Roadha Mihaaru
އަންހެން މެމްބަރުން ގިނަކުރަން ޕީއެންސީން އެލަވަންސެއް

މަޖިލީހުގައި އަންހެން މެމްބަރުން ގިނަކުރަން ޕީއެންސީން އެލަވަންސެއް

29 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގައި އަންހެން މެމްބަރުން ގިނަކުރަން ބާރު އެޅުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ހޮވޭ ކޮންމެ މެމްބަރަކަށް މަޖިލީހުގެ މުސާރަ އާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ވީހާވެސް ގިނަ އަންހެން މެމްބަރުން ބައިވެރިވެ، ހޮވިގެން ދިއުމަކީ އެ މަނިކުފާނު ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މުއިއްޒު އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ 20 ޕަސެންޓް މެމްބަރުންގެ ގޮތުގައި އަންހެނުން ހޮވުމަށް ޕީޕީއެމް/ޕީއެންސީން މަސައްކަތްކޮށްދިނުމަށެވެ.

މަޖިލިސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު، ދާއިރާތަކަށް ޝައުގުވެރިކަން ފާޅުކޮށް، ބައެއް ބޭފުޅުން ގެންދަވަނީ ގޮނޑިތަކަށް ވާދަކުރައްވާނެ ކަން އިއުލާންކުރައްވަމުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަޖިލީހުގެ 20 ޕަސެންޓް ގޮނޑިއަށް އަންހެނުން ކުރިމަތިލާން އިންތިހާބީ ރައީސް އެދިވަޑައިގެންނެވިއިރު، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން އަންހެން މެމްބަރުންގެ އަދަދަކީ އެންމެ ހަތަރެކެވެ. އެއީ، މި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނެވެ.

އެކަމަކު، މަޖިލީހުގެ އާ އިންތިހާބުގައި ހަ ގޮނޑި އިތުރުކޮށް، 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެ އެވެ.