10 މެއި 2022
އެއް އާއިލާގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލީ އޭނާގެ ގެއިން ހޯދާފައިވާ ކުދިންގެ ބަރަހަނާ ފޮޓޯތަކެއް ހުރި ޕެންޑްރައިވެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވަނިކޮށް ކަމަށް ބުނެ އެ ކުދިންގެ އާއިލާއިން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެއް އާއިލާގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލީ އޭނާގެ ގެއިން ހޯދާފައިވާ ކުދިންގެ ބަރަހަނާ ފޮޓޯތަކެއް ހުރި ޕެންޑްރައިވެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވަނިކޮށް ކަމަށް ބުނެ އެ ކުދިންގެ އާއިލާއިން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ ކުރީކޮޅު ހައްޔަރުކުރީ 55 އަހަރުގެ މީހެކެވެ. އޭނާ އަކީ ވިޔަފާރި ކުންފުންޏެއްގެ އިސް މީހެކެވެ.
ތުހުމަތުކުރެވޭ މީހާ އަކީ ކާކުކަން އެނގުނަސް، އަނިޔާ ލިބޭ ކުދިން ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނުގައި މަނާކޮށްފައި ކަމަކަށް ވާތީ ޚަބަރުގައި ނަން ނުހިމެނީ އެވެ.
މި ސީރިއަސް ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ދީފައި ވަނިކޮށް ބަންދު ރިވިއުއަށް ގެންދިއުމުން މިއަދު ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުން ފަދަ ކަންކަމަށް ޝަރުތުކޮށްފަ އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ޖިންސީގެ ގޯނާގެ ޝިކާރައަކަށްވި ކުއްޖެއްގެ މަންމަ، "މިހާރު" އަށް ބުނީ އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހާއަކީ ޅިޔަނެއް ކަމަށެވެ. ކުދިންނަށް ގޯނާ ލިބިފައި ވަނީ 2017 އާ ހަމައަށް ކަމަށާއި ކުދިން އެ ވާހަކަތައް ކިޔައިދިނީ ވަރަށް ފަހުން ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން އާއިލާއިން ވެސް ވަރަށް އިތުބާރުކުރި މީހެއް ވީމަ ކުދިންނެއް ވެސް އެ ވާހަކަ އާއިލާގެ އެކެއްގެ ގާތުގައި ވެސް ނުކިޔައިދޭ. ގަބޫލުނުކުރެވިދާނެތީ ކަންނޭނގެ އޭރު ނުކިޔައިދި އޮތީ،"
އޭނާ ބުނީ ތުހުމަތުކުރެވޭ މީހާ ވެސް ކުދިން ދިރިއުޅޭ ގޭގައި އުޅެފައި އޭނާގެ ދަރިންނާ އެކު ގެއިން ނުކުތީ ހަމަ ކުއްލިއަކަށް ކަމަށެވެ.
"އޭރު ޖިންސީ ގޯނާގެ ކަންތައްތަކެއް ނޭނގޭ. އެ މީހުން [ތުހުމަތުވާ މީހާގެ އާއިލާ] ހަމަ ވަރަށް ކުއްލި ގޮތަށް އަޅުގަނޑުމެން ގެއިން ނުކުމެގެން ދިޔައީ. ގޭތެރޭގެ މައްސަލައެކޭ ކިޔާފައި އެމީހުން ނުކުމެގެން ދިޔައީ. އެމީހުން ގެއިން ނުކުތް ކަމަށް ވަނީ އެތަނުން އެއް ކުއްޖަކު ޕޮލިހަށް ގުޅާނަމޭ މަންމަ ގާތު ވެސް ބުނާނަމޭ ބުނީމަ ކަމަށް ވަނީ. އެކަމަކު މަންމައަށް އެއްވެސް ކަމެއް ނުކުރެވޭނެއޭ ބުނީ ކުދިންނާ ދިމާލަށް،" އެތަނުން ކުއްޖެއްގެ މަންމަ ބުންޏެވެ.
