Roadha Mihaaru
ގާނޫނާ ހިލާފުކަމެއް ނުކުރަން މަސްވެރިންނަށް އިލްތިމާސް

މަސްވެރިން ކުރާ މުޒާހަރާގައި ގާނޫނާ ހިލާފުކަމެއް ނުކުރަން ފުލުހުން އިލްތިމާސްކޮށްފި

22 ޖޫން 2024

އައްޑޫ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިން ކުރަމުންދާ މުޒާހަރާގައި ގާނޫނާ ހިލާފު ކަމެއް ނުކުރަން ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.

އައްޑޫ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިން ކުރަމުންދާ މުޒާހަރާގައި ގާނޫނާ ހިލާފު ކަމެއް ނުކުރަން ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.

ހުޅުމީދޫ މިފްކޯ ބަނދަރުގައި 80 ވަރަކަށް މަސްވެރިން، ފައިސާ ނުލިބޭ މައްސަލައިގައި ދަނީ މުޒާހަރާކުރަމުންނެވެ. އަދި މުޒާހަރާއާ ގުޅިގެން އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ، މަސް ފެކްޓަރީގެ ހުރިހާ ސީނިއާ މުވައްޒަފުން ފެކްޓްރީން ބޭރުކޮށް މަސް ކެއްކުމަށް ހުރަސް އަޅާނެ ކަަމަށް މަސްވެރިން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖު ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އެ ބަޔާނުގައި ފުލުހުން ވަނީ އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އިދާރާއިން އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން އެއްބާރުލުންދިނުމަށް އެދިފަ އެވެ. އަދި އެގޮތަށް ކުރިއަށްގެންދާ އިހުތިޖާޖުތަކުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އާންމު މަސްލަހަތު އިސްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިހުތިޖާޖާ ގުޅިގެން މިފްކޯ އައްޑު ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވުމާ އެކު، އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ފުލުހުން ބުންޏެވެ.

މިދިޔަ ދޮޅު މަސްތެރޭގައި މިފްކޯއަށް ކިރުވި މަހަށް މަސްވެރިންނަަށް ފައިސާ ނުލިބި އޮތް މައްސަލާގައި މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެ އެވެ.

އެ ފައިސާ އިން މިދިޔަ ހަފްތާގެ ތެރޭގައި 46 މިލިއަން ރުފިޔާ ދައްކާނެ ކަމަށް މިފްކޯ އިން ބުނެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަސް ތެރޭގައި ފައިސާ ޖަމާ ކުރުމަށެވެ. އެކަމަކު ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުންނާއި މިފްކޯގެ މާލީ ހާލަތު ރަނގަޅު ނުކޮށް އެފަދަ ވައުދުތައް ފުއްދަން އުނދަގޫ ވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތީ މަސްވެރިންނަށް ނުދީ އެވެ. ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް 850 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ކުރިން މިނިސްޓަރު ވިދާޅުވި އެވެ.