުރީ ކަންބޮޑުވާން ޖެހޭ ޝަކުވާތަކެކެވެ. ނިންމުންތައް ނިންމުމުގައި އަންހެނުން ހަގީގީ މާނައިގައި ބައިވެރިކުރުން ކުޑަ އެވެ. ގާނޫނަށް ބަދަލު ގެނެސް އަންހެން ކައުންސިލަރުންނާއި ކޮމިޓީތައް އިންތިހާބުކުރި އަމާޒަަށް ދާން އަދިވެސް ހުރަސްތައް އެބަހުއްޓެވެ.

މި ބަދަލު ގާނޫނަށް ގެނައީ ރަށާއި އަތޮޅުތަކުގައި ވެސް އަންހެނުންގެ ބޮޑު ޕަސެންޓެއް ތިބިއިރު އެ މީހުންނަކީ ރަށު ތެރެ ސާފުކުރުމަށާއި ކެއްކުމަށާއި ރަށަށް އަރާ މެހްމާނުންގެ ކަރުގައި މާފަތި އަޅުވަން ތިބޭ ބައެއް ކަމުގެ ލޭބަލް ޒަމާނުއްސުރެ އަޅުވާފައި ވަނިކޮށެވެ. ގާނޫނުގައި އޮތީ، މިކަން ބަދަލުކޮށް އެއްވެސް ތަފާތެއް ނެތި ބާރުވެރިކަމާ އެކު އަންހެނުން ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.

އެ ގާނޫނުގައި އޮތް ގޮތަށް ކަންކަން ނުހިނގާތީ އީވާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދެވުމަށެވެ. އެ ގަރާރުގައި ހުރި ކަންބޮޑުވުންތައް ލާމަރުކަޒީ ކޮމިޓީން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މުގައްރިރު އަލީ ނިޔާޒް ވަނީ ދެއްވައިފަ އެވެ.

އަންހެން ކައުންސިލަރުންގެ 33 ޕަސެންޓާއި ކޮމިޓީތަކުގެ މައްޗަށް އަދިވެސް ގަދަވެގަންނަނީ ސަގާފީ ވިސްނުމެވެ. މި ފަހަރު ކޯޓާ ކަނޑައަޅައި ގާނޫނީ ބާރުވެރިކަން ދިނުމުން ވެސް އަދި ނަތީޖާއާ ހަމައަށް ނުދެ އެވެ.

މަޖިލީހުގައި އީވާ ވާހަކަ ދައްކަވަނީ: އޭނާ ގަރާރު ހުށަހެޅުއްވީ އަންހެން ކައުންސިލަރުންނާއި ކޮމިޓީތަކަށް ދިމާވާ ގޮންޖެހުންތަކުގައި ހައްލު ހޯދައިދެއްވުމަށް އެދިވަޑައިގެން. .---ފޮޓޯ: މަޖިލިސް

މަޖިލީހުގައި އީވާ ވާހަކަ ދައްކަވަނީ: އޭނާ ގަރާރު ހުށަހެޅުއްވީ އަންހެން ކައުންސިލަރުންނާއި ކޮމިޓީތަކަށް ދިމާވާ ގޮންޖެހުންތަކުގައި ހައްލު ހޯދައިދެއްވުމަށް އެދިވަޑައިގެން. .---ފޮޓޯ: މަޖިލިސް

މީގެ ކުރިން އަންހެނުންނަށް ކޯޓާ ކަނޑައަޅަން ކުރި މަސައްކަތްތައް ފެއިލްވެފައި ވަނީ އަންހެނުންނަށް ހުރަސްތަކެއް ހުރި ކަން ގަބޫލުނުކުރާ ވިސްނުމާ ހެދި އެވެ. ކައުންސިލްތަކާއި މަޖިލީހުން ވެސް ކޯޓާ ކަނޑައެޅުމާ ދެކޮޅަށް ބަހާ ދައްކަމުން އައީ ވެސް އެ ސަބަބާ ހެދި އެވެ.

އަންހެން ކައުންސިލަރުންނަށް ދައުރެއް ނޯވޭ!

އަންހެނުން ކުރިއަރުވައި ބާރުވެރިކުރަން ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހާ އެކު ރަނގަޅަށް ހިނގާ ކައުންސިލްތައް އެބަހުއްޓެވެ. ނިންމުންތައް ނިންމުމުގައި އަންހެން ކައުންސިލަރުން މާ ހީވާގިވެފައި ދައުރު ބޮޑު މަންޒަރު ވެސް ބައެއް ކައުންސިލްތަކުން ފެނެ އެވެ.

އީވާ ވިދާޅުވީ ކައުންސިލްތަކުގައި އަންހެނުންނަށް ބާރުތަކެއް ދިނީ ރަށު ފެންވަރުގައި ބަސް ބުނުމާއި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރަން ކަަމަށެވެ. އެއީ އެ ރަށަކާއި އަތޮޅެއްގެ އިތުރުން މުޅި ގައުމަށް ވެސް ފައިދާކުރާނެ ކަމަކަށް ވާތީ ކަން ވެސް ފާހަގަކުރެއްވި އެވެ.

