Roadha Mihaaru
ފިތުރު ޒަކާތަށް މާލެއިން 6.7 މިލިއަން ރުފިޔާ

ފިތުރު ޒަކާތަށް މާލެ ސަރަހައްދުން 6.7 މިލިއަން ރުފިޔާ

16 މެއި 2021

މި އަހަރުގެ ފިތުރު ޒަކާތަށް މާލެ ސަރަހައްދުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ފިތުރު ޒަކާތަށް މާލެ ސަރަހައްދުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މިދިޔަ ރޯދަމަހުގެ 30 ވަނަ ދުވަހާ ހަމައަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ އިން 164،392 މީހުން ޒަކާތުގެ ގޮތުގައި 6،746،896ރ. ދައްކާފައިވާ ކަމަށެވެ. އެއީ ފާއިތުވި ހަތަރު އަހަރާ އަޅާބަލާއިރު ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު ފަހަރެވެ.

އެ މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2018 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ، ޖެހިގެން އައި 2019 ވަނަ އަހަރު 5.6 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 6.6 މިލިއަން ރުފިޔާ ލިބުނެވެ.

މާލެ ސަރަހައްދުގައި ފަގީރުންގެ ދަފްތަރުގައި 1،498 މީހަކު ރަޖިސްޓަރީވެފައި ވެ އެވެ. އޭގެ ތެރެއިން 1،494 މީހަކަށް އީދު ދުވަހުގެ ކުރިން ޒަކާތުގެ ގޮތުގައި 4،200ރ. ބަހާފައި ވެ އެވެ.

ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަވާލު ކުރުމަށް ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން 472،986ރ. ވަނީ ހަވާލުކޮށްފަ އެވެ.

ޒަކާތުގެ ގޮތުގައި އެ ރަށަކުން ލިބުނު ފައިސާއެއް އެ ރަށެއްގައި ރަޖިސްޓަރީ ވެފައިވާ ފަގީރުންނާއި މީސްކީނުންނަށް ބަހާއިރު އެކި ރަށްރަށުގައި ބޮލަކަށް ޖެހޭ އަދަދު ތަފާތު ވެ އެވެ. ރަށްރަށުގައި ޒަކާތުގެ ގޮތުގައި ފައިސާ ބެހި ގޮތުގެ ތަފްސީލު ލިބޭނީ މިނިސްޓްރީއަށް އެ ރަށްރަށުން ފޮނުވުމުންނެވެ.