Roadha Mihaaru
ނަސްރުގެ ހާއްސަ މެރަތަން ތުރުކީގައި ފުރިހަމަކޮށްފި

ނަސްރުގެ ހާއްސަ މެރަތަން ތުރުކީގައި ފުރިހަމަކޮށްފި

06 މާޗް 2023

ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ އަދި ކޯޗު ނަސްރުﷲ އަހުމަދުގެ ހާއްސަ މެރަތަން ތުރުކީގެ އަނަޓޯލިޔާގައި ފުރިހަމަކޮށްފި އެވެ.

ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ އަދި ކޯޗު ނަސްރުﷲ އަހުމަދުގެ ހާއްސަ މެރަތަން ތުރުކީގެ އަނަޓޯލިޔާގައި ފުރިހަމަކޮށްފި އެވެ.

ރަން ޓޯލިޔާގެ ނަމުގައި އިއްޔެ ބޭއްވި މެރަތަން ނަސްރު ފުރިހަމަ ކުރީ 3 ގަޑިއިރާއި 37 މިނެޓުންނެވެ. މިއީ ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ތެރޭގައި ނަސްރު ފުރިހަމަ ކުރި ތިންވަނަ މެރަތަން އެވެ. އެއާއެކު އޭނާގެ މެރަތަން އަދަދު ވަނީ 89 އަށް އަރައިފަ އެވެ.

މީގެ ކުރިން ދުވި ދެ މެރަތަން އޭނާ ދުވީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީ އަދި އިންޑިއާގެ ނިއު ދިއްލީގަ އެވެ. އެ ދެ މެރަތަން ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ފުރިހަމަކޮށްފަ އެވެ. ދުބާއީ މެރަތަން އޭނާ ފުރިހަމަ ކުރީ 3 ގަޑިއިރާއި 36 މިނެޓުންނެވެ. ދިއްލީ މެރަތަން ފުރިހަމަ ކުރީ 3 ގަޑިއިރާއި 35 މިނެޓުންނެވެ.

މެރަތަން ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ނަސްރު ބުނީ ރަން ޓޯލިޔާގެ މެރަތަން އޭނާ ހާއްސަ ކުރާނީ އޭނާ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ދުވުންތެރިޔަކަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ދުވުންތެރިޔެއް ކަމެއް ނުބުނެ އެވެ.

"އަޅުގަނޑު ބެލުމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ކުއްޖަކަށް މި މެރަތަން ހާއްސަ ކުރާނީ. އަދި ކޮން ކުއްޖެއްކަން ހާމަ ނުކުރާނަން. މި އިވެންޓްގެ ފިނިޝިން މެޑަލް އަޅުގަނޑު އެ ދުވުންތެރިޔާއާ ހަވާލު ކުރާނަން،" ނަސްރު ބުންޏެވެ.

ނަސްރު އާއި އޭނާގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ އަހުމަދު ނަސީރު: އޭނާ ވަނީ ހާފް މެރަތަންގައި އިއްޔެ ވާދަކޮށްފަ

ނަސްރު އާއި އޭނާގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ އަހުމަދު ނަސީރު: އޭނާ ވަނީ ހާފް މެރަތަންގައި އިއްޔެ ވާދަކޮށްފަ

ނަސްރު ކޯޗު ކަމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ އަހުމަދު ނަސީރު ވަނީ އިއްޔެ ރަން ޓޯލިޔާގެ މެރަތަންގެ ހާފް މެރަތަން ކެޓަގަރީގައި، ވާދަކޮށްފަ އެވެ. އޭނާ ހާފް މެރަތަން ނިންމީ 1 ގަޑިއިރާއި 41 މިނެޓުންނެވެ. ނަސްރު ބުނީ، އުމުރުން 52 އަހަރުގެ އަހުމަދު ނަސީރުގެ ޓައިމިން އޭނާގެ އުމުރާ ބަލާފައި ހިތްހަމަޖެހޭ ކަމަށެވެ.

"އެ އުމުރާ ބާލަފައި އެއީ ފުދޭވަރަކަށް ބާރު. އެކަމަކު އަޅުގަނޑު ޓާގެޓަކީ އޭނާ ލައްވައި 1 ގަޑި 30 މިނެޓުން ހާފް މެރަތަން ފުރިހަމަ ކުރުން،" ނަސްރު ބުންޏެވެ.

ނަސްރު ކުރިން ބުނީ އޭނާގެ 100 ވަނަ މެރަތަން މި އަހަރު ފުރިހަމަ ކުރުމަކީ އުންމީދެއް ކަމަށެވެ. އެ ޓާގެޓް ހާސިލު ކުރަން އިތުރު 11 މެރަތަންގައި އޭނާ ވާދަ ކުރަން ޖެހޭނެ އެވެ. ދެކުނު އޭޝިއާގައި ވެސް އެންމެ ގިނަ މެރަތަން ދުވި ދުވުންތެރިންގެ ތެރޭގައި ހިމެނޭ ނަސްރު ފުރަތަމަ މެރަތަންއެއްގައި ވާދަ ކުރީ މާލޭގައި 1999 ގައި ބޭއްވި އެމްޓީސީ މެރަތަން އެވެ.

މެރަތަންގައި އޭނާގެ އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ދުވެފަ އެވެ. އެ 13 މެރެތަން ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމި އެވެ. މިދިޔަ އަހަރު ނަސްރު ވަނީ 10 މެރެތަން ފުރިހަމަކޮށްފަ އެވެ.