"ބައެއް އަންހެން ކައުންސިލަރުން އަދި ޑަބްލިއުޑީސީއާ ވާހަކަ ދައްކާއިރު މައްސަލަތަކެއް އެބަ ފާހަގަކުރައްވާ. ބައެއް އަންހެން ކައުންސިލަރުންނަށް އަދި ޑަބްލިއުޑީސީއަށް މަސައްކަތުގައި އެއްވެސް ދައުރެއް ނޯންނަ ކަމަށް އެބަ ބުނޭ. މިސާލަކަށް މަޝްވަރާގައި ބައިވެރިނުކުރުން،" އީވާ ވިދާޅުވި އެވެ.

"ހަމައެކަނި ކައްކާލަން ތިބޭ ބަޔަކަށް ހެދުން. މެހްމާނުން ދާ ގަޑީގައި ހަމައެކަނި ސަފުގައި ތިބޭ ބަޔަކަށް ހެދުން. ނުވަތަ ބައެއް ފަހަރަށް ސަފުން ވެސް ޖާގަ ނުދޭ ހިސާބަށް ވެސް އެބަދޭ. ބަޖެޓުގެ ވެސް މައްސަލަތަކެއް އެބަކުރިމަތިވޭ."

އަންހެން ކައުންސިލަރުންގެ ބައިވެރިވުމާ އެކު ވަރަށް ފުރިހަމައަށް އެކުގައި މަސައްކަތްކުރާ ކައުންސިލްތަކެއް ހުރިކަން ފާހަގަކުރައްވަމުން ވެސް އީވާ އެދިވަޑައިގަތީ ބޮޑު ބަޔަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ކައުންސިލްތަކުން އަންހެން ކައުންސިލަރަށް ނުވަތަ ޑަބްލިއުޑީސީއަށް ޖެއްސުންކުރަނީއެކޭ ނޫން. އަޅުގަނޑު މި ދަންނަވަނީ ވަރަށް ގިނަ ފަހަރަށް ޖެއްސުމުގެ ގޮތުގައި އެ ފެންނަނީ ހަމަ ނޭނގިގެން ވެސް މެ. އިންކުލޫސިވް ޑިސިޝަން މޭކިން އާއި މިކަހަލަ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ބައެއް ފަހަރަށް ހަމަ ނޭނގިގެން ވެސް މި ކަހަލަ ނަތީޖާ އެބަ ނުކުމޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ މަޖިލީހާއި އެލްޖީއޭ އާއި ޖަމިއްޔާތައް ގުޅިގެން ދިރާސާއެއް ވެސް ކުރަން ޖެހޭ ކަމެކެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ އަންހެން ކައުންސިލަރުންނާއި ކޮމިޓީތައް މުހިއްމު މަގްސަދެއްގައި އިންތިހާބުކޮށްފައި ވިޔަސް އެ މީހުންގެ ދައުރު ބައެއް ފަހަރަށް ރައްޔިތުންނަށް އޮޅޭ ހިސާބަށް ކަންކަން ދާ ކަމަށެވެ.

"އަޅުގަނޑުމެން 33 ޕަސެންޓް ދިނީމާ އެއީ ކީއްވެގެން އަޅުގަނޑުމެން ކޮށްގެން އުޅޭ ކަމެއް ކަން ނުވިސްނޭ ކަަމަށް ހަމަ އަޅުގަނޑަށް އެބަ ފާހަގަކުރެވޭ ބައެއް ބޭފުޅުންނަށް. އެއީ އެއްގޮތަކަށް ވެސް އަންހެނަކަށް ވެގެން އަންހެނަކު އެތާ ބައިންދާކަށް ނޫން. އަންހެނުންނަކީ މުޖުތަމައުގެ 50 ޕަސެންޓަށް ވާ އިރު އަންހެނުންނަށް ދިމާވާ ހާއްސަ ހާލަތްތަކާއި އަންހެނުންގެ ވިސްނުނާއި ސިޔާސަތު ކަނޑައަޅާ މޭރު ދޮށަށް ގެނައުމަށްޓަކައި،" ރޮޒައިނާ ވިދާޅުވި އެވެ.

އެ ގަރާރާ ގުޅިގެން އަލީ ނިޔާޒް ވިދާޅުވީ އެ ކަންބޮޑުވުންތައް ބެލުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ކޮމިޓީ ސްޓޭޖާ ހިސާބަށް ދިއުމުން އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އަންހެނުންގެ ކުރިއެރުމަށް ސީދާ ފޯކަސްކޮށްގެން މިކަންކަން ބެލުމާއި އަދި ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް ކައުންސިލްތަކުގައި ތިބި އަންހެން މެމްބަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާ ދޭތެރޭގައި ކަންތައް ވެގެންދާ ގޮތާއި އަދި އެ ގާނޫނު ވުޖޫދުކުރި ގޮތަށް، ދުށް ގޮތަށް އެކަން ކުރިއަށް ދޭތޯ ބަލައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންތައް ކޮށްދޭނަން،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރުމުން ތިން ކަންބޮޑުވުމެއް ހުށަހަޅާފައި އެބަ އޮތެވެ. އެއީ މަސައްކަތް ކުރަން ޖާގަ ނެތުމާއި އުޖޫރަ ކުޑަވުމާއި ކައުންސިލަރުންގެ އެއްބާރުލުން ނުލިބުމެވެ.

މި ހުރިހާ ކަންބޮޑުވުންތަކާ އެކު އަންހެން ކައުންސިލަރުންނާއި ކޮމިޓީތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ރިޕޯޓެއް ކޮމިޓީން ތައްޔާރުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.