Roadha Mihaaru
ދަގަނޑޭ ފިޓްވާން މެރަތަން ރަނާސްއެކު ނުކުތީ ދުވަން

ފިޓްނަސް ހިފަހައްޓަން މެރަތަން ރަނާސްއާ ދަގަނޑޭ ޓްރެއިނިންއަށް

18 އެޕްރީލް 2022

ގައުމީ ޓީމުގެ ފޯވާޑް، އަލީ އަޝްފާގް (ދަގަނޑޭ) ފިޓްނަސް ހިފަހައްޓަން ނަސްރުﷲ އަހްމަދުގެ މެރަތަން ރަނާސްގެ ޓީމާ ގުޅިއްޖެ އެވެ.

ގައުމީ ޓީމުގެ ފޯވާޑް، އަލީ އަޝްފާގް (ދަގަނޑޭ) ފިޓްނަސް ހިފަހައްޓަން ނަސްރުﷲ އަހްމަދުގެ މެރަތަން ރަނާސްގެ ޓީމާ ގުޅިއްޖެ އެވެ.

އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާ ދުރުގައި ހުރި ދަގަނޑޭ ވަނީ މިދިޔަ އަހަރު، ދުވުންތެރިޔާ ހަސަން ސާއިދާ އެކު ޓްރޭނިން ހަދައިފަ އެވެ. ނަސްރުގެ ކޯޗު ކަމުގެ ދަށުން ދަގަނޑޭ ޓްރެއިނިން ހަދާތާ ހަފުތާއެއް ވެއްޖެ އެވެ.

އެންމެ ގިނަ މެރަތަންގައި ވާދަކުރި ރާއްޖޭގެ ދުވުންތެރިޔާ ނަސްރު ބުނީ ދަގަނޑޭގެ ކޮންޑިޝަން ރަނގަޅު ކަމަށެވެ. އަދި ދުވުމުގައި ކުރިއަށް ދާން ދަގަނޑޭ އަށް ހިތްވަރު ދެމުންދާ ކަމަށް ވެސް ނަސްރު ބުންޏެވެ.

"މިހާރު އަޝްފާގްގެ ޓާގެޓެއްގެ ގޮތުގައި އޭނާ ބޭނުންވޭ 17 ނުވަތަ 18 މިނެޓުން ފަސް ކިލޯމީޓަރު ފުރިހަމަ ކުރަން،" ނަސްރު ބުންޏެވެ.

"އެއީ ވަރަށް ރަނގަޅު ޓާގެޓެއް. އޭނާގެ ކޮންޑިޝަން އަށް ބަލާއިރު އެހާހިސާބަށް ކުރު މުއްދަތެއްގައި އޭނާ އަށް ދެވޭނެ."

ނަސްރުﷲ އަހްމަދު (ވ) އަޝްފާގް އަށް މެރަތަން ރަނާސްގެ ޖޯޒީ ހަވާލުކޮށް ދެނީ

ނަސްރުﷲ އަހްމަދު (ވ) އަޝްފާގް އަށް މެރަތަން ރަނާސްގެ ޖޯޒީ ހަވާލުކޮށް ދެނީ

ނަސްރު ބުނީ އިންޓަނޭޝަނަލް މެރަތަންއެއްގައި ދަގަނޑޭ ބައިވެރި ކުރުމަށް މެރަތަން ރަނާސްގެ ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ. އުމުރުން 36 އަހަރުގެ ފޯވާޑާ ބެހޭގޮތުން ނަސްރު ބުނީ އުމުރަށް ވުރެ އަދި ވެސް އަޝްފާގް ލެވަލް ރަނގަޅު ކަމަށެވެ.

"މެންޓަލީ އޭނާ ވަރަށް ރަނގަޅު. ގިވް އަޕް ނުކޮށް މަސައްކަތް ކުރުމުގެ ވިސްނުން އޭނާގެ އެބަހުރި. އެކަހަލަ އަޒުމެއް އޭނަ ގެންގުޅުމަކީ ވެސް ކޯޗަކަށް ހުންނަ މީހަކަށް ލިބޭ ހިތްހަމަޖެހުމެއް،" ނަސްރު ބުންޏެވެ.

މިއަހަރު ފުޓްބޯޅަ ސީޒަންގައި އަޝްފާގް ކުޅުނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު އެކަންޏެވެ. އަތޮޅު ތެރޭގައި ބޭއްވި މުބާރާތެއްގައި ކުޅެނިކޮށް އަނިޔާވުމުން އޭނާ މިދުވަސް ކޮޅު ހުރީ ކުޅުމާ ދުރުގަ އެވެ.