Roadha Mihaaru
އުތުރު ކޮރެއާގެ ނިއުކްލިއާ ގާބިލްކަން އިތުރުކުރަނީ

އުތުރު ކޮރެއާގެ ނިއުކްލިއާ ގާބިލްކަން އިތުރުކުރާނަން: ކިމް

26 އެޕްރީލް 2022

އުތުރު ކޮރެއާގެ ދިފާއީ ބާރުގެ މައި ތަނބު ކަމަށްވާ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުތައް އިތުރަށް ތަރައްގީކޮށް ނިއުކްލިއާ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް، އެ ގައުމު ރައީސް ކިމް ޖޮންގް އުން ވައުދުވެވަޑައިގެންފި އެވެ.

އުތުރު ކޮރެއާގެ ދިފާއީ ބާރުގެ މައި ތަނބު ކަމަށްވާ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުތައް އިތުރަށް ތަރައްގީކޮށް ނިއުކްލިއާ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް، އެ ގައުމު ރައީސް ކިމް ޖޮންގް އުން ވައުދުވެވަޑައިގެންފި އެވެ.

އުތުރު ކޮރެއާގެ އަސްކަރިއްޔާ އުފެއްދިތާ 90 އަހަރު ފުރުން ފާހަގަކުރުމަށް، ރޭ ބޭއްވި އަސްކަރީ ހިނގާލުމަށް ފަހު އުތުރު ކޮރެއާ ސަރުކާރުން އާންމުކުރި ބަޔާނެއްގައި، ރައީސް ކިމް ވިދާޅުވީ އުތުރު ކޮރެއާގެ ގައުމީ ބާރުގެ ރަމްޒަކީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު ކަމަށެވެ. އެހެންކަމުން އެ ގައުމުގެ ނިއުކްލިއާ ގާބިލްކަން އިތުރުކޮށް ފުޅާކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަހަރެމެންގެ ގައުމުގެ ނިއުކްލިއާ ގާބިލްކަން އިތުރަށް ވަރުގަދަކޮށް ތަރައްގީކުރުމަށް ހަލުވި ފިޔަވަޅުތައް އެޅުމުގައި އަހަރެމެން ދެމިތިބޭނަން. އަހަރެމެންގެ ނިއުކްލިއާ ހަތިޔާރުތަކުގެ އަދަދު ވެސް އަދި ފެންވަރު ވެސް އަހަރެމެން މަތިކުރާނަން،" ރައީސް ކިމް ވިދާޅުވި އެވެ.

އުތުރު ކޮރެއާގެ އަސްކަރިއްޔާގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި އަސްކަރީ ހިނގާލުމުގައި، އެންމެ ފަހުން އެ ގައުމުގައި އުފައްދައި އަޖުމަ ބެލި އެންމެ ދިގު އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް، ހްވަސޮންގް-17 ވެސް އާންމުކޮށް ދައްކައިލި އެވެ.

"ބަދަލުވަމުންދާ އަސްކަރީ އަދި ސިޔާސީ ހާލަތުތަކާ ކުރިމަތިލެވޭ ވަރަށް އަދި ކުރިމަގުގައި ކުރިމަތިވެދާނެ ހުރިހާ ނުރައްކާތަކާ ކުރިމަތިލެވޭ ވަރަށް، ވީ އެންމެ ހަލުވި ދުވެއްޔެއްގައި އަހަރެމެންގެ ނިއުކްލިއާ ލަޝްކަރު އިތުރުކުރުމުގެ މަސައްކަތް ކުރަމުން ދާނަން،" އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން ވިދާޅުވި އެވެ.

އުތުރު ކޮރެއާގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް، ހްވަސޮންގް-17 އެ ގައުމުން އަޖުމަބެލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނިއުކްލިއާ ވޯހެޑާ އެކު ދަތުރުކޮށް އެމެރިކާގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ، މި މިސައިލް އަޖުމަބެލުމުގެ ދަތުރުގައި، ބިމުން ފެށިގެން 6248.5 ކިލޯމީޓަރު އުހުން ދަތުރުކޮށް، ހަމަލާ ދީފައިވަނީ 1090 ކިލޯމީޓަރު ދުރުން ޖަޕާން ކަނޑުގެ ތެރެއިން ކަނޑައަޅާފައިވާ އަމާޒަކަށެވެ. އަޖުމަބެލުމުގެ މި ދަތުރަށް 67.5 މިނެޓް ހޭދަވި ކަމަށް އުތުރު ކޮރެއާގެ ރަސްމީ އިދާރާތަކުން ބުނެ އެވެ.

މީގެ ކުރިން އުތުރު ކޮރެއާ އިން އެންމެ ފަހުން، 2017 ވަނަ އަހަރު އަޖުމަ ބެލި އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލަކީ އެ ގައުމުގައި އުފެއްދި ހްވަސޮންގް-15 އެވެ. އެ މިސައިލް 4475 ކިލޯމީޓަރު އުހުން، 53 މިނެޓް ތެރޭގައި 950 ކިލޯމީޓަރަށް ދަތުރުކުރި އެވެ.