"އޭގެ ފަހުން އެމީހުންނާ އަޅުގަނޑުމެން އެހާ ގުޅުމެއް ނޯވޭ. އެ މީހުން ގެއިން ނެރެލީއޭ ކިޔާފައި ރުޅިން އުޅުނީ،"
އޭނާ ބުނީ ކުދިންނަށް ޖިންސީ ގޯނާކުރިކަން އެނގުނީ 2019 ވަނަ އަހަރު އާއިލާގެ މީހުން ބެންކޮކަށް ކުރި ދަތުރެއްގައި ކަމަށެވެ. ކުދިން ގޮވައިގެން އާއިލާއިން ކުރި އެ ދަތުރުގައި އެމީހުންގެ ދައްތައެއް ވެސް އެ ގައުމުގައި ހުރުމާ އެކު އޭނާއާ ބައްދަލުކުރަން ދާން އުޅުމުން އެކަމަށް ކުއްޖާ ދެކޮޅުހެދި އެވެ.
"ކުއްޖާ ދާކަށް ބޭނުމެއް ނުވި އެ މީހުން އުޅޭ ގެއަކަށް. އެގޮތަށް ސުވާލުކޮށްގެން އެތައް ވަރަކުން މި ކިޔައިދިނީ ބެހުނުކަން. އަދި އެހެން ކުދިންނަށް ވެސް އޭނާ ބެހުނުކަން."
އާއިލާއިން ބުނި ގޮތުގައި، އެ ކުއްޖާއަކީ އާންމުކޮށް ގިނައިން ވާހަކަ ދައްކާ ކުއްޖަކަށް ނުވާތީ އެކަން ހިނގި ގޮތް އޮޅުން ފިލުވުން ވެސް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އޭނާ ބުނީ، ރާއްޖެ އައިސް ކައުންސެލިން ދޭން ވެސް މަސައްކަތްކުރި ކަމަށާއި އެކަމަކު ލޮކްޑައުން ތެރޭގައި އޮންލައިންކޮށް ސެޝަން ކުރިއަށް ގެންދާއިރު އެއްގޮތަކަށް ވެސް އެ ކުއްޖާ ވާހަކަ ނުދައްކާ ކަމަށެވެ. އެހެންވެ، ފަހުން ލޮކްޑައުން ނިމުމާ އެކު ފޭސް ޓު ފޭސް ސެޝަންތަކަށް އެ ކުއްޖާ ގެންދަން ފެށި އެވެ.
"ދެވަނަ ސެޝަންގައި ކުއްޖާ ކިޔައިދީފި އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ވާހަކަ އާއި ހުރިހާ ވާހަކައެއް ކައުންސެލަރަށް. ކައުންސެލާ މި ޕޮލިހަށް ވެސް އެންގީ މިއީ ހީކުރާ ވަރަށް ވުރެ ބޮޑު ކޭސް އެކޭ ކިޔާފައި،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ކުދިންނަށް އެ މީހާ ކޮށްލިވަރުގެ ތަފްސީލު އާއިލާއަށް ކިޔައިދޭން އަދިވެސް ކުދިން ބޭނުމެއް ނުވެ އެވެ. އެހެންވެ އެހާ ތަފްސީލުކޮށް އެ ވާހަކަތައް ކައުންސެލާ ވެސް ކިޔައިނުދޭ ކަމަށާއި އެކަމަކު އެނގިފައިވާ މައުލޫމާތުން ކުދިންނަށް ބަރަހަނާ ފިލްމު ދައްކާފައިވާ ކަމަށްވެ އެވެ. އަދި އެ ކުދިންނަށް ޖިންސީ އެކި އަނިޔާތައްކޮށް ބްލެކްމެއިލްކޮށްގެން ބަރަހަނާ ފޮޓޯ ނަގާފައިވާ ކަމަށް ކުދިން ބުނެފައިވެ އެވެ.
"އެ މައްސަލައާ ގުޅިގެން ޕޮލިހުން ވަނީ ކުދިންގެ ބަޔާން ނަގާފައި. އެ ކުދިން އެބަ ބުނޭ ޖިންސީ ގޯނާކުރިއޭ."
ޖިންސީ ގޯނާގެ ޝިކާރައަކަށްވި ތިން ކުއްޖަކަށް މިހާރު 18 އަހަރު ފުރިފައިވާއިރު އަަނެއް ތިން ކުދިންނަކީ އަދިވެސް 18 އަހަރުން ދަށުގެ ކުދިންނެެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އެ ތުހުމަތުކުރާ މީހާގެ ގެ ބަލައި ފާސްކުރިއިރު އެ ގެއިން ގެންދިޔަ ޕެންޑްރައިވްގައި ކުދިންގެ ބަރަހަނާ ފޮޓޯ އެބަހުރި ކަމަށް އާއިލާ އިން ބުނެ އެވެ.
"ބަލައިލަން ނުކުރޭހާ ހަޑިކޮށް ކުދިންގެ ފޮޓޯ ނަގާފައި އެބަހުރި. އެ ގެ ބަލައިފާސްކުރަނިކޮށް އެ ޕެންޑްރައިވް ފެނިގެން ކޯޓަށް މިއަދު އެ ވެސް ފުލުހުން ހުށަހެޅި. އެކަމަކު އެހާ ބޮޑު ހެއްކެއް އޮއްވައި ކީއްވެހޭ އެ މީހާ ދޫވާންވީ. އެއީ އިންސާނެއްގެ ސިފައިގައި ހުއްޓަސް ރަންނަމާރިއަކަށް ވުރެ ނުބައި ނުލަފާ މީހެއް."
އާއިލާއިން ކަންބޮޑުވަނީ ހަ ކުދިންގެ މުޅި ދިރިއުޅުން ހަލާކުކޮށްލި މީހަކު އެހާ ސީރިއަސް މައްސަލައެއްގައި ހައްޔަރުކުރުމުން ޝަރުތުތަކަކާ އެކު މިނިވަންކުރުމުންނެވެ.
އާއިލާ އިން ބުނީ ދަރިންނަށް އިންސާފު ލިބޭނެ ކަމަށް އޮތް އުއްމީދު ގެއްލިފައިވާ ކަމަށެވެ. ކޯޓުން އެ ނިންމުން ނިންމީ ނުފޫޒުން ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ ނިންމުމުގެ ސަބަބުން ކޯޓުތަކަށް ކުރާ ގަދަރު ވެސް ގެއްލިފައިވާ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ކޯޓުން އެވަރުގެ މީހެއް ދޫކޮށްލީމާ މިތަނުގައި ކިހިނެއްހޭ އިންސާފެއް ލިބޭނީ. ދަރިންގެ އިއްފަތްތެރިކަމަށް ވުރެ ބޮޑު އެކައްޗެއް ވެސް ނޯންނާނެ. މިތަނުން ކޮބައިތޯ އިންސާފަކީ؟ ކުށްވެރިއަކަށް މިތަނުން އަދަބެއް ލިބޭނެތޯ؟ ކޯޓުން އިންސާފު ނުލިބުނީ."
ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށް ނުރަސްމީކޮށް ވަނީ އެނގިފަ އެވެ.
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ދަރިންނާ ބެހުނު ބައްޕަ 30 ދުވަހަށް ބަންދުކޮށްފި
ކުއްޖަކާ ބެހުމުގެ ތުހުމަތުވާ އަނީސް އަލުން ބަންދަށް
ޖިންސީ ގޯނާގެ ދައުވާތަކުން ޓީޗަރު ސަލާމަތްވެއްޖެ
ހަކުދިންނާ ބެހުމުގެ ތުހުމަތުވި މީހާ ކޯޓުން ދޫކޮށްލައިފި
އެތައް އަހަރަކު ޖިންސީ އަނިޔާކުރީ ބައްޕަގެ ރައްޓެއްސެއް
ޔުނާންގެ ދެމަފިރިންގެ ބަންދަށް 7 ދުވަސް
ގްރޫމްކޮށްގެން ޖިންސީގޯނާކުރި މައްސަލާގައި ދައުވާކޮށްފި
ރޭޕްގